މިއަހަރު ޙައްޖު މޫސުމުގެ ހުރިހާ ކަމަކާ ބެހޭގޮތުން ސަޢޫދީ ސަރުކާރާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމުގައި އީރާނުގެ މިނިސްޓަރ އޮފް ކަލްޗާ އެންޑް ގައިޑެންސް ސައްޔިދު ޢައްބާސް ޞާލިޙީ ވިދާޅުވެއްޖެއެވެ.
ޞާލިޙީ ވިދާޅުވި ގޮތުގައި އީރާނުގެ 90 ހާސް މީހުން ތިބީ ޙައްޖުގެ ދަތުރު ފެށުމަށް ތައްޔާރަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަހަރު ހައްޖުގެ ކަންތަކުގައި ސަޢޫދީ ޢަރަބިއްޔާއާއީ އީރާނާ ދެމުދު ވާހަކަތައް ކުރިއަށް ދިޔައީ 'އެކުވެރި އީޖާބީ' ޖައްވެއްގައެވެ.
އީރާނުގެ ހައްޖާބެހޭ މުއައްސަސާގެ ރައީސު ޙަމީދު މުޙައްމަދީ ވިދާޅުވީ ހައްޖުގެ ކަންތައް ރާވާ ކުންފުނިތަކާއެކު ވެސް އެއްބަސްވުމަށް އާދެވިފައިވާ ކަމުގައެވެ. އަދި އީރާނު ހައްޖުވެރިންގެ 583 ޖަމާޢަތް ޖިއްދާއަށް އުފުލުމާ ގުޅޭގޮތުން ސައޫދީ އެއާލައިނާއެކުވެސް އެއްބަސްވެވިފައިވާ ކަމުގައެވެ.
އޭނާ ޔަގީންކަން ދެއްވި ގޮތުގައި ސައޫދީ ހައްޖު މިިނިސްޓްރީގެ ސިސްޓަމްގައި އީރާނުު ޙައްޖުވެރިންގެ ނަންތައް ރަޖިސްޓަރީ ކުރުމަށް ފަހު ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އެމީހުންނަށް ވިސާ ދޫކުރަން ފަށާނެއެވެ.
ސަޢޫދީ މަސްއޫލުވެރިންނަށް އެންމެ ބޮޑަށް ފާހަގަކޮށްދެވުނު ކަންބޮޑުވުމަކީ އީރާނު ޙައްޖުވެރިންގެ ރައްކާތެރިކަމާމެދު އޮތް ކަންބޮޑުވުން ކަމަށާ، ސައޫދީންގެ ފަރާތުން އީރާނު ޙައްޖުވެރިންނަށް ވީ އެންމެ ރަނގަޅަށް ޚިދުމަތް ދޭނެ ކަމުގެ ޔަގީންކަން އެމީހުން ދީފައިވާ ކަމަށްވެސް މުޙައްމަދީ ވިދާޅުވިއެވެ.
2016 ވަނަ އަހަރު އީރާނާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ޙައްޖުގެ މައްސަލަައިގައި އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން އެއަހަރު އީރާނު މީހުން ޙައްޖަށް ނުދެއެެވެ. ޖެހިގެން އައި 2017 ވަނަ އަހަރު އީރާނުގެ 85 ހާސް މީހުން ޙައްޖުގެ އަޅުކަން އަދާކޮށްފައި ވެއެވެ.
2016 ވަނަ ތެެހެރާނުގައި ހުންނަ ސައޫދީ އެމްބަސީއަށް ބަޔަކު ހަމަލާ ދިނުމާ ގުޅިގެން ސަޢުދީން އީރާނާއެކު ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.