ރިޔާސީ އިންތިޚާބަށް ތައްޔާރު ވަމުން އަންނައިރު މިހާރު އޮތީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ފަދަ ކޮމިޝަނެއް ނޫން ކަމަށާއި އެކޮމިޝަނަށް އެއްބާރުލުން ދެވެން ނެތް ކަމަށް އިދިކޮޅު ޕާޓީ ތަކުން މިއަދު ބުނެފިއެވެ.
އިދިކޮޅު ހަރަކާތް އެންމެ ބޮޑަށް ކުރިޔަށް ގެންދާ މ. ކްނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ މިހާރު އޮތް އިލެކްޝަން ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް އިދިކޮޅު ހަތަރު ޕާޓީއަށްވެސް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ދިވެހި ރައްޔިތުންވެސް އެކަން ގަބޫލު ނުކުރާ ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ މިހާރު އޮތް އިލެކްޝަން ކޮމިޝަނަކީ މިނިވަން މުސްތަގިއްލު ކޮމިޝަނެއް ކަމަށް ގަބޫލު ކުރައްވަނީ އެންމެ ބޭފުޅެއް ކަމަށާއި އެބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. ސަމީރު ވިދާޅުވީ އިލެކްޝަން ކޮމިޝަން މިނިވަން ތަނެއް ކަމަށް ގަބޫލު ނުކުރެވެނީ ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ އަމަލުފުޅުތައް ހުރިގޮތުންނާއި، އެ މެމްބަރުން ކޮމިޝަނަށް ވަޑައިގަންނަވަންދެން ތިއްބެވި ސިޔާސީ ކުލައިގެ އިތުރުން އެ މަގާމުތަކަށް އެ މެމްބަރުން ވަޑައިގެންނެވި ގޮތުންނެވެ. އަދި ކޮމިޝަނުގެ މެމްބަރުން އެމަގާމަށް ވަޑައިގަތުމުގައި ރައްޔިތުންގެ މަޖިލީހުގެ ޑިއު ޕްރޮސެސް ނުކުރާ ކަމަށާއި، އަދި ކޮމިޝަނުގެ މެމްބަރުން އަމަލު ކުރައްވަންޖެހޭ އުސޫލު ތަކަށްވެސް އެބޭފުޅުން އަމަލު ނުކުރައްވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
މި ނިއުސް ކޮންފަރެންސްގައި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އަމީތު ވިދާޅުވީ ކޮމިޝަނުން ސިޔާސީ ޕާޓީ ތަކުގެ ތެރެއަށް "އަތް ނުބާނުއްވައި" ތިބެންޖެހޭނެ ކަމަށާއި އަދި ކޮމިޝަނުން ނިންމާފައިވާ "ޣައިރުގާނޫނީ ނިންމުންތައް" އިއާދަކޮށް ދިނުމަކީވެސް ކޮމިޝަނުގެ މެމްބަރުންގެ އިޚްލާސްތެރިކަން ދައްކަވަން ބޭނުންފުޅުނަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.