ހުނަރުވެރި ފޯވާޑު ގެރެތު ބޭލްގެ ދެލަނޑާއެކު ޗެމްޕިއަންސް ލީގު ވިދިވިދިގެން ތިންވަނަ ފަހަރަށް ސްޕެއިންގެ ރެއާލްމެޑުރިޑުން ކާމިޔާބުކޮށްފިއެވެ.
ޔޫކްރޭންގެ ކިއޭވްގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލިޑުނެގީވެސް ރެއާލް މެޑުރިޑުންނެވެ. އެ ޓީމަށް އެލަނޑު ޖަހައދިނީ 51 ވަނަ މިނިޓުގައި ކަރީމް ބެންޒެމާއެވެ. އެ ލަނޑުޖެހިތާ 4 މިނިޓުފަހުން ލިވަޕޫލްގެ ސަޑިއޯ މާނޭ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. އެހިސާބުން މެޗުގެ ފޯރިވެސް ގަދަވެގެން ދިޔައެވެ.
އެހެންނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ގެރެތު ބޭލް ވަނީ ދެ ލަނޑު ޖަހައިދީ ރެއާއަށް ތަށި ކަށަވަރުކޮށް ދީފައެވެ.
މިރޭގެ މެޗުގައި ލިވަޕޫލަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އިތުބާރު ފޯވާޑު މިސްރަށް އުފަން މުހައްމަދު ސަލާހަށް ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ކުރި ފައުލަކަށްފަހު ސަލާހުގެ ކޮނޑަށް އަނިޔާވެ އޭނާ މެޗާ ވަކިވާން ޖެހުމެވެ. އަނިޔާއަށްފަހު ފަރުވާ ހޯދައިގެންވެސް އޭނާ ކުޅެން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކެތްނުވެގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ އެޑަމްސް ލަލާނާއެވެ. ސަލާހު ފޭބުމުން ލިވަޕޫލްގެ ވަރުގަދަ ހަމަލާތައްވެސް މަދުވެ ރެއާލް ކޮންޓްރޯލް ނަގައި މެޗުގެ ތެރެއަށް ރަނގަޅަށް ވަނީ ވަދެފައެވެ.
މިއީ ލިވަޕޯލް ޗެންޕިއަންސް ލީގުގެފައިނަލުން ބަލިވި ދެވަނަފަހަރެވެ. އަދި ރިއާލްމެޑްރިޑްއިން ޗެންޕިއަންސް ލީގު ޖެހިޖެހިގެން ކާމިޔާބުކުރި ތިން ވަނަފަހަރެވެ.