އިސްރާއީލުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔަން: ސައޫދީ ލިޔުންތެރިއެއް

އިސްރާއީލުގެ ދައުލަތް އުފެދުުނުކަން އިއުލާންކުރި ދުވަސް ކަމުގައިވާ 14 މޭ 1948 (އާދީއްތަ) ދުވަހު ގުދުސުގައި ނުކުތް 'ދަ ޕެލަސްޓައިން ޕޯސްޓް' ނޫހުގެ ބޭރުގަނޑު

އިއްޔެއަކީ ފަލަސްޠީނުގެ ބިމުން ބައެއް ފޭރިގަނެގެން، ޔަހޫދީން އެބިމުގައި އިސްރާއީލުގެ ނަމުގައި ދައުލެއް އުފެއްދިތާ 70 އަހަރު ފުރުން ފާހަގަކުރި ދުވަހެވެ. އެދުވަހަކީ ފަލަސްޠީނު މީހުންނަށް މުޞީބާތުގެ ދުވަހެވެ. އަދި ހަމައެއާއެކު ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ވެސް މުޞީބާތުގެ ދުވަހެކެވެ. މުސްލިމުންގެ ތިންވަނަ ޙަރަމް، އަލްމަސްޖިދުލް އަޤްޞާ ޔަހޫދީންގެ އަޅުވެތިކަމުގެ ދަށަށް ދިޔަ ދުވަހެވެ.

ދުނިޔޭގެ ސަހްޔޫނީން (ޒަޔަނިސްޓުން) ގެ ވެރިޔާ ޑޭވިޑް ބިންގޫރިއަން އިސްރާއީލުގެ ނަމުގައި މިނިވަން ދައުލަތެއް އިއުލާންކުރީ 14 މޭ 1948 ގައެވެ. އެއީ ޔަހޫދީ ކަލަންޑަރުން 5 އަޔަރު އެވެ. މިއަހަރު އެ ދުވަސް ދިމާވަނީ 20 އެޕްރީލް އާއެވެ. އެހެންނަމަވެސް، އެދުވަހަކީ އެމީހުން ފާހަގަކުރާ ދީނީ ދުވަހަކަށް ވާތީ އެދުވަސް އަބަދުވެސް ފާހަގަކުރަނީ އެއްދުވަސް ފަހުންނެވެ. އެހެންވެ، އިސްރާއީލުގައި މިފަހަރު މިނިވަންކަން ފާހަގަކުރީ 21 އެޕްރީލުގައެވެ.

މުސްލިމުންނަށް މިފަދަ ބޮޑު ހިތާމައެއް ދީފައި އުފާފާޅުކުރަމުންދާ އިސްރާއީލަށް ސައޫދީ ލިއުންތެރިޔާ ޢަބްދުލްހަމީދު އަލްޙަކީމް ވަނީ 20 އެޕްރީލްގައި މިނިވަންދުވަހުގެ ތަހުނިޔާ ކިޔައިފައެވެ.

"މިނިވަންދުވަހުގެ ތަހުނިޔާ އިސްރާއީލުގެ މުޖްތަމައަށް ފޮނުވަން. އަދި މިމުނާސަބަތުގައި އަރަބި މުޖުމަތައުތަކާ މުޚާޠަބުކޮށް ބުނަން: އިސްރާއީލުގެ ދައުލަތަކީ ޔަހޫދީންނަށް ލިބިފައިވާ ތާރީޚީ ހައްގެއް. އެއީ ބާވައިލެއްވި ފޮތްތަކާ ސަރަހައްދުގެ ތާރީޚުވެސް ޔަގީންކޮށްދޭ ކަމެއް. ފާއިތުވި 70 އަހަރުގެ ތެރޭގައި އިސްރާއީލު ވަނީ އެއްވަނަ ދުނިޔޭގެ ގައުމަކަށް ވެފައި. އެމީހުންގެ ހައްގަށް އިންކާރުކުރުމުން ކަލޭމެންނަށް ބަލިކަށިކަމާ މަޒުހަބީ ހަނގުރާމަ ނޫން މޭވާއެއް ނުލިބުނު. އެހަނގުރާމަތައް ކުރުވަނީ އީރާނު. ކަލޭމެންގެ ހަގީގީ ދުޝްމަނަކީ އެއީ." އަލްހަކީމުގެ ޓްވީޓުގައި ވެއެވެ.

އަލްޙަކީމަކީ އާދައިގެ ލިއުންތެރިއެއްނަމަ އޭނާގެ ވާހަކަ މުހިއްމު ނުވީހެއެވެ. އޭނާގެ ވާހަކަ މުހިއްމު ވަނީ އޭނާއަކީ ސަައޫދީ ޝާހީ އައިލާއާ ގާތް، އަދި ވަކިން ޚާއްސަކޮށް ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ގާތް ގުޅުމެއް އޮންނަ، ލިއުންތެރިއަކަށް ވާތީއެވެ. އޭނާ ފާުޅުގައި އެގޮތަށް ޓްވީޓު ކުރާނީ ސައޫދީ ސަރުކާރުގެ އާނބަސް އެކަމުގައި އޮތީމައި ކަމަށް ބެލެވޭތީއެވެ. އަދި މުޙައްމަދު ބިން ސަލްމާން ދާދި ފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި،  އެމެރިކާގެ 'ދި އެޓްލާންޓިކް' މަޖައްލާއާ ވާހަކަފުޅު ދައްކަވަަމުން ފަލަސްޠީނެކޭ އެއެްފަދައިން އިސްރާއީލަށްވެސް އެ ބިމުގައި ދައުލަތެއް ގާއިމްކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ވިދާޅުވެފައި ވާތީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.