ބީޖޭޕީގެ ޔޫނިއަން މިނިސްޓަރ ނިތިން ގަދްކަރީ ސަލްމާން ޚާން އާއި ސަލީމް ޚާން އާއި ބައްދަލުކުރައްވައިފި

ބީޖޭޕީގެ މިނސްޓަރު ނިތިން ގެލެކްސީ އެޕާޓްމަންޓުގައި ސަލީމް ޚާން އަދި ސަލްމާން ޚާން އާ ބައްދަލުކުރައްވަނީ

ބީޖޭޕީ އިން އިސްނަގައިގެން ދާދި ފަހުން އިއުލާން ކުރި ހަރަކާތް 'ސަމްޕަރްކް ފޯރ ސަމަރްތާން' ކެމްޕޭނާ ގުޅިގެން ބީޖޭޕީގެ އިސް ފަރާތްތަކުން ދަނީ އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ މަޝްހޫރު ޝަޚްސިއްޔަތުންނާއި ބައްދަލުކުރަމުންނެވެ. މިގޮތުން މިއަދު ޔޫނިއަން މިނިސްޓަރު ނިތިން ގަދްކާރީ ވަނީ މުމްބާއީގައި ހުންނަ ސަލްމާން ޚާން ގެ ގެއަށް ޒިޔާރަތް ކުރައްވައި ސަލްމާން އާއި އޭނާގެ ބައްޕަ ސަލީމް ޚާން އާއި ބައްދަލުކޮށްފައެވެ. ބީޖޭޕީގެ މި އިސްނެގުމަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ވޭތުވެދިޔަ ހަތަރު އަހަރު ހާސިލުކުރެވިފައިވާ ކަންކަމާ މެދު މީހުން ހޭލުންތެރި ކުރުވުމެވެ.

ބީޖޭޕީ އިން މި ކެމްޕޭން ފަށާފައިވަނީ މޯދީގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާ ދިމާކޮށެވެ.

ނަރެންދްރަ މޯދީ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ސަލްމާން ޚާން އާއި އޭނާގެ ބައްޕަ ބައިވިރިވިއެވެ. 2014ވަނަ އަަހަރު ބީޖޭޕީ އިން ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާ ބޭފުޅަކީ މޯދީ ކަމަށް ހަމަޖެއްސުމަށް ފަހު ބޭއްވި ހަރަކާތެއްގައި ވެސް ސަލްމާން ބައިވެރިވިއެވެ.

ބުދަ ދުވަހު ބީޖޭޕީގެ ރައީސް އަމިތް ޝާހް ވަނީ ފަންނާނުންނާއި އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުންނާ ބައްދަލުކޮށްފައެވެ. އެގޮތުން އޭނާ ވަނީ މަދޫރީ ޑިކްސިޓްގެ ގެއަށް ޒިޔާރަތް ކުރައްވައި މަދޫރީ އާއި ބައްދަލުކުރައްވާފައެވެ. އަދި ސިނާއަތްތެރިއެއް ކަމަށްވާ ރަތަން ޓާޓާ އާއި ކުރީގެ އެތްލީޓް މިލްކާ ސިންގހް އާއި އުއްދާވް ތެކަރީ އާއި ވެސް އޭނާ ބައްދަލު ކުރެއްވިއެވެ.  

ބީޖޭޕީގެ ރައީސް އަމިތު ޝާހު މަދޫރީ ޑީކްސިޓްގެ ގޭގައި މަދޫރީ އާ ބައްދަލުކުރައްވަނީ

2019ވަނަ އަހަރުގެ ވޯޓުގެ ކުރީން މަދުވެގެން 50 ފަރާތަކާއި ޝާހް ބައްދަލުކުރައްވާނެއެވެ. އަދި އެފަރާތްތަކަށް ބިީޖޭޕީ އިން ފެށި ހަރަކާތުގެ ތަފްސީލާއި ސަރުކާރަށް ލިބިފައިވާ ކާމިޔާބީގެ ތަފްސީލު އަރުވާނެއެވެ. މިހަރަކާތާ ގުޅިގެން ބީޖޭޕީގެ ކޮންމެ މީހަކު މަދުވެގެން 10 މީހުންނާ ބައްދަލުކޮށް ހަރަކާތާ ގުޅޭ މައުލޫމާތު ހިއްސާ ކުރަން ޖެހެއެވެ.

ޔޫނިއަން މިނިސްޓަރުންނާއި ޑެޕއިުޓީ ޗީފް މިނިސްޓަރުން ހިމެނޭ ގޮތަށް ޕާޓީ 4000 އެއްހާ އިސް އޮފިޝަލުން މި ކެމްޕޭނުގައި ލައްކައަކަށް ވުރެ ގިނަ މަޝްހޫރު މީހުންނާ ބައްދަލުކޮށް މޯދީ ސަރުކާރުގެ ކާމިޔާބީ މަޝްވަރާ ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޚަބަރު ނަގާފައިވަނީ އިންޑިއަން އެކްސްޕްރެސް އިންނެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.