އިސްރާއީލުން ކޮށްފައިވާ އެތައް އަހަރެއްވީ ހިސާރާއި، ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ދަތި ހާލުގައި އުޅެމުންދާތާ ކިތަންމެ ދުވަހެކެވެ. އެހެން ނަމަވެސް ރަަމަޟާން މަސް ނިމި ފިޠުރު ޢީދު ކުރިމަތިވަމުން އަންނަ އިރު މި ފަހަރު އެމީހުންގެ އީދުގެ އުފަލަށް ހުރަސް އަޅާ އެެހެން ކަމެއްވެސް މިވަނީ ކުރިމަތި ވެފައެވެ.
ރާމަﷲ ގައި އޮންނަ ފަލަސްޠީނުގެ މައި ސަރުކާރާއި، ޣައްޒާ ކޮންޓުރޯލު ކުރާ ޙަމާސްގެ ސަރުކާރާ ދެމެދު ދެބަސްވުން ބޮޑުވެ ގުޅުން ކުޑަވެފައި ވާއިރު ފަލަސްޠީނު ސަރުކާރުން މިފަހަރު މުސާރަ ދީފައިވަނީ ޙަމާސްގެ ސަރުކާރުގެ އެންމެ %40 މުވައްޒަފުންނަށެވެ. އަދި ލިބުނު މުސާރަވެސް ވަނީ ކުރިއަށްވުރެ ކުޑަކޮށްފައެވެ.
ރަމަޟާން މަސް ނިމެން އަންނައިރު ބާޒާރުކުރަން ނުކުންނަ މީހުން މަދުވެފައި ވިޔަސް ޣައްޒާގެ ފިހާރަތައް ވަނީ ފިރިހެނުންނާއި އަންހެނުންގެ ހެދުމާއި، ކުޑަކުދިންގެ ހެދުމާއި، ބާވަތް ބާވަތުގެ ހަލުވާއާއި ފޮނި ކާތަކެއްޗާއި، ކުޑަކުދިން ކުޅޭ ތަކެތިން ފުރިފައެވެ. އީދަށް ބާޒާރުކުރާ މީހުންގެ އިންތިޒާރުގައެވެ.
ޣައްޒާގައި އޮންނަ 'މައިދާނު ފަލަސްޠީން' އަކީ ކޮންމެ އަހަރަކުވެސް އީދަށް ބާޒާރުކުރުމަށް އެންމެ ގިނަ ބަޔަކު އަންނަ ސަރަހައްދެވެ. އެތަނުގެ ފިހާރަތައް އޮންނަނީ އީދު ކައިރިވާއިރު ތޮއްޖެހިފައެވެ. އެހެންނަމަވެސް، މިއަހަރު މުޅިން ތަފާތެވެ. މިފަހަރު އެތަން ވެސް ފެންނަނީ ފަޅުކޮށެވެ.
ޙަމާސް ސަރުކާރުގެ މުވައްޒަފެއް ކަމުގައިވާ އަމްޖަދު ޙުސައިން އަލްޤުދްސް.ކޮމް އާ ވާހަކަދައްކަމުން ބުނީ ސަރުކާރު މުވައްޒަފުންގެ މުސާރަ %50 ކުޑަކުރުމުގެ ސަބަބުން ޣައްޒާ މިހާރު އޮތީ ބަލި އެނދުގައި ކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި މިއަހަރު އީދު އަންނައިިރު ޣައްޒާގެ ހުރިހާ ރައްޔިތުން ވެސް ތިބީ ވަރަށް ދަތި ހާލުގައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި ފަލަސްޠީނު ސަރުކާރުގެ މުވައްޒަފުންގެ ރަޖިސްޓަރީގައި ޣައްޒާގެ 60 ހާސް މުވައްޒަފުން ރަޖިސްޓަރީ ކުރެވިފައި ވެއެވެ. އެމީހުންގެ މުސާރައިން ޚަރަދުކުރަންޖެހޭ މީހުންގެ އަދަދު 8 ލައްކައަށް އަަރައެވެ. ފަލަސްޠީނު ސަރުކާރުން އެންމެ ފަހުން މުސާރަ ދިންއިރު ހުޅަނގު އައްސޭރީގެ މުވައްޒަފުންނަށް ފުރިހަމަ މުސާރަދީފައި، ޣައްޒާގެ މުވައްޒަފުންނަން މުސާރަދީފައި ވަނީ %30 އާ %50 އާ ދެމެދުގެ އަދަދެއް އުނިކޮށްފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މި ތަފާތުކުރުން ނައްތާލައި ޣައްޒާގެ މުވައްޒަފުންނަށް ހަމަ މުސާރަ ދިނުމަށް ގޮވާލާފައެވެ. އެހެންނޫނީ، މައިގަނޑު ގޮތެއްގައި ސަރުކާރުން ލިބޭ މުސާރައިގެ މައްޗަށް ދިރިއުޅުން ބިނާވެފައިވާ ޣައްޒާއަށް ބޮޑު ކާރިސާއެއް ކުރިމަތިވުމަކީ ނުވެ ނުދާނެ ކަމެއް ކަމުގައި އެމީހުން ދެކެއެވެ.