Aafathis

ޑރ. އާއިޝަތު އަލީ ޕީއެޗުޑީ ހާސިލް ކުރެއްވުމަށް ކުރެއްވި ދަތުރު

ޔުނިވަރސިޓީތަކުން އާންމުކޮށް ދޭ އެންމެ މަތީ ސަނަދަކީ ޑޮކްޓަރ އޮފް ފިލޯސަފީއެވެ. ފިލޯސަފީ އިން މާނަކުރަނީ އިލްމީ ރޮނގެއް ކަމުގައިވާ ފަލްސަފާ އެއް ނޫނެވެ.  ޔޫނާނީ (ގްރީކް) ބަހުން، ފިލޯސަފީގެ އަސްލު މާނަކަމަށްވާ ”ހިކްމަތްތެރިކަމަށް ހުންނަ ލޯބި“ އަށް ނިސްބަތްކޮށް ދެވޭ ސަނަދުގެ ނަމަކީ ފިލޯސަފިއާ ޑޮކްޓަރ (Philosophiae doctor) އެވެ.

އިނގިރޭސިބަހުން ކުރުކޮށް ކިޔާގޮތާ (ޕީއެޗްޑީ) ދިގުކޮށް ކިޔާގޮތް (ޑޮކްޓަރ އޮފް ފިލޯސަފީ) ދިމާނުވަނީ އެހެން ވެގެންނެވެ. ރާއްޖޭގައި މި ސަނަދަށް ކިޔަވައިދެއްވަން ފަށައިފައިވަނީ 1 ޖޫން 2013 ގައެވެ. ކޯހުގައި ބައިވެރިވީ ދެ ދަރިވަރުންނެވެ. ކޯސް ނިންމާ ދަސްވެނިވުން އޮތީ 26 މާރޗް 2018 ގައެވެ. މި ސަނަދު ހޯދި އެއް ދަރިވަރަކީ މާލެއަށް އުފަން ޢާއިޝަތު ޢަލީއެވެ.

ޢާއިޝަތު އަލީ ނުވަތަ ޑރ. ޢާއިޝަތު ޢަލީ އަކީ ގައުމީ ޔުނިވަރސިޓީން އެންމެ ފުރަތަމަ ޕީއެޗުޑީ ހެއްދެވި ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރެވެ. އޭނާއަކީ ޔުނިވަރސިޓީގެ ކުރީގެ ރެޖިސްޓްރަރ އެވެ. މިހާރު ޙަރަކާތްތެރިވެ ވަޑައިގަންނަވަނީ މުދައްރިސުން ތަމްރީން ކުރެއްވުމުގައެވެ.

ތަޢުލީމީ ޙަޔާތް

ޑރ. އާއިޝަތު ޢަލީ އަކީ ވަރަށް ސާދާ މިޒާޖެއްގެ އުފާވެރި ކަބަލެކެވެ. އޭނާ އެދިވަޑައިގަންނަވަނީ، ރައްޓެހިން އޭނާ އާ މުޚާޠަބުކުރާ އިރު، ކުރިންވެސް ކިޔާގޮތަށް އައިސްތު ކިޔުމަށެވެ. އައިސްތު ގެ ތަޢުލީމީ ޙަޔާތާ ބެހޭ ގޮތުން އޭނާއާ އަޅުގަނޑު ފޯނުން އިންޓަރވިއު ކޮށްލީމެވެ. އޭނާ އަކީ ފެށުނީއްސުރެ ވެސް މަތީ ތަޢުލީމުގައި ބަބުޅަމުންދާ ތަރިއެކެވެ. އަމީނިއްޔާގައި ސާނަވީއަށް ކިޔަވައި، އެސް.އީ.ސީގައި އޭ ލެވެލް ނިންމާލުމަށް ފަހު، އެންމެ ފުރަތަމަ ބައިވެރިވީ އިންސްޓިޓިއުޓް އޮފް ޓީޗަރ އެޑިޔުކޭޝަންގައި، ނުވަތަ މިހާރު ކިޔާ ގޮތުން ނަމަ، ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި، ހިންގި ނޭޝަނަލް ޑިޕްލޮމާ އޮފް ސެކަންޑަރީ ޓީޗިން ކޯހުގައެވެ. ދެ އަހަރު ދުވަހުގެ އެ ކޯހުން އޭނާ ތިންވަނަ ހޯއްދެވިއެވެ. ދެން އަމީނިއްޔާ ގައި ބަޔޮލޮޖީ އާއި ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި ކިޔަވައިދެއްވަމުން ވަޑައިގަންނަވަނިކޮށް، ޑިގްރީ ފެންވަރަށް ރާއްޖެއިން ބޭރުގައި މުދައްރިސުން ތަމްރީނު ކުރަން ބޭނުންވެގެން ސަރުކާރުން އިޢުލާނު ކުރެއްވުމުން އެކަމާ ކުރިމަތިލައްވައިގެން ފިޖީގައި ފުރަތަމަ ޑިގްރީ ހެދުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. އެ ކޯހުން އެއްވަނައަށް ގޮސްގެން އައިސްތުއަށް ގޯލްޑް މެޑަލް ލިބިވަޑައިގަތެވެ. އަދި ކޯސް ނިންމާ އެނބުރި ވަޑައިގެން ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި މުދައްރިސުން ތަމްރީނުކުރުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަނިކޮށް  ސަރުކާރުން އިޢުލާން ކުރެއްވި މާސްޓަރޒް ލެވެލް ކޯހަކަށް ހޮވިވަޑައިގެން އޮސްޓްރޭލިއާގައި މާސްޓަރޒް އިން އެޑިޔުކޭޝަނަލް މެނެޖްމަންޓް، ޑިސްޓިންކްޝަން އާއެކު ފުރިހަމަ ކުރެއްވިއެވެ. މި ކޯސް ނިންމެވުމަށްފަހު މާލެ ވަޑައިގެން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ރެޖިސްޓްރަރގެ މަޤާމް އަދާ ކުރެއްވިއެވެ. އަދި ކޮލެޖް ޔުނިވަރސިޓީއަކަށް ބަދަލުވިއިރު، ޔުނިވަރސިޓީގެ ފުރަތަމަ ރެޖިސްޓްރަރ ގެ މަގާމަށް ހޮވިވަޑައިގަތީވެސް އައިސްތު އެވެ.

ޕީއެޗްޑީ ފެށުން

ޔުނިވަރސިޓީ ފުރަތަމަ އުފެދުނު އިރު، އެތަނުގެ ވައިސް ޗާންސެލަރ އަކަށް އިންތިޚާބު ކުރެވުނީ ޑރ ޙަސަން ޙަމީދެވެ. ޕީއެޗްޑީ ކޯހެއް ފަށައި، ފުރަތަމަ ދަރިވަރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހު ދަސްވެނިކުރުވުމަކީ ޑރ/ ހަސަން ހަމީދުގެ އިންތިޚާބީ ވައުދެކެވެ. ކޯހަށް ކުރިމަތިލި 5 ކުދިންގެ ތެރެއިން ހޮވުނު 2 ކުދިން މި ދިޔަ ހަފުތާގައި އެ ދަސްވެނިވީ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ފެލޯޝިޕް އާ ބެހޭ ގޮތުން އައިސްތު އާ ސުވާލުކޮށްލުމުން ވިދާޅުވީ، ކޯހަށް ހޮވުނު ދެކުދިންގެ ތެރެއިން ވަޒީފާ ދޫކޮށް ކިޔަވަން އަންނަ ކުދިންނަށް އާމްދަނީ އެއް ހޯދައިދިނުމުގެ މަގުސަދުގައި، އެ ފެލޯޝިޕް އަކީ ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ޙުސައިނާއި، ޑރ ޙަސަން، ރައީސް މުޙައްމަދު ވަޙީދު ޙަސަން އަށް ދަންނަވައިގެން ހަމަޖެއްސެވި ފެލޯޝިޕް އެއް ކަމަށެވެ. އެ ފެލޯޝިޕްގެ އެއް ޝަރުޠަކީ ވަޒީފާ އަދާކުރާ މީހަކަށް ނުވުމެވެ. އެހެންކަމުން އެ ފެލޯޝިޕް އަށް އައިސްތު ކުރިމަތި ނުލައްވައެވެ. ފެލޯޝިޕް ލިބުނީ، ޑިފޯލްޓްއިން ޑރ. ސުނީނާ ރަޝީދަށެވެ. އައިސްތު ކިޔަވައި ވިދާޅުވީ ފީގެ ބޮޑުބައެއް އަމިއްލައަށް ދައްކަވައިގެން ވަޒީފާގެ ޒިންމާވެސް އަދާ ކުރައްވަމުންނެވެ.

ހެޔޮ ނަސީބާއި ގޮންޖެހުންތައް

އައިސްތު ވިދާޅުވި ގޮތުގައި، އޭނާއަށް މެދުވެރިވި އެންމެ ހެޔޮ ނަޞީބަކީ އޮސްޓްރޭލިއާގައި މާސްޓަރޒް ހެއްދެވި ދުވަސްވަރު ތަޢުލީމީ ސިޔާސަތުތައް ކިޔަވައި ދެއްވި ޕްރޮފެސަރ ލެސްލީ ވިޑޮވިޗް އާ ބައްދަލުވިކަމެވެ. އެ ޕްރޮފެސަރަކީ ތަޢުލީމީ ސިޔާސަތުތަކާ ބެހޭ ދުނިޔޭގެ މަޝްހޫރު މާހިރެކެވެ. އައިސްތު ފެކަލްޓީގައި ސިޔާސަތުތައް ކިޔަވައިދެއްވި އިރު، އެކި ގޮތްގޮތަށް އޭނާގެ އެހީތެރިކަން ލިބިވަޑައިގެންނެވިއެވެ. ޕީއެޗްޑީގެ ހުށަހެޅުން ނުވަތަ ޕްރޮޕޯސަލް އެކުލަވާލުމުގައި ވެސް އޭނާ އެހީތެރިވެ ދެއްވާފައި ވެއެވެ. އޭނާވެ ވަޑައިގެންނެވީ، އައިސްތުގެ ސުޕަރވައިޒަރަކަށެވެ. އައިސްތުއަކީ ﷲ ދެއްވި ބޮޑު ނިއުމަތުގެ ތެރެއިން އާދަޔާ ޚިލާފަށް ތޫނުފިލި މޮޅު ބޭފުޅެކެވެ. އެކަން ޚުދު އައިސްތުވެސް ގަބޫލު ކުރައްވައެވެ.

ދެވަނައަށް އައިސްތުއަށް ދިމާވި ނަޞީބަކީ، މާލޭގެ ސްޕަރވައިޒަރަކަށް ޑރ. ޙަސަން ޙަމީދު ހަމަޖެހިގެން ދިޔަ ކަމެވެ. ޑރ. ޙަސަނަކީ މުރާލި، ދިރާސީ ކަންތައްތަކަށް ވަރަށް ބޮޑަށް ފަރިތަ، ޢިލްމީ ބޭފުޅެކެވެ. އަދި އިނގިރޭސި ބަހާއި ދިވެހިބަހަށްވެސް މޮޅު ބޭފުޅެކެވެ. ޕްރޮފެސަރ ލެސްލީ އާއި ޑރ ޙަސަން އަށް ދަރިވަރުވި ކަމަކީ އައިސްތު ވިދާޅުވި ގޮތުގައި އޭނާގެ ނަޞީބާއި ފަޚުރެވެ. އައިސްތު ވިދާޅުވިގޮތުގައި، އޭނާގެ ތީސިސްގެ ”ޝުކުރުގައި“ އެ ދެ ބޭފުޅުންނަށް ނިސްބަތްކޮށް މިހެން ލިޔެފައި ވާނެއެވެ. In one sense, this thesis owes its existence to these two erudite and extraordinary human beings. (އެއް ނަޒަރަކުން ބަލާއިރު، މި ތީސިސް ވުޖޫދުވުމުގެ ދަރަނި ދަރާފައި ވަނީ، މި ޢިލްމުވެރި، އާދަޔާ ޚިލާފު ދެ އިންސާނުންނަށެވެ.)

ޔުނިވަރސިޓީ ޤާނޫނަށް ސަރުކާރުން ބަދަލެއް ގެނައުމާއެކު، ޔުނިވަރސިޓީގެ ހިންގުމުގެ މަގާމުތައް ސިޔާސީ މަޤާމުތަކަކަށް ބަދަލުވެގެން ދިޔައެވެ. އަދި ޑރ ޙަސަން، އިސްތިޢުފާ ދެއްވުމުން އައިސްތުގެ ޕްރިންސިޕަލް ސްޕަވައިޒަރުކަމުން އޭނާ ވަކިކުރެވުނު ކަމުގައިވިޔަސް އޭނާގެ އެހީތެރިކަން އިމްތިޙާނާ ހަމައަށް ކުރިއެކޭވެސް އެއްގޮތަށް ލިބިވަޑައިގަތުމަކީ ޝުކުރުވެރި ހިތަކާއެކު އައިސް ބައްލަވައިގެންނެވި ކަމެކެވެ.

މީގެ އިތުރުން އޭނާއަށް ކިޔެވުމުގެ ކަންތައްތައް ފަހިކޮށްދެއްވި ކަމަށްޓަކައި އޭނާގެ ފިރިމީހާއަށާއި ޢާއިލާއަށް އޭނާ ވަރަށް ބޮޑަށް ޝުކުރުވެރިވެ ވަޑައިގެންނެވިއެވެ.

އިމްތިޙާނު ކުރުން

އައިސްތު ވިދާޅުވިގޮތުގައި، އޭނާގެ ތީސިސް އިމްތިޙާނު ކުރީ ތަޢުލީމީ ސިޔާސަތުތަކާ ބެހޭ ދާއިރާގެ ދެ ޕްރޮފެސަރަކާއި ރާއްޖޭގެ ބޭފުޅެކެވެ. އެއީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޔުނިވަރސިޓީގެ ޕްރޮފެސަރަކާއި  ލަންޑަންގެ ކިންގްސް ކޮލެޖްގެ ޕްރޮފެސަރެކެވެ. ރާއްޖޭގެ ފަރާތުން އެ ބެއްލެވީ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. އެމަނިކުފާނަކީ އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރެއްވި ދިވެހި ދަރިއެވެ. އެމަނިކުފާނަކީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެ ތިން ބޭފުޅުންވެސް އައިސްތުގެ ތީސީސްއަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރެއްވުމަށް ނިންމެވިއެވެ. އަދި އޮސްޓްރޭލިޔާގެ އެގްޒެމިނަރ ފާހަގަ ކުރެއްވިގޮތުގައި އޭނާ މިހާތަނަށް އެގްޒެމިންކުރެއްވި ހުރިހާ ތީސީސްތަކަކަށް ބައްލަވާއިރު 'ޓޮޕް 2' ޕަސެންޓްގައި އައިސްތުގެ ތީސީސް ހިމެނެއެވެ.

ދިރާސާ ކުރެއްވި ދާއިރާ

އައިސްތުގެ ތީސިސް ގެ މައުޟޫޢުއަކީ ”1900 އިން ފެށިގެން 2015 އަށް ދިވެހިރާއްޖޭގައި ހިންގުނު ތަޢުލީމީ ތަރައްގީއާ ބެހޭ ސިޔާސަތުތަކުގެ ޕްރޮސަސް“ އެވެ. އެ ތަހުގީގުގައި، 1900 އިން ފެށިގެން ހިނގި 115 އަހަރުގެ މުއްދަތުގައި، ދިވެހިރާއްޖޭގައި ހިންގުނު މުހިއްމު ތަޢުލީމީ ސިޔާސަތުތައް، ޕޮލިސީ ޓްރެޖެކްޓަރީ ނަޒަރިއްޔާއިން ދިރާސާ ކުރައްވާފައިވެއެވެ. ސިޔާސަތުގެ މަސާރުގައި ހިމެނޭ ނުފޫޒު ފޯރުވި ވެއްޓާއި، ޢިބާރާތް އެކުލަވާލުމުގެ ވެއްޓާއި ސިޔާސަތުތަކުގެ އަސަރުތަކާއި ނަތީޖާ ވެށި ތަހުލީލު ކުރައްވައިފައިވެއެވެ. ޑޭޓާގެ ގޮތުގައި ދިރާސާއަށް ބޭނުން ކުރައްވާފައިވަނީ ލިބެންހުރި ގާތްގަޑަކަށް ހުރިހާ ގުޅުންހުރި ލިޔުމެކެވެ. މީގެ އިތުރަށް  މުހިއްމު 35 ޕޮލިސީ އެކްޓަރުންނާ އިންޓަރވިއު ކުރެއްވިއެވެ. ދިރާސާގެ ހޯދުންތަކުން ސޯޅަ ނަޒަރީ اقتراح  ހުށަހަޅުއްވައިފައިވެއެވެ.

އައިސްތު ވިދާޅުވިގޮތުގައި، ރާއްޖޭގައި މިހާތަނަށް ޗާޕުކުރެވިފައިވާ ތަޢުލީމާބެހޭ މައިގަނޑު ހުރިހާ ލިޔުމެއް އޭނާ ކިޔުއްވާފައި ވެއެވެ. އޭގެތެރޭގައި ސަރުކާރުގެ ޚަބަރުތަކާއި ހުރިހާ ވިޔަފާރި މިއަދުތަކާއި މޫންލައިޓްތަކާއި އެހެނިހެން ނޫސްތަކާއި ކުރީގެ ތާރީޚާ ބެހޭ ވަރަށް ގިނަ ލިޔުންތައް ހިމެނެއެވެ.

މުސްތަޤްބަލް ގެ އުއްމީދުތައް

އައިސްތު ވިދާޅުވިގޮތުގައި، މަޢުލޫމާތު ހޯދުމުތެރޭގައި، ތީސިސްގައި ނުހިމަނާ ވަރަށް ގިނަ މަޢުލޫމާތުތަކެއް އޭނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެ މައުލޫމާތުތައް ރަނގަޅަށް ތަރުތީބު ކުރެވި، ރާއްޖޭގެ ވިހިވަނަ ޤަރުނުގެ ތާރީޚަށް ފާގަތިވެފައި ވެއެވެ. އެހެންކަމުން، އޭނާ އުއްމީދު ކުރައްވަނީ ތީސިސްއަށް ވުރެ ފުޅާ މައުޟޫއަކަށް އިނގިރޭސިބަހުން ފޮތަކާއި ދިވެހިބަހުން ފޮތެއް ލިޔުއްވުމަށެވެ. މީގެ ތެރެއިން އިނގިރޭސި ބަހުން ލިޔުއްވާފޮތް ވަނީ ގާތްގަޑަކަށް ނިމިފައެވެ. ދިވެހިބަހުން ލިޔުއްވާ ފޮތުގެ ހަތަރު ޗެޕްޓަރު ނިމިފައި ވެއެވެ.

އެހެން ދަރިވަރުންނަށް ދޭ ނަޞޭޙަތް

އައިސްތު ވިދާޅުވިގޮތުގައި، ވަޒީފާއެއް އަދާކުރައްވަމުން ޕީއެޗްޑީ އަށް ކިޔަވައިގެން ފެންވަރު ރަނގަޅު ތީސިސް އެއް ލިޔުމަކީ ވަރަށްދަތި އަދި އުނދަގޫ ކަމެކެވެ. އޭނާ ބޮޑަށް އިލްތިމާސް ކުރަނީ ކިޔެވުމަށް ހުސްވެގެން ތިބެ އެކަން ކުރުމަށެވެ.

އައިސްތު ދެން ފާހަގަ ކުރައްވާ ކަމަކީ، ތީސިސް ލިޔުއްވަން ޚިޔާރުކުރާ މައުޟޫޢުގެ މުހިއްމު ކަމެވެ. ރަނގަޅު މައުޟޫޢުއެއް ހޮވުމަކީ، ވަރަށް މުހިއްމު ކަމެކެވެ. ވަރަށް ގިނަ ފަރާތްތަކުން ޕީއެޗްޑީއަށް ކިޔަވަނީ ސަނަދު ހޯދުމުގެ ބޭނުމުގައެވެ. ޢިލްމު އުނގެނެން ނަމަ، ދިރާސާ ކުރާ ދާއިރާއަކީ، އެކަމުގެ މަންފާ ދެމިގެންދާނޭ ދާއިރާއަކަށް ވުން މުހިއްމު ކަމަށް އައިސްތު ވިދާޅުވިއެވެ.

އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަނީ ސްޕަވައިޒަރުންނެވެ. ފަރުވާ ބަހައްޓައިގެން އެހީތެރިވެ ދެއްވާނޭ ސްޕަރވައިޒަރުން ލިބުމަކީ ކާމިޔާބުކަމާއެކު ރަނގަޅު ތީސިސް އެއް ނިންމާލުމުގެ %50 އެވެ. އެބޭފުޅުން، މައުޟޫއު ވަޒަންކުރެއްވުމުގައި އެހީތެރިވެދެއްވައި، ދިމާވާ ދަތިކަން ފިލުވައިލުމުގައި މަދަދުވެރިވެ، މާޔޫސްވާ ވަގުތުތަކުގައި އުއްމީދު އާކޮށްދީ ހައްދަވައެވެ.

މިގައުމުގެ ހިތާއިދޫ އެދި ގޮވަނީ ޑރ. އައިސްތު ފަދަ ބޭފުޅުންނަށެވެ. އެފަދަ އިލްމީ ބޭފުޅުންގެ ޚިދުމަތަށެވެ. އައިސްތުއަށް ތަހުނިޔާ ހުއްޓެވެ. މަރުހަބާއާއި އުފާވެރިކަން ހުއްޓެވެ.

Exit mobile version