ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާ ޖެން މޯލްޑިވްސް، މާލޭ ބައި ޝަންގްރިއްލާގައި ބާއްވައިފިއެވެ. ހައިބްރިޑް މޮޑެލްއެއްގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި 265 ހިއްސާދާރުން ވަނީ ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައެވެ. މީގެ ތެރޭގައި 136 ހިއްސާދާރުން އަދި 129 ހިއްސާދާރުންގެ ޕްރޮކްސީ ދީފައިވާ ފަރާތްތައް ހިމެނެއެވެ. ކުރީ އަހަރުތަކާ ވެސް އެއްފަދައިން، ރަޖިސްޓްރީކޮށްފައިވާ ހުރިހާ ހިއްސާދާރުންގެ ވޯޓު ވެސް ނަގައިފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑުގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް 'ފަހިވޯޓް' މެދުވެރިކޮށެވެ. 74،240،990 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާއެކު، މި އަހަރުގެ ޖަލްސާގައި ހުށަހެޅި ހަތަރު ރިޒޮލިއުޝަން ވަނީ ހިއްސާދާރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފައެވެ.
މި ގޮތުން، ޖަލްސާގައި ބައިވެރިވެ ވޯޓު ދެއްވި ހިއްސާދާރުންގެ އަގުލަބިއްޔަތުން ތިރީގައި މިވާ ހަތަރު ރިސޮލިއުޝަން ވަނީ ފާސްކޮށްފައެވެ:
- 2025 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމުގެ ރިސޮލިއުޝަން.
- 2025 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުމުގެ ރިސޮލިއުޝަން.
- 2026 ވަނަ މާލީ އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުން އައްޔަނުކުރުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.
- 2026 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.
- ކުންފުނީގެ 39ވަނަ އަހަރީ އާންމު ޖަލްސާ ނިމެންދެން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް، އާސިއަތް ރިލްވީނާ އިންތިހާބުކުރުން.
2025 ވަނަ އަހަރު ދިރާގުން ހާއްސިލުކޮށްފައިވާ ކާމިޔާބީތަކަށް ބަލައިލާއިރު
- ރާއްޖޭގެ އެންމެ ފުރަތަމަ ޓިއަރ-4 ސެޓިފިކޭޝާން ހޯދައިފައިވާ ޑޭޓާރ ސެންޓަރ ކަމުގައިވާ ހުޅުމާލެ ޑޭޓަރ ސެންޓަރު ހުޅުވައި، ނ.ވެލިދޫގައި ދިރާގުގެ 3ވަނަ ޑޭޓަރ ސެންޓަރު ހުޅުވުން.
- ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް %100 ހައި-ސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިރާގުން ހޯދި ކާމިޔާބީ ފާހަގަކޮށް ދިވެހި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ހަދާނީ ފިލައެއް އެރުވުން. މިއާއެކު، ދުނިޔޭގެ ނިސްބަތުން މި ލަގަބު ހޯދާފައިވާ މަދު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިގެން ދިއުން.
- 93% މުވައްޒަގުންގެ ބައިވެރިވުމާއެކު، 'ގްރޭޓް ޕްލޭސް ޓު ވޯކް ސެޓިފިކޭޝަން ހާސިލުކުރުން.
- ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އަންލިމިޓެޑް ފައިބަރ ބްރޯޑްބޭންޑާއި 5ޖީ ނެޓްވޯކް ފުޅާކުރުމާއެކު، ކްލައުޑް ކޮމްޕިއުޓިންގ، ސައިބަރ ސެކިއުރިޓީ އަދި މޮބައިލް ފައިނޭންޝަލް ސާވިސަސް ފަދަ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތައް ތައާރަފުކޮށް ހަރުދަނާކުރުން.
ބައިނަލްއަގުވާމީ ކަނެކްޓިވިޓީ ވަރުގަދަކުރުމުގެ ގޮތުން، ސީ.މީ.ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މަޝްރޫއުގައި ބައިވެރިވުމާއި، ގޫގަލްއާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ގާއިމުކުރުމުގެ މަޝްރޫއު.
2025 ވަނަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު
1.8% އިތުރު އަދަދެކެވެ. މިއީ ދިރާގުގެ ހިތުމަތްތައް އިތުރަށް ފުޅާކުރުމާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަރޕްރައިސް ސެގްމަންޓްގެ ޕަރފޯމަންސް ވަރުގަދަ ކުރުމުގެ ނަތީޖާއެވެ. 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ދިރާގުގެ އިބިޓާވަނީ %1.9 ގެ ކުރިއެރުމަކާއެކު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 949 މިލިއަން ރުފިޔާ ހޯދައި، 2024 އަށް ވުރެ %0.4 ގެ ކުރިއެރުމެއް ވަނީ ހޯދައިފައެވެ.
ދިރާގުގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2025 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ދިނުމަށް ހުށަހަޅައި ފާސްކޮށްފައެވެ. މީގެ ތެރޭގައި، 2025 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66 ރުފިޔާ އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04 ރުފިޔާ ހިމެނެއެވެ.
