ދިވެހިރާއްޖެ ސިންގަޕޫރަކަށް ހެއްދެވުމުގެ ހުވަފެން ދެކިވަޑައިގެން އެއުއްމީދުގައި މަސައްކަތް ކުރެއްވުމަކީ އެވަރުގެ ދުރުމީއަކުން ކުރިމަގު ބައްލަވާ "ގަޓް" ހުރި ވެރިއަކަށް މާބޮޑު މައްސަލައެއް ނޫނެވެ. އަދި މިދެންނެވި ފަދަ ހުވަފެން ފެނިވަޑައިގަންނަވާ ވެރިއަކަށް ސިންގަޕޫރު ލޮލުކޮޅަށް ފެނިވަޑައިގެންނެވުމުން އެއަށްވުރެ ދުރަށް ދުރުމީގެ ލެންސް ފޯކަސް ކުރައްވައިގެން އެއަށްވުރެ ދުރު ބެއްލެވުމާއި ހަވީރުގެ ހިޔަންޏަށްވުރެ ބޮޑުކޮށް ހިޔަނި ފެނިވަޑައިގަންނަވާ ވެރިއަކަށް ދިވެހިރާއްޖެ ޓޯކިޔޯއަށް ހެއްދެވުމު ހުވަފެން ފެނިވަޑައިގެންނެވުމަކީ ބަޔަކު އަޖާއިބުވެ އަންތަރީސްވާ ވަރުގެ ކަމެއްވެސް ނޫނެވެ. އަދި ކުރިމަގަށް ތިމާ ކުރާ އުއްމީދެއްގެ ހުވަފެންތައް މިގޮތަށް ދުށުމަކީ ކުށެއްވެސް ނޫނެވެ.
މީގެކުރިން ދިވެހީން ދެކިފައިވާ ވެރިންނަށް މިފަދަ ހުވަފެން ފެނިވަޑައި ނުގެންނެވުމަކީ އެބޭފުޅުންގެ ދުރުމީގެ ނުވަތަ ވިސްނުންފުޅުގެ މައްސަލައަކަށް ވެދާނެއެވެ. ނޫންނަމަ އެބޭފުޅުންނަށް މެންދުރުގެ އިރުގެ ހިޔަންޏަށްވުރެ ބޮޑަށް ހިޔަނި ފެންނަފަށަށް ވަޑައިގަންނަވަން ކެރިވަޑައި ނުގަންނަވަނީ ކަމުގައިވެސް ވެދާނެއެވެ. އެހެން ނޫނީ އެބޭފުޅުންނަށް ނޭފަތުގެ ކުރިއަށްވުރެ ދުރު ފެނިވަޑައި ނުގަންނަވާތީ އެއަށްވުރެ ދުރު ފެނިވަޑައި ނުގަންނަވަނީވެސް ތޯއްޗެކެވެ. ކޮންމެއަކަސް މީގެކުރީން ދިވެހީން ދެކެފައިވާ ވެރީންގެ ތެރެއިން އެންމެ ދުރު ފެނިވަޑައިގެންފައިވާ ވެރިމީހާއަށްވެސް ފެނިވަޑައިގެންފައި ވަނީ "އަނެއް ދިވެހިރާއްޖެ"އެވެ.
ކުރީގައި ދިވެހީންނަށް ބޮޑަށް މިދެންނެވި "އަނެއް ދިވެހިރާއްޖެ" ސިފަ ކުރެވިފައި އޮތީ މިހާރު ދިވެހީން ދިރިއުޅެމުން މިދާ ދުނިޔެ ފަދަ ތަނެއްގެ ގޮތަކަށް ނޫނެވެ. އެވެރިން ރައްޔިތުންނަށް ކިޔައިދިން ގޮތުގައި ނުވަތަ ސިފަކޮށްދީފައިވާ ގޮތުންނަމަ އެވެރިން އެކިޔާ "އަނެއް ދިވެހިރާއްޖެއަކީ ދިރިއުޅުމުގެ އެއްވެސް ފިކުރެއް ކުރަން ނުޖެހޭ އެއްވެސް ދައްޗެއް، އުނދަގުލެއް، ތުރާލެއް އުފުލުމަކާއި ނުލައި އުފާފާގަތިކަން މަތީގައި ބޭނުން ގޮތަކަށް އުޅެވޭނެ ތަނެކެވެ. ނަމަވެސް އެތަނަށް ދާން ދަތުރު ހަދައިގެން އޮޑިއަށް އެރި މީހުންނަށް ތިން އަހަރުފަހުން ލެފުނީ ފުރި ބަނދަރަށްވުރެވެސް ހާލަތު ދެރަ، މާގޯސް ބަނދަރަކަށެވެ. އެއޮޑިއަށް ނާރައި ސަލާމަތްވި މީހުން ބުނާ ގޮތުގައި އެމީހުން އެއޮޑިއަށް ނޭރީ އެއޮޑީގެ ކައްޕިތާން ނޫނީ މާލިމީ އަކީ "މުރަނގަގަހު މާލިމީ" އަށްވާތީ އޭނާގެ ކައްޕި ކަމުގައި ދަތުރުކުރާ އޮޑިއަކަށް ނާރާން ވެގެންނޯލައެވެ. އެމީހުން ބުނަނީ އެބުނާ މުރަނގަގަސް ނެތިއްޔާ ނޫނީ ނުފެނިއްޖެއްޔާ އެމާލިމީއަކަށް އޮޑި ދުއްވާކަށް ނޭނގޭނޭ ކަމަށެވެ. ދަތުރުމަތީގައި ބިރުވެރި ކަމެއް ދިމާވެ، ކަނޑުމަތި އަޅައިފިއްޔާވެސް އެ ކައްޕި އަވަސްވެގަންނާނީ އިސްލާމް ދީނުގެ ޝައިޚުން ބުނެދީފައި އޮންނަ ގޮތް ނޫން އެހެން ގޮތެއް ފެނޭތޯއެވެ.
ކޮންމެއަކަސް މިއީ މިއަދު ދައްކާން އެހާ ކަމުދާވެސް ވާހަކައެއް ނޫނެވެ. އެއީ މިހާރު މާޒީއެވެ. މިހާރުގެ ކައްޕިއާއިއެކު ދިވެހީން ބަލަމުން ގެންދަނީ ދުނިޔޭގައި ތަރައްގީވެ ކުރިއަރާފައި ހުރި ބައްރުތަކާއި ދިމާއަށެވެ. އެންމެ ކައިރިން މިފަދަ ނަމޫނާއެއްގެ ގޮތުގައި އޮތް ސިންގަޕޫރު ނަމޫނާއެއް ކަމުގައި ބަލައިގެން އިޤުތިޞާދީ، އިޖުތިމާޢީ ތަރައްޤީއާއި ރަށްވެހި ތަރައްޤީ ގާއިމު ކުރުމަށެވެ. މި ސަރަހައްދުގެ އިޤުތިޞާދީ މައި މަރުކަޒަކަށް ނުވަތަ އެރޮނގުން ނަމޫނާ ޤައުމަކަށް ރާއްޖެ ހެދުމަށެވެ. ކޮންމެ ރައްޔިތަކީ ސަލާން ނުޖަހައި އަމިއްލަ މަސައްކަތުން ހިތްގައިމު ނަލަ ދިރިއުޅުމެއް އުޅެލެވޭނެ ރައްޔިތަކަށް ހެދުމަށެވެ. ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ މީސްކޮޅު މަދު ޤައުމެއް ކަމުގައި ވިޔަސް ލިބޭ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު އިތުރުކޮށް ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ރައްޔިތަކު ދިރިއުޅޭ ޤައުމެއް ކަމުގައި ޔަގީންކޮށްދިނުމެވެ.
"ދޮންމީހުން އުޅޭ ގޮތަށް އުޅެގެން" ކަމުދާކަމަށް ބަޔަކަށް ހީވެފައި އޮތަސް އަދި ބަޔަކު އެގޮތަށް ގަބޫލުކުރިޔަސް ދޮންމީހުން އުޅޭހާ ގޮތަކަށް އުޅެގެން ކަމުނުދާކަން މިއަދު ދިވެހީންނަށް ވަނީ ކިތަންމެ ރަނގަޅަކަށްވެސް ގަބޫލުކުރެވިފައެވެ. އަދި ހަމައިން ނެއްޓޭ ކުދިން ރަނގަޅު ކުރާން "ހަކުރު" ދިނުމަކީ ކަމުދާ ކަމެއްނޫންކަން ވެސް މިއަދު ދިވެހީންނަށް ޔަގީންވެއެވެ. ހަގީގަތުގައިވެސް ތިން އިރު ހަމައަށް ކާން ލިބުމަކީ ދިވެހީންނަށް ފުދޭ މިންވަރު ނޫންކަން މިއަދު ދިވެހީންނަށް ހަމަރަނގަޅަށް އެނގެއެވެ. އެހެންވީމާ ސިންގަޕޫރާއި ހަމައިން ތަރައްގީގެ ވިސްނުން ހުއްޓިގެން މިއަދު ދިވެހީންނަށް ކަމުނުދާނެ ކަމީ ޔަގީންވާ ކަމެކެވެ.
ރާއްޖޭގެ އިޤުތިޞާދީ ދުވެލި މިއަދު ދުވަމުންދާލެއް ބާރުކަމުން އެކަމާ ހިތްހަމަ ނުޖެހޭ ނުވަތަ ބިރުހީވާ ބަޔަކު އެބަތިބިކަން ކިތަންމެ ހާވެސް ރަނގަޅަށް މިވަނީ އެނގި ސާބިތުވެފައެވެ. ތަޢުލީމާއި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ހޯދުމަށް ދިވެހީން އަވަށްޓެރި ޤައުމުތަކަށް ބަރޯސާވާން ޖެހުނު ދުވަސް މާޒީވެދާން ނޭދޭ ބަޔަކު އެބަތިބިކަމާއި އެކަމާއި އެމީހުން ނުރުހޭކަން މިއަދުވަނީ ހަމަ ރަނގަޅަށް ސާބިތުވެފައެވެ. ވަކި ގައުމަކަށް އެރިޔަ ނުދީ ދަތިކުރުމުގެ ނިޔަތުގައި ވިސާ ނުޖަހައިދީގެން ހާސްވާ ވަރަށްވުރެ ދިވެހީން މިއަދު ފުދިގެން ތިބިކަން ގަބޫލުކުރަން ދަތި އުނދަގޫވާ އަދި އެކަމާއި އަސަރުކުރާ ބަޔަކު މިއަދު އެބަތިބިކަން މިވަނީ އެނގި ހާމަވެފައެވެ.
އެހެންވީމާ އެވެރީންނަށް ހިރުނދު އޮށެއްގެ މިންވަރަށް ފެންނަމުން ދިޔަ މި ޤައުމު އަމިއްލަ ފައިމައްޗަށް ތެދުވެ ދުއްވައިގަނެވޭ ވަރުގެ ބިޔަ ބޮޑު ބައްރެއްގެ ގޮތުގައި ފެންނަން ފެށުމުން އެކަން ހަޖަމު ކުރަން އުނދަގޫވަނީއެވެ. އަވަށްޓެރި ޤައުމުތަކުން ބޭސްކޮށްލައިގެން އަވަށްޓެރި ޤައުމުތަކުގެ މަތީތަޢުލީމަށް ބަރޯސާވެގެން ތިބި ބަޔަކު ހަށިފޮޅާލާފައި ތެދުވެ އަމިއްލަ ބާރުގައި ދުވަން ފެށުމުން އެކަން ގަބޫލުކުރަން ދަތިވަނީއެވެ. މިއަދު ދިވެހީންނަށް އޭސިޔާ ބައްރަށްވުރެ ދުރު ފެންނާން ފެށުމުން އެކަމާ ހަސަދަވެރިވަނީއެވެ.
ސިންގަޕޫރުގެ އިޤުތިޞާދީ ތަރައްގީ ނަކަލު ކޮށްގެން އިޤުތިޞާދު ބައްޓަން ކުރަމުން ގެންދަވާ ވެރިއަކަށް އެއަށްވުރެ ދުރު ފެނިވަޑައިގަންނަވާން ފެށީއެވެ. ވިލާ ތަކުގައި ޖެހޭވަރަށް އުސްކޮށް އިމާރާތްތައް ނެގޭނެކަން ހާމަކޮށްދެއްވާފައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކާއި އެއްވަރަށް ޞިއްޙީ ޚިދުމަތާއި ތަޢުލީމު އުފުއްލަވާލައްވާފައި އެންމެ ޒަމާނީ އީޖާދުތައް ބޭނުން ކޮށްގެން އެންމެ ފުރަތަމަ ތަޢުލީމުދޭ ޤައުމެއްގެ ގޮތުގައި ދިވެހި ޤައުމުގެނަން ދުނިޔޭގެ ރެކޯޑް ފޮތްތަކުގައި ލިޔެލީމާ އެހާހިސާބުން ދިވެހީންނަށް ފުދުނީކަމަށް ގަބޫލު ނުކުރެއްވޭ ލީޑަރަކަށް ދެން ފެނިވަޑައިގަންނަވާނީ ޓޯކިޔޯއާއި ޕެރިސް ފަދަ ރަށްތައްތާއެވެ؟ އެހެންވީމާ މިހާރު އަޅުގަނޑުމެންގެ ދުރުމީއަށް މިދެންނެވި ޓޯކިޔޯގެ ތަރައްޤީއާއި ކުރިއެރުންތައް ހަމަ ރަނގަޅަށް އަރަންވެސް ފެށީއެވެ.
ބިންމަތީގައި ހުރެފައި ވިލާ ތަކުގައި އަތްޖެހޭތޯ ފުންމައިގަތުމަކީ މައްސަލައެއް ނޫނެވެ. ބިމުން މައްޗަށް ދެތިން ފޫޓަށް ފުންމާލެވެނީ އެއުއްމީދުގައި، އެހުވަފެނުގައި ފުންމާލައިގެންނެވެ. މާސިންގާ ކަނޑު ހުރަސްކޮށް ބްރިޖް އަޅައިގެން ދިވެހީންގެ ހުވަފެންތައް ހަގީގަތަކަށް ހައްދަވައިދެއްވި ވެރިއަކަށް، މޫސުމީ ބަދަލުތަކާއެކު ވޮޑި، ގިރާ ހުސްވެ ހަމައެކަނި ދޫނިބިސް އަޅައި ކަނޑަށް އުކާލާ ކުނިބުނި ލައްވެ ތަޣައްޔަރުވެ ހަލާކުވެ ނެތިދާން ދޫކޮށްލެވިފައި، އެއްވެސް ބޭނުމެއް ނުހިފޭނެ ކަމަށް ދެކިގެން ތިބި ދޮންވެލި ފިނޮޅުތަކާއި ތިލަ ފަޅުތަކަކީ މިއަދު ދިރުންހުރި އާމްދަނީ އޮހޭނެ ބޮޑެތި މާސިންގާ ބިންތަކަށް ހެދޭނެ ތަންތަންކަން ދިވެހީންނަށާއި ދުނިޔެއަށް ދައްކުވައިދެއްވި ލީޑަރަކަށް "ބްރިޖް ޚަލީފާ" ގެ ކާމިޔާބު ތަރައްޤީ ފެނިވަޑައިގެން އެހާހިސާބަށް ދިވެހީން ގޮވައިގެން ދަތުރު ކުރައްވާނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
އެހެން ނަމަވެސް ދިވެހި ރާއްޖެ މިގޮތަށް ފެންމަތީގައި އޮންނާނީ އަދި ދިވެހީންނަށް މި ފަސްގަނޑުގައި ދިރިއުޅެލަން ދެން ލިބޭނީ ބާކީ ފަންސާހަކަށް އަހަރު ކަމުގައި ދެކި އެވާހަކަ މާ މޮޅު ވާހަކައަކަށް ހަދައިގެން މުޅި ދުނިޔެއަށް ވިއްކަވަމުން ވަޑައިގަންނަވާ ބޭފުޅަކަށް ދިވެހިރާއްޖޭގެ ރަށްތަކާއި ފިނޮޅުތައް ފެނިވަޑައިގަންނަވާނީ ވައްލަ ބިސްއަޅަން އަރާ ބޭކާރު ތަންތަނުގެ ގޮތުގައި ތާއެވެ؟ އެހެންވީމާ އެއަށްވުރެ ދުރު ފެނުމަކީ މައްސަލައަކަށްވެސް ވެދާނެތާއެވެ. އެހެންވިއްޔާ އެފަދަ ދެރަވަރު ޤައުމެއް ސިންގަޕޫރާއި ޓޯކިޔޯއަށް ހައްދަވާނެ ކަމަށް ވިދާޅުވުމަކީ ނުވަތަ ކުރިމަގުގެ ހުވަފެން އެފަދަ ގޮތަކަށް ފެނިވަޑައިގެންނެވުމަކީ ކުށަކަށްވެސް ވެދާނެތާއެވެ.