އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ އުން އާ އޭނާއާ ދެމެދު ބާއްވާ ބައްދަލުވުން އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ކަން އެމެެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފިއެވެ.
"ކިމް ޖޮންގ އުންއާ އަހަރެންނާ ދެމެދު ބޭއްވޭނެކަމަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވެމުންދާ ބައްދަލުުވުން އޮންނާނީ ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައެވެ." ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ. "އެއީ ދުނިޔޭގެ ސުލްހައަށް ވަރަށް ޚާއްސަ ވަގުތުކޮޅެއް ކަމުގައި ހެދުމަށް އަހަރުމެން މަސައްކަތްކުރާނަން" އޭނާގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.
ސިންގަޕޫރުގައި އޮންނަ ބައްދަލުވުން ވެގެން ދާނީ އެމެރިކާގެ ރައީސަކު ވެރިކަމުގައި ހުންނަވައިގެން އުތުރު ކޮރެޔާގެ ޒައީމަކާ އެކު ބާއްވަވާ ފުރަތަމަ ބައްދަަލުވުން ކަމުގައެވެ. މި ބައްދަލުވުން ދެކޮރެޔާ ދެމެދުގައި އޮންނަ ހަތިޔާރު ގެންގުޅުން މަނާ ސަރަހައްެދު ނުވަތަ މޮންގޯލިޔާގައި ބޭއްވުމާ މެދުވެސް އެމެރިކާގެ މަސްއޫލުވެރިން ވިސްނަވާފައި ވެއެެވެ. އެހެންނަމަވެސް، އެންމެފަހުން ނިންމެވީ ސިންގަޕޫރުގައި ބޭއްވުމަށެވެ.
ރައީސު ޓްރަމްޕްގެ ޓްވީޓަށް ފަހު ސިންގަޕޫރުންވެސް ވަނީ ބައްދަލުވުން އެގައުމުގައި އޮންނާނެކަން ކަށަވަރުކޮށްދީފައެވެ. "ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސު ޑޮނާލްޑް ޖޭ. ޓްރަމްޕް އާއި ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެޔާގެ ސްޓޭޓް އެފެއާސް ކޮމިޝަންގެ ޗެއާމަން ކިމް ޖޮންގ އުން އާ ދެމެދު ބާއްވާ ބައްދަލުވުން 12 ޖޫން 2018 ގައި ސިންގަޕޫރުގައި ބޭއްވުމަކީ ސިންގަޕޫރަށް ލިބޭ އުފަލެކެވެ." އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނެއްގައި ވެއެވެ.
ބައްދަލުވުމުގެ ވަގުތާއި ތަން ޓްރަމްޕް އިއުލާންކުރެއްވީ އުތުރު ކޮރެޔާގައި ހައްޔަރުކޮށްފައި ތިބުމަށް ފަހު ދޫކޮށްލި ތިން މީހުން އެމެރިކާއަށް އެނބުރި ދިޔަތާ ގިނަ އިރުތަކެއް ނުވަނީހެވެ.
ދެގައުމުގެ އެންމެ މަތީ ވެރިންގެ ބައްދަލުވުން ބާއްވަފާނެކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ލަފާކުރާ ތަންތަނުގެ ތެރޭގައި ސިންގަޕޫރުގެ ޝަންގްރި-ލާ ހޮޓެލް، މެރީނާ ބޭ ސޭންޑްސް އަދި ޝަންގްރިލާ ސެންތޯސާ ހިމެނެއެވެ.