2014 ވަނަ އަހަރު އިރުމަތީ ޔުކްރޭން މަތިން ދަތުރުކުރަނިިިކޮށް ވެއްޓިފައިވާ މެލޭޝިޔަން އެއާލައިންސްގެ ފްލައިޓް އެމްއެޗް17 ވަައްޓާލާފައިވަނީ ރަޝިޔާގެ މިލިޓަރީ ބްރިގޭޑަކުން ޔުކްރޭނަށް އައިސްފައިވާ މިސައިލަކުން ކަމަށް އެ ހާދިސާ ތަހުގީގުކުރާ ޓީމުން ބުނެފިއެވެ.
ރަޝިޔާއިން ވަނީ އަވަސްއަވަހަށް އެކަން ދޮގުކޮށް، އެފަދަ އެއްވެސް މިސައިލެއް ސަރަހައްދު ހުރަސްކޮށް ޔުކްރޭނަށް ވަދެފައި ނުވާނެކަމަށް ބުނެފައެވެ.
ގުޅިފައިވާ ތަހުގީގު ޓީމުގެ "ތަހުގީގުގެ ފަހުގެ ނިންމުމަކީ ފްލައިޓް އެމްއެޗް17 ވައްޓާލި BUK-TELAR މިސައިލް އައިސްފައި ވަނީ ރަޝިޔާގެ ކާސްކްގައި މަރުކަޒުކުރެވިފައިވާ 53 ވަނަ އެންޓި-އެއާކްރާފްޓް މިސައިލް ބްރިގޭޑުންކަމެވެ." ނެދަރލޭޑްސްގެ ފަރާތުން ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ތަޖުރިބާކާރު ވިލްބަޓް ޕޯލިސަން ވިދާޅުވެފައި ވެއެވެ. ނަދަލޭންޑްސްގެ ޔޫޓްރެޚްޓްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން އޭނާ ވިދާޅުވީ "53 ވަނަ ބްރިގޭޑަކީ ރަޝިޔާގެ އެއްގަމު ސިފައިންގެ ބްރިގޭޑެއް" ކަމަށެވެ.
2014 ވަނަ އަހަރުގެ ޖުލައި މަހު 17 ވަނަ ދުވަހު ކުއަލަލަމްޕޫރުން ފުރައިގެން އެމްސްޓަޑޭމަށް ދަތުރުކުރި އެމްއެޗް17 ފްލައިޓަކީ ބޮއިންގ 777 މަރުކާގެ ބޯޓެކެވެ. އެބޯޓު ވައްޓާލާފައި ވަނީ އޭރު ހަނގުރާމަ ހިނގަމުން ދިޔަ އިރުމަތީ ޔުކްރޭން މަތިން ދަތުރުކޮށްފައި ދަނިކޮށެވެ. އެ ހިތާމަވެރި ހާދިސާގައި ބޯޓުން ދަތުރުކުރި 298 ފަސިންޖަރުންނާއި ފަޅުވެރިން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ނެދަލޭންޑްސްގެ ރައްޔިތުންނެވެ.
އެމްއެޗް17 ވައްޓާލާފައި ވަނީ ރަޝިޔާގެ މިސައިލަކުން ކަމުގައި ތަހުގީގު ޓީމުން ކުރިން ބުނެފައިވީ ނަމަވެސް އޭރު ރަޝީޔާއިން ތާއީދާއެކު ޔުކްރޭން ސަރުކާރާ ހަނގުރާމަކުރަމުން ދިޔަ ހަނގުރާމަވެރިންނާ ހަމައަށް މިސައިލް އައި ގޮތުގެ ތަފްސީލު ދީފައެއް ނުވެއެވެ. ނަމަވެސް ތަހުގީގު ޓީމުން މިހާރު ވަނީ ރަޝިޔާގެ ކާސްކުން އިރުމަތީ ޔުުކްރޭނަށް އެ މަސައިލް ދަތުރުކުރި މަގު ހެއްކާއެކު ހޯދާފައެވެ.
"ރަޝިޔާގެ އެންޓިި އެއާކްރާފްޓް އެންމެ މިސައިލެއެްވެސް ދުވަހަކުވެސް ރިޝިޔާ ޔުކްރޭން ސަރަހައްދީ ރޮނގު ހުރަސްކޮށްފައި ނުވާނެ" ކަމުގައި، އެފަދަ ކަމެއް ހިނގާފައިވާކަން ދޮގުކުރަމުން ރަޝިޔާ އިން ނެރުުނު ބަޔާނެއްގައި ވެއެވެ.
އެމްއެޗް17 ގެ މައްސަލައާމެދު ދެން އަމަލުކުރާނެ ގޮތެއް ނިންމުމަށް ހުކުރު ދުވަހު ބާއްވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ނެދަލޭންޑްސް ގެ ބޮޑުވަޒީރު މާކް ރޫޓޭ ވަނީ އިންޑިޔާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކުރައްވާފައި ގައުމަށް އެނބުރިވަޑައިގެންފައެވެ.