އަޅުގަނޑުމެން ކަރަންޓު ބިލްހެދުމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ: ފެނަކަ

ފެނަކައިން ކަރަންޓު ޚިދުމަތް ދެއްވަމުން ގެންދަވާ ރަށްރަށުގެ ގޭބިސީތަކަށް އެޕްރީލް މަހުގެ ކަރަންޓުބިލް އިންތިހާއަށް ބޮޑުވެފައިވަނީ ފެނަކައިން ރައްޔިތުންނަށް އެއްވެސް އޮޅުވާލުމެއް އޮޅުވައިގެން ނޫންކަމަށް އެކުންފުނިން މިއަދު ވިދާޅުވެއްޖެއެވެ.

އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖަރ އަހުމަދު ނަޖާހު ވިދާޅުވީ ކޮންމެ އަހަރަކުވެސް ހޫނު މޫސުމާ ދިމާކޮށް ގޭގޭ ކަރަންޓު ބިލް ބޮޑުވާ ކަމަށެވެ. މި ފަހަރު ކަރަންޓު އަގުހެޔުކުރި އިރުވެސް އެވާހަކަ ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއްވެސް ވަރަކަށް ޓެރިފަށް ބަދަލު ގެނެސްފައި ނުވާނެ ކަމަށާއި އެކަމަކު ޔޫސޭޖު ވަރަށްބޮޑަށް އިތުރުވެފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ.

ހުސްވި މަހުގެ ބިލް ލިބުނު އިރު ކުރިން 900 ރުފިޔާއަރަމުން ދިޔަ ބިލަށް 3000 އަށްވުރެ މަތިން އަރައިފައިވެއެވެ. 500 ދައްކަމުންދިޔަ ބިލަށް 1000 ނުވަތަ އެއަށްވުރެ އިތުރަށް ވެފައެވެ. "އަހަރެމެންގެ ގެއަށް ކަރަންޓު އަރަނީ އާންމުކޮށް 950 އެއްހާ ރުފިޔާ. އެހެންނަމަވެސް މިފަހަރު ބިލްއައިއިރު ތިންހާހަށްވުރެ ގިނަ،" އާންމުންގެ މީހަކު ބުންޏެވެ.

ކަރަންޓު ބިލް މިފަހަރު ކުއްލިއަކަށް ބޮޑުވުމުން ބައެއް މީހުން ބުނެފައިވަނީ އެއީ ފެނަކައިން ގަސްތުގައި ކަސްޓަމަރުންނަށް އޮޅުވާލައިގެން ކޮށްފައި ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެކުންފުނިން އެކަން ދޮގު ކުރައްވައެވެ.

ފެނަކައިން ވިދާޅުވީ ކަރަންޓުގެ އަގުހެޔު ކުރުމަށްފަހު ފުރަތަމަ މަހުގައި އެއްވެސް ބައެއްގެ ޝަކުވާއެއް އައިސްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެޕްރީލްމަހުގެ ބިލް ލިބުމާއެކު އެ ބިލްބޮޑުވެގެން އެކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.