ޖޯޑަންގެ ބޮޑުވަޒީރު ހާނީ އަލްމުލްޤީ އިސްތިއުފާދެއްވުމުންވެސް، އެގައުމުގައި ކުރަމުން އަންނަ އިހުތިޖާޖުތައް ކުރިއަށް އެބަދެއެވެ. ޖޯޑަންގެ ރައްޔިތުން މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ފެށީ އަލްމުލްޤީގެ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ޓެކްސް އިތުރުކޮށް، އަގުތައް ކުޑަކުރުމާ ބެހޭ ބިލެއް ގާނޫނުހަދާ މަޖިލީހަށް ހުށަހެޅުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.
އިހުތިޖާޖުތައް ފަސްވަނަދުވަހަކަށް ދެމިގެންގޮސް ހުއްޓުމެއް ނެތި ކުރިއަށް ދާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޖޯޑަންގެ ރަސްގެފާނު ޢަބްދުﷲ އިއްޔެ ވިދާޅުވީ "ޖޯޑަން މިހާރު އޮތީ ހަތަރުއަނގޮޅިއެއްގެ މެދުގައި" ކަމަށާ "މިހާރު އޮތް ގޮތަކީ މި މައްސަލައިން ނުކުތުން ނުވަތަ ނޭނގޭ މުސްތަގްބަލަކާ ދިމާއަށް ދިއުން" ކަމުގައެވެ.
ޖޯޑަނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކާ ބެހޭގޮތުން ނޫސްތަކުގެ އެޑިޓަރުންނާއި، ނޫސްވެރިންނާ އިއްޔެ ބައްދަކުރައްވަމުން އޭނާ ވިދާޅުވީ "ސީރިޔާގެ ރެފިއުޖީންގެ ބުރަ އަހަރުމެން އުފުލަމުން ދާއިރުވެސް ޖޯޑަނަށް ލިބޭ ބައިނަލްްއަގްވާމީ އެހީ ވަނީ މަދުވެފައި" ކަމުގައެވެ.
"ބައެއް މަސްއޫލުވެރިންނަށް ކަންކަން ނިންމުމުގައި ގޯސް ހެދި ފަރުވާކުޑަކުރެވިފައިވާކަން ޤަބޫލުކުރަން ޖެހޭ. އެހެނަސް، އެފަދަ ކަންކަމާމެދު ވަގުތުން ފިޔަވަޅު އެޅިފައިވާ ވާނެ." ރަސްގެފާނު އިތުރަށް ވިދާޅުވިއެވެ.
ރަސްގެފާނު ޢަބްދުﷲ ވަނީ ބޮޑުވަޒީރު ހާނީ އަލްމުލްޤީގެ އިސްތިއުފާ އިއްޔެ ގަބޫލުކުރައްވައި، ތައުލީމާ ބެހޭ ވަޒީރު ޢުމަރު އައްރައްޒާޒަށް ބޮޑުވަޒީރުކަން ދެއްވާފައެވެ.
އެހެންނަމަވެސް، އެ ފިޔަވަޅަކީ އިހުތިޖާޖުކުރަމުންދާ މީހުން ހިތްހަމަޖެހޭ ވަރުގެ ފިޔަވަޅަކަށް ނުވިއެވެ. އެމީހުން ބުނަމުން ދަނީ އެމީހުން ބޭނުންވަނީ މަގާމުތައް ބަދަލުކުރުން ނޫންކަމަށާ، ބޭނުންވަނީ ސިޔާސަތު ބަދަލުކުރުން ކަމަށެވެ. އެމީހުން މިހާރު އިންތިޒާރު ކުރަމުން ދަނީ އިހުތިޖާޖުތައް ފެށުމުގެ ސަބަބަކަށްވި ޓެކްސް ބިލާ މެދު އާ ބޮޑުވަޒީރު އައްރައްޒާރު އަމަލުކުރައްވާ ގޮތަކަށެވެ. އެމީހުން ބުނަމުން ދަނީ އާ ބޮޑުވަޒީރު އެ ބިލު އަނބުރާ ނުނަންގަވަނީސް އިހުތިޖާޖުތައް ހުއްޓާނުލާނެ ކަމަށެވެ.
މެދުއިރުމަތީގެ ގިނަ ގައުމުތަކުގައި ހަމަނުޖެހުމާއި، ހަނގުރާތައް ކުރިއަށް ދާއިރު، ޖޯޑަނަކީ ނިސްބަތުން ހަމަހިމޭންކޮށް އޮތް، ރައްޔިތުން ދީފައިވާ މިނިވަންކަން ނިސްބަތުން ބޮޑު ގައުމެކެވެ.