އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މީހުންގެ ގަޔަށް ވަޅިހެރުން އިތުރު ވެގެން ދިއުމާއެކު މިޒަމާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މައްސަރެއްގެ ތެރޭގައި މީހުން މެރުމުގެ ނިސްބަތް އެމެރިކާގެ ނިއުޔޯކަށްވުރެ ކުރިއަށް ލަންޑަނުގައި ޖެހިލައިފިއެވެ.
ފެބްރުވަރީ މަހުގެ ތެރޭގައި ލަންޑަނުގައި 15 މީހުން މަރާލާފައި ވާއިރު، ނިއުޔޯކުގައި މަރާލާފައި ވަނީ 14 މީހުންނެވެ. މާރިޗު މަހުގެ ތެރޭގައި ލަންޑަނުގައި 22 މީހުން މަރާލާފައި ވާއިރު، އެމަހު ނިއުޔޯކުގައި މާރާލާފައި ވަނީ 21 މީހުންނެވެ. މި ފާއިތުވެ ދިޔަ 19 ދުވަހުގެ ތެރޭގައި ލަންޑަނުގައި ވަޅި ހަރައިގެން 10 މީހުން މަރާލާފައި ވެއެވެ. ފާއިތުވެ ދިޔަ އަހަރަށް ބަލާއިރު ލަންޑަނުގައި ދެވުނު ތަފާތު ހަމަލާތަކުގައި 80 މީހުން ވަނީ މަރުވެފައެވެ.
ދެރަށުގެ އާބާދީ އަކީ ގާތްގަނޑަކަށް 8.5 މިލިއަން މީހުންނެވެ. ނިއުޔޯކުގައި 1990 ގެ އަހަރުތަކާ އަޅާބައިރު، މީހުން މަރާ ނިސްބަތް ގާތްގަނޑަކަށް %87 ދަށްވެފައި ވިޔަސް، ލަންޑަނުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ނިސްބަތް ވަނީ %40 މައްޗަށް ގޮސްފައެވެ.
ފާއިތުވި ހޮނިހިރު ދުވަހު ހިނގި، މިއަހަރުތެރޭގައި ވަޅިހަރައިގެން މީހަކު މަރާލުމުގެ 30 ވަނާ ހާދިސާ ލަންޑަނުގެ ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފައެވެ. އެހާދިސާގައި މަރާލާފައި ވަނީ 36 އަހަރުގެ އަންހެނެކެވެ.
ސްކޮޑްލޭންޑް ޔާޑުގެ ވަޅި ބޭނުން ކޮށްގެން ކުރާ ކުށްތަކާ ބެހޭ ބައިގެ ވެރިޔާ ޝޯން ޔޭޓްސް ދެކޭ ގޮތުގައި ވަޅި ހަރައިގެން މީހުން މެރުން ގިނަވެފައި ވަނީ ކޯޓުތަކުން 'ދެހަމަލާ ގެ ގާނޫނު' ތަންފީޒު ނުކުރާތީއެވެ. ދެ ހަމަލާގެ ގާނޫނަކީ ވަޅިއެއް ބޭނުން ކޮށްގެން ހަމަލާދޭން އުޅެނިކޮށް ދެވަނަ ފަހަރަށް އަތުލައިގަނެވޭ ކޮންމެ މީހަކު ޖަލަށްލާން ބުނާ ގާނޫނެކެވެ.
ލަންޑަނުގައި ވަޅިން ހަމަލާދީ މީހުން މެރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި މޭޔަރު ސާދިގް ޚާންގެ ތަރުޖަމާނު ބުނީ "ވެރިރަށުގައި ކުށްކުރުން ގިނަ ވާތީ މޭޔަރު ކަންބޮޑުވެވަޑައިގަންނަވާ. އަނިޔާވެރި ގޮތުގައި ފުރާނައެއް ގެއްލުމަކީ ލިބޭ ބޮޑު ހިތާމައެއް" ކަމުގައެވެ.
"އަހަރުމެންގެ މި ރަށަކީ އަދިވެސް ދުނިޔޭގައި އެންމެ އަމާން އެއް ރަށް... އެހެންނަމަވެސް ސާދިގު ބޭނުންފުޅުވަނީ މިރަށް އިތުރަށް އަމާންތަނަކަށް ހަދަން. މިހާރު ކުރިއަށްދާ އަނިޔާވެރި ހަމަލާތަކަށް ނިމުމެއް ގެނައުމަށް އޭނާ ބުރަކޮށް މަސައްކަތްކުރައްވާ." ލަންޑަނުގެ މޭޔަރު ސާދިގް ޚާންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.