'އަލިފާން ގުޑި': ފަލަސްޠީނު ޒުވާނުންގެ އާ ހަތިޔާރު

ފަލަސްޠީނުގެ ޒުވާނުންތަކެއް އަލިފާން ގުޑިއެއް އަރުވަން ތައްޔާރުވަނީ

ޒުވާން ކުދިންތަކެއް ޣައްޒާގައި ބޯޓުދެލި ހިފައިގެން އޭގެ ބޭރުގައި ކެންވަސް ފޮތި އޮޅަން ތިއްބެވެ. ދެން އޭގެ މައްޗަށް ޑީސަލާއި ކަޅުތެޔޮ އެމީހުން އެޅިއެވެ. އެއަށް ފަހު އޭގައި އަލިފާން ރޯކޮށްފައި ގުޑިތަކުގެ ނިގުލުގައި އެލުވާފައި ގުޑި އަރުވަނީއެވެ. އެ ގުޑިތައް ދަނީ ޣާއްޒާގެ ސަރަހައްދު ހުރަސްކޮށް އިސްރާއީލުގެ ތެރެއަށެވެ.
މިއީ ޣައްޒާގެ ޖަބާލިޔާ ކޭމްޕުގައި އިސްރާއީލު ސަރަހައްދުގައި ޖަހާފައިވާ ދަލުގެ ކައިރީގައި ތިބި ކުދިން ކުރަމުން ދިޔަ މަސައްކަތެވެ. އޭގެތެރޭން %90 ކުދިންނަކީ މަތިންދާބޯޓަކަށް އެރި ބައެއްނޫނެވެ. އަދި ދުވަހަކުވެސް ޣައްޒާއިން ބޭރަށް ދިޔަ ބައެއް ނޫނެވެ. އެހެންނަމަވެސް ،މިއަދު އެމީހުން އެތިބީ އެމީހުންގެ 'ފްލައިޓު'ގެ ޕައިލެޓުންނަށް ވެފައެވެ.
ފަލަސްޠީނު މީހުން ކޮންމެ ހުކުރު ދުވަހަކު އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި މިހާރު މި 'ހަތިޔާރު' ވަނީ އާއްމުވާން ފަށާފައެވެ. އިއްޔެ ކުރި މުޒާހަރާތަކުގައިވެސް މިފަދަ ގުޑި އަރުވާފައި ވެއެވެ.
ފަލަސްޠީނު ޒުވާނުން އެމީހުންގެ އާ ހަތިޔާރަށް ކިޔަނީ 'ވަތުތަށި' އެވެ.
2000 ވަނަ އަހަރު އިސްރާއީލު ސިފައިން ބޮން އަޅައި ޣައްޒާގެ ވައިގެ ބަނދަރު ހަލާކޮށްލި ފަހުން ޣައްޒާ މަތިން އުދުހެނީ ފަލަސްޠީނު ޒުވާނުން އުދުއްސާ ފޮޓޯނަގާ ޑްރޯންތަކާއި، އިސްރާއީލުގެ ޖާސޫސީ މަތިންދާބޯޓުތަކާއި، އިސްރާއީލުގެ ބޮން އަޅާ ބޯޓުތަކެވެ. މި އާ ހިތިޔާރާގެ ޣައްޒާ މަތިން އުދުހޭ އެެއްޗެއް އިތުރުވީއެވެ.
އިސްރާއީލުން ބަޑި ޖެހުމުން ޣައްޒާގެ ޒުވާނުން ކުރިން އުކަމުން އައީ ގަލެވެ. އެ ގާތައް އިސްރާއީލުން ޖަހާފައިވާ ދާ ހުރަސްކޮށް ނުދެއެއެވެ. އެހެންނަަމަވެސް، މިހާރު އެމީހުންގެ 'ވަތުތަށިތައް' އޭގެ އަލިފާނާއެކު އިސްރާއީލުގެ ސަރަހައްދަށް ވަންނާނެއެެވެ.
އިސްރާއީލު ސިފައިން ބަޑި ޖެހުމުގެ ސަބަބުން އިއްޔެވެސް މިފަދަ ހަަތަރު ޒުވާނުން މަރުވިއެެވެ. އެއާއެކު މިފަހަރުގެ ސިލްސިލާ މުޒާހަރާތަކުގައި މަރުވި ފަލަސްޠީނު މިހުންގެ އަދަދު 37 އަށް އެރިއެވެ. އެހެންނަމަވެސް، ފަލަސްޠީނުގެ ޒުވާނުން ތިބީ ހުއްޓާލާ ގޮތަކަށް ނޫނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.