Aafathis

ވިހަ ތީރު (59)

( 19 ޖަނަވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ގެޔަށްގޮސް އަނބުރާ އެގެޔަށް ނައުމަށާއި އަތުވެއްޖެނަމަ ، ދެންއޭނާ ހަދާނީ ކިހިނެއްކަން ދިލްނަޝީނަށް އެނގޭނެކަމަށް މެހެމަލް ބުންޏެވެ. އޭރުން އެގެޔަށް ދިލްނަޝީން ، ދެން ދާންޖެހޭނީ ޙައިދަރު އޭނާގެ ގެއިންނާއި ދިރިއުޅުމުން  ބޭރުކޮށްލާ މީހެއްގެ ގޮތުގައެވެ.)

ދިލްނަޝީން ގެޔަށްލާފައި ޙައިދަރު ދިޔައީ އޮފީހަށެވެ. ޢާފިޔާހުރީ  ދިލްނަޝީނާއެކީ ޙައިދަރު ނައީތީ ކަންބޮޑުވެފައެވެ. ދިލްނަޝީނާ ވާހަކަ ދައްކާލަން ބޭނުންވެފައެވެ. އެހެނަސް ، ދިލްނަޝީންގެ ބޮލުގައި ރިއްސާތީ ކޮޓަރިޔަށްގޮސް ކުޑަކޮށް ޖައްސާލައި އަރާމު ކޮށްލުމަށް ދިލްނަޝީން ބޭނުންވިއެވެ. އަނީސާ އޭރު ގެޔަކު ނެތެވެ. އެއްޗެއްގަންނަން ބާޒާރަށްގޮސްވީ ވަގުތެކެވެ. ޢައްވަލާއި މަންމަޔާ ދެމައިން ، ދިލްނަޝީންމެންގެޔަށް ދާން ރާވާފައި އޮތްކަމަށް ޢާފިޔާ ބުންޏެވެ. ދިލްނަޝީނާ ވާހަކަ ދެއްކުމަށެވެ. އެއީ ކޮންކަހަލަ ވާހަކައެއްކަން އެނގުމަށް ދިލްނަޝީން ބޭނުންވިއެވެ. އެމީހުން ވާހަކަ ދައްކަން ދާން އެއުޅެނީ ރިދާއާއި މެހެމަލްއާ ގުޅިގެން ދިމާވެގެންއުޅޭ މައްސަލައިގާކަން ޢާފިޔާ ސާފުކޮށްދިނެވެ.

އެމައްސަލަ އޭނާއާ ވާހަކަ ދައްކައިގެން ޙައްލު ނުކުރެވޭނެކަމަށް ދިލްނަޝީން ބުންޏެވެ. އެކަން އޮތީ އެއަށްވުރެ މައްޗަށް ގޮއްސައެވެ. ޢާފިޔާއަކީ ދިލްނަޝީނަށް ހެޔޮއެދޭ ، ދައްތައެއްފަދަ މީހެކެވެ. އެކަމުގައި ދިލްނަޝީނާ ވާހަކަ ދައްކައިލަން ޢާފިޔާ ބޭނުންވި ސަބަބަކީ އެއީއެވެ. އެކަން ޙައްލު ކުރާނެ ގޮތަކާމެދު ، ދިލްނަޝީންގެ ވިސްނުންހުރި ގޮތެއް ބަލައި އޭނާއަށް ފެންނަގޮތެއް ދިލްނަޝީންގާތު ބުނުމަށް ޢާފިޔާވެސް ހުރީ ބޭނުންވެފައެވެ. އެކަން ޙައްލު ކުރުމަށްޓަކައި ދިލްނަޝީނަށް ކުރެވޭނެ ކަމެއް ނެތެވެ.

ދިލްނަޝީން ކޮޓަރިޔަށްދިޔަތާ ގިނައިރެއްނުވެ ، އަނީސާވެސް ގެޔަށް އައެވެ. ދިލްނަޝީން އެގެޔަށް އައިވާހަކަ ރިދާއަށް ބުނެވުމާއެކީ ، ޢާފިޔާގެ މޫނުމަތިން ޙައިރާންކަން ފާޅުވިއެވެ.

ދިލްނަޝީން ކޮޓަރިޔަށްގޮސް ، ރިދާއަށް ފޯނުކުރިއެވެ. އަދި ، ރިދާ ކުރަމުން އެގެންދަނީ ރަނގަޅުކަމެއްނޫންކަން ރިދާއަށް ވިސްނައިދިނުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެނަސް ، ރިދާގެ މަޤްޞަދަކީ ، ދިލްނަޝީން އެމީހުންނަށް އެދިން ތަކުލީފުގެ ބަދަލު ހިފުމެވެ.

" ޙަމްޒާއަށް އަހަރެން ބޭވަފާތެރިއެއް ނުވަމެވެ. އަހަރެން މިބުނާ ވާހަކަ ޤަބޫލު ކުރާށެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީންގެ އެއްވެސް ވާހަކައެއް ޤަބޫލުކުރާކަށް ރިދާ ބޭނުމެއްނުވިއެވެ. ރިދާއަށް ޤަބޫލުކުރެވޭގޮތުގައި ، އޭނާއަށާއި އޭނާގެ ބޭބެޔަށް ، ދިލްނަޝީން އެދިނީ ބޮޑުވެގެންވާ ކެއްސެކެވެ. އެމީހުންނަށް ދިލްނަޝީން މަކަރުހަދައި އޮޅުވާލީއެވެ. އެދެބެއިންގެ ބޭނުން ނާޖާއިޒްގޮތުގައި ދިލްނަޝީން ހިފީއެވެ. އެވަގުތަށް ބޭނުންވާ ހުރިހާކަމެއް އެމީހުންގެ ފަރާތުން ދިލްނަޝީންވަނީ ފުއްދާފައެވެ. ބޭނުންވާ ހުރިހާކަމެއް ފުރިހަމަވުމުން ، އެމީހުން ދޫކޮށްލައި ، އެމީހުންނަށްވުރެ މުއްސަނދި މީހަކު އަތުޖެހުނީމަ ، އެމީހާޔާ ކައިވެނި ކުރީއެވެ. އެކަމުން ރިދާގެ ބޭބެ ، ޙަމްޒާއަށް ލިބުނު ތަކުލީފާއި ވޭނަކީ ދިލްނަޝީނަށް އިޙްސާސްކޮށްލެވޭނެ އެއްޗެއްނޫންކަމަށް ރިދާ ބުންޏެވެ.

ދިލްނަޝީން ، އޭނާ ދޫކޮށްލުމާއެކީ ދުނިޔެމަތިން ފޫހިވެގެންގޮސް ، އަތުންފައިން ގޯސް ހަދައި ސިކުނޑިޔަށް އެކަމުގެ އަސަރު ކުރިއެވެ. ބައްޕަގެ ވިޔަފާރީގައިވެސް އެއްވެސް އެހީތެރިކަމެއް ނުދެއެވެ. ދުނިޔެއިން ބޭކާރުވެފައިވާ މޮޔައަކަށް ޙަމްޒާ ބަދަލުވިއެވެ. އެހުރިހާކަމެއްގެ ޒިންމާއަކީ ، ދިލްނަޝީން އުފުއްލަންޖެހޭ އެއްޗެއްކަމަށް ރިދާ ބުނަމުން ގެންދިޔައެވެ.

" އަހަރެންނަށް މިކައިވެނިން އެއްވެސް އުފަލެއް ނުލިބޭނެ ވާހަކަ ރިދާއަށް ، އަހަރެން ސާފުކޮށްދޭނީ ކިހިނެއް ހެއްޔެވެ ؟ އެއީ އަހަރެންގެ ރުހުމުގައި ކުރެވުނު ކައިވެންޏެއްނޫނެވެ. އެކައިވެނިން އޭނާ ސަލާމަތް ކޮށްދިނުންއެދި ، އެންމެ ފަހުވަގުތާ ހަމަޔަށްވެސް އަހަރެން ، ބޭބެއަށް އާދޭސް ކުރީމެވެ. އެކަމަކު ، ބޭބެވެސް އަދި މަންމަވެސް އަހަރެންގެ އާދޭހުގެ އަޑެއް ނޭހިއެވެ. އަހަރެންނަށް އެކައިވެނި ހުއްޓުވަން ކުރެވޭނެ އެއްވެސްކަމެއް ނެތުނީއެވެ." ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން އެދައްކާ ވާހަކައެއްގެ އަޑުއަހަން ދުރުގައި ހުރެފައި ، އަނީސާ އައިސް ، ދިލްނަޝީންގެ އަތުގައި އޮތް ފޯނު ޖަހައިގަނެ އަތުކޮޅަށް ހޫރައިލިއެވެ.

އައްވަލަށް ހީކުރެވިފައި އެއޮތީ ރަނގަޅަށްކަން އަނީސާއަށް އެނގިއްޖެކަމަށް އަނީސާ ބުންޏެވެ. މަންމަޔަށް ހީކުރެވިގެން އެއުޅެނީ ރަނގަޅަށްނޫންކަން ސާފުކޮށްދެވޭތޯ ، ދިލްނަޝީން މަސައްކަތް ކުރަމުން ގެންދިޔައެވެ.

އަނީސާއަށް އޭނާގެ ދަރިފުޅަކީ ، މަޢޫޞޫމް ކުއްޖެއްކަމަށް ހީކުރެވުނުކަން އެއީ ގޯހެއްކަމަށް އަނީސާއަށްޤަބޫލުކުރަން މަޖުބޫރުވިއެވެ. ޢިއްފަތްތެރިކަމާއި އިޢުތިޤާދު ދޫކޮށްލައި އަމިއްލަ އެދުން އިސްކުރާނެ ކުއްޖެއްކަމަށް އޭނާއަށް ހީކުރެވިފައެއް ނެތެވެ. އިޙްތިރާމް ލިބިގެންވާ ފިރިހެންކުއްޖެއްގެ މަންމައަށްޓަކައި ވީ ޤުރުބާނީގެ ބަދަލުގައި ، އެމަންމަޔަށް އިހާނެތިކޮށް ހިތައިފާނެ ކުއްޖެއްކަމެއް އަނީސާއަކަށް ނޭނގެއެވެ.

ދިލްނަޝީން އޭނާގެ ދިފާޢުގައި ވާހަކަ ދައްކަން ފެށުމާއެކީ ، އަނީސާ އޭނާ ހުއްޓުވިއެވެ. އަނގައިން ނުބުނެ ހިމޭނުން ހުރުމަށް އެންގިއެވެ.

" ތިކަހަލަ ކުއްޖަކު ނުލިބި އަހަރެންގެ ފުރާނަދިޔަނަމަވެސް މާ ރަނގަޅުވީހެވެ. ދިލްނަޝީން ބޭނުންވެގެން ތިއުޅޭގޮތެއް ވިޔަކަ ނުދޭނަމެވެ. އަހަރެން މިބުނާ ވާހަކަ ކަނުލައި އަޑުއަހާށެވެ. ރިދާއާ ގުޅިގެން ޙައިދަރަށް ގެއްލުމެއް ލިބޭނެ އެއްވެސްކަމެއް ކުރަން ރާވައިފިނަމަ ، އަހަރެން ހަދާނެގޮތް ދިލްނަޝީނަށް ޚިޔާލަކަށްވެސް ނުގެނެވޭނެއެވެ. " އަނީސާ ބުންޏެވެ.

ދިލްނަޝީނާ ދިމާލަށް އެތިވަރުގޮވަމުން ، އަނީސާ އެކޮޓަރިން ނުކުތެވެ. އެވަޤުތު ، ޢާފިޔާ އެކޮޓަރިޔަށް ވަނެވެ. އައްވަލް ގެޔަށް އައުމުގެ ކުރިން ދިލްނަޝީން އެގެއިން ދިއުމަށް ޢާފިޔާ އެދުނެވެ. އައްވަލް އައިއްސިއްޔާ ، މަންމަޔަށްވުރެ މާ ކަންތައް ބޮޑުވާނެއެވެ. ދިލްނަޝީންގެ ފުރާނަޔަށްވެސް ގެއްލުމެއް ލިބިދާނެއެވެ.  ޢާފިޔާއަށް މަންމަ މައިތިރި ކުރެވިދާނެއެވެ. އެކަމަކު އޭނާއަކަށްވެސް އައްވަލެއް މައިތިރިއެއް ނުކުރެވޭނެއެވެ. އެއީ ރުޅި އައިއްސިއްޔާ ބުއްދި ރަންވާ މީހެކެވެ. ދިލްނަޝީނާ އިތުރަށް އެވާހަކަ ދެއްކޭނެހާ ހިތްވަރެއް ޢާފިޔާއަކަށް ނުލިބުނެވެ. ޢާފިޔާވެސް އެކޮޓަރިން ނުކުމެގެން ދިޔައެވެ.

ޙައިދަރު އޮފީހުން ގެޔަށް އަންނަންވާއިރަށް ، ރީތިވެ ނަލަވާން މެހެމަލް މަސައްކަތް ކުރަމުން ގެންދިޔައެވެ. ސެންޓްޖަހައި ރީތިވެގެން މެހެމަލް ، ބޭރަށް ނުކުތްތަނުން އެފެނުނީ ދިލްނަޝީން އައިސް ގެޔަށް ވަތްތަނެވެ. ދިލްނަޝީން ދިޔަގޮތަށް ދިޔައީ އޭނާގެ ކޮޓަރިޔަށެވެ. ޙައިރާންވެ އަނގަހުޅުވިފައި މެހެމަލް ހުއްޓެވެ.

ދިލްނަޝީން ދިޔަގޮތަށްގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ނޭވާހުރީ ކުރުވެފައެވެ. މެޔަށް ހުރީ ތަދެއް އަރާފައެވެ. ސިކުނޑިވަނީ ސުމަކަށް ގޮހެވެ. ހިފެހެއްޓުނެއްނެތި ލޮލުން ކަރުނަ ފައިބަމުން ދެއެވެ.

ވަގުތުބަލާފައި ޑްރައިވަރަށް ގޮވައިގެން ގެނެސް ، ޙައިދަރުގެ އޮފީހަށްދާން މެހެމަލް ނުކުތެވެ. ޙައިދަރު ގެޔަށް އަންނަން އޮފީހުން ނުކުތުމުގެ ކުރިން އޭނާ އޮފީހަށް ވަންނަން ޖެހޭނެއެވެ. އެހެންކަމުން ތަންކޮޅެއް ބާރަށް ކާރު ދުއްވުމަށް އިރުއިރުކޮޅުން ޑްރައިވަރަށް އަންގައެވެ.

ނަޞީބަކުން ، ޙައިދަރު އޮފީހުން ނުނުކުންނަނިސް މެހެމަލްއަށް ޙައިދަރުގެ އޮފީހަށް ދެވުނެވެ. ޓަކިޖަހައިލުމާއެކީ މެހެމަލް އެތެރެޔަށް ވަދެ ޙައިދަރަށް ސަލާމް ގޮވައިލިއެވެ. މެހެމަލް ފެނުމާއެކީ ޙައިދަރު ޗޮކެއް ކަނޑައި ، އޭނާއަށް އެރޭ މެހެމަލްއާއެކީ އެއްވެސްތާކަށް ދެވެން ނެތްވާހަކަ ބުންޏެވެ. އޮފީހުން އޭނާ ދާންޖެހޭނީ ދިލްނަޝީންބަލައި ، ދިލްނަޝީންގެ މަންމަމެން ގެޔަށެވެ. ދިލްނަޝީން ގެޔަށް އައިވާހަކަ މެހެމަލް ބުންޏެވެ.

އޭނާ ބަލައި ގެޔަށް އައިސް ދިނުމަށް ޙައިދަރުގާތު އެދުނީ ޚުދު ދިލްނަޝީނެވެ.

" އެވައްތަރު ކުދިން ގޭތެރޭގައި އުޅެން އެއްވެސްމީހެއްގެ ހިތަކަށް ފަސޭހައެއް ނުވާނެއެވެ. " މެހެމަލް ބުންޏެވެ.

އޭނާގެ އަންހެނުންނާ ބެހޭ އެޒާތުގެ ވާހަކަ އަޑުއެހުމަށް އޭނާ ނޭދޭކަމުގައި ޙައިދަރު ބުންޏެވެ. ދިލްނަޝީންގެ ތަޞައްވުރަކީ ، އޭނާގެ ހިތެކޭ އެއްފަދައިން ސާފު ތާހިރު އެއްޗެކެވެ. ޙައިދަރުގެ ވާހަކަޔަށް މެހެމަލް ރައްދު ދިނެވެ. ޙައިދަރަށް އެވަނީ ދިލްނަޝީން އޮޅިފައިކަމުގައި މެހެމަލް ބުންޏެވެ. ވަރަށް ބޮޑަށެވެ. ދިމާ އިދިކޮޅަށެވެ. މިއަދުގެ ދުނިޔޭގައި އެއްވެސް އެއްޗަކީ ސާފުތާހިރު އެއްޗެއްނޫނެވެ. ފަސްބައި ތާހިރު އެއްވެސް އިންސާނަކުވެސް ނުހުންނާނެއެވެ. ދިލްނަޝީނަކީ އަންހެނެކެވެ. އެއީ އަންހެނެއްކަމުގައިވާއިރު ، އަމްދުން ، ޒުވާންކަމުގެ ލޭހޫނުވެގެންދާ ދުވަސްވަރު ، ކަޅުލައްތަކެއް ނުޖެހޭ ބިކުރުވެރި އަންހެންކުއްޖަކު ނުހުންނާނެއެވެ. އެއީ ޙައިދަރަށް ހަނދާންކޮށްދޭންޖެހޭނެކަމެއް ނޫންކަން ، ޚުދު ޙައިދަރަށްވެސް އެނގޭނެކަމަށް މެހެމަލް ބުންޏެވެ.

" ދިލްނަޝީނަކީ ، ލޫޅާފަތި ، ރީތި އަންހެން ކުއްޖެކެވެ. އެތައް ފިރިހެންކުދިންނެއް ދިލްނަޝީނާ ދިމާލަށް ވައްކަޅިން ބަލައިފާ ހުންނާނެއެވެ. ހޭކިލަން ބޭނުންވެފައި ތިބޭނެއެވެ. " މެހެމަލް ބުންޏެވެ.

ދިލްނަޝީނާ ބެހޭގޮތުން މެހެމަލް ދައްކަނުން އެގެންދާ ވާހަކަތައް އަޑުއަހާކަށް ޙައިދަރަކަށް ނީނދެވުނެވެ. ދެން އިތުރަށް އެވާހަކަ ނުދެއްކުމަށް މެހެމަލް އަށް އިންޒާރު ކުރިއެވެ.

" ދިލްނަޝީން ، ނޫނެކޭ ބުނެ ދޫކޮށްލާފައި އޮންނާނީ ކިތައް ފިރިހެންކުދިންކަމެއްވެސް ނޭނގެއެވެ. ކިތައް ފިރިހެންކުދިންގެ ހިތް ކަތިލައި ފޮތިފޮތި ކޮށްލާފައި އޮންނާނެ ބާވައެވެ. " މެހެމަލްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

މެހެމަލްގެ ބޭނުމަކީ ޙައިދަރު ، ރަނގަޅަށް ރުޅިއަރުވައިލުމެވެ. ދިލްނަޝީންގެ މައްޗަށް ޙައިދަރުގެ ހިތުގައި ނަފުރަތު އުފެއްދުމެވެ. ޙައިދަރު ، މެހެމަލްއާ ދިމާލަށް ފުންމައިގަތެވެ.  ﷲ އަށްޓަކައި ، އެވާހަކަތައް ދެއްކުން ހުއްޓައިލުމަށް މެހެމަލްގާތު ޙައިދަރު އެދުނެވެ. އެހެނަސް ، މެހެމަލްގެ ވާހަކަ  ހުއްޓައިނުލާ ކުރިޔަށް ގެންދިޔައެވެ.

" އޭގެ ތެރެއިން ގައިމު ކޮންމެވެސް އެއްކުއްޖެއްގެ އަތުގައި ދިލްނަޝީން އޮންނާނީ ހިފާފައެވެ. " މެހެމަލް އިތުރަށް ބުންޏެވެ.

އެހިސާބުން ޙައިދަރަށް އޭނާގެ ރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. ގާރޑުންނަށް ގޮވައިގެން ގެނެސް އެތަނުން ބޭރުކޮށްނުލަނިސް ، މެހެމަލްގެ ވާހަކަ ހުއްޓައިލުމަށް ޙައިދަރު ބުންޏެވެ. މެހެމަލްއާ ދިމާލަށް ދިއްކޮށްގެންހުރި އިނގިލި ޙައިދަރަކަށް ތިރިއެއް ނުކުރެވުނެވެ. އޭނާހުރީ އެއަށްވުރެ ބޮޑަށް ރުޅިއައިސް ކޮންޓްރޯލުން ނައްޓާފައެވެ. އޭނާ އެ ދެނީ އެންމެ ފަހުގެ އިންޒާރުކަމަށާއި ، މެހެމަލްގެ ވާހަކަ ހުއްޓައިނުލައިފިނަމަ ، އޮފީހުން ބޭރަށްލާނެކަމަށް ޙައިދަރު ބުންޏެވެ.

" އަހަރެންނާ ދިމާލަށް އިނގިލި ދިއްކުރުމުގެ ކުރިން ، ޙަމްޒާއަކީ ކޮން ފިރިހެނެއްތޯ ދިލްނަޝީންކުރެން އަހައިލަ ބަލާށެވެ. " މެހެމަލް ބުންޏެވެ.

ޙައިދަރުގެ އިނގިލި ތިރިކޮށްލެވުނެވެ. އަދި ކުއްލިޔަކަށް ކޮޅަށް ތެދުވެ ، ދެކޮޅަށް ހިނގަން ފެށުނެވެ. ބޮލުގައި އަތްކާއްތަމުންގޮސް އިސްތަށިގަނޑުގައި ބާރަށް ހިފައިގަތެވެ. އަދި ، އެ ޙަމްޒާއަކީ ކާކުތޯ މެހެމަލްއާ ސުއާލު ކުރިއެވެ.

ޙަމްޒާއަކީ ކިހާވަރެއްގެ ކާކުތޯ ، ޙައިދަރުގެ އަންހެނުން ދިލްނަޝީނާ ސުއާލުކުރުމަށް މެހެމަލް ބުންޏެވެ. ޙަމްޒާއަކީ ކާކުކަން ބުނެދޭން އެންމެ ރަނގަޅަށް އެނގޭނީ ދިލްނަޝީނަށެވެ. ޙަމްޒާއަކީ ކާކުކަން ދިލްނަޝީނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

މެހެމަލް އެއުކި " ވިހަތީރު " ތައް ފިސާރި ރަނގަޅަށް ޙައިދަރުގެ ހިތަށް ހެރެމުންގޮސް ޒަޚަމްވަމުން ދިޔައެވެ. ޙައިދަރުގެ ހިތަށް އަމާޒު ނުހިފާ އެންމެ ތީރެއްވެސް މެހެމަލްއެއް ނުއެއްލައެވެ. ހުރިހާ ތީރެއްވެސް ދިޔައީ ، ޙައިދަރުގެ ހިތުގެ އެންމެ ފުންމިނަށް ހެރެމުންނެވެ.

" އަހަރެންނަކީ އެހެންފިރިހެނުންނާ އެއްވިސްނުމެއްގެ ފިރިހެނެއްނޫނެވެ. އެހެން ފިރިހެނުންހެން ، އަނބިމީހާގެ މާޒީ ކޮނެގެން ، އެއަނބިމީހާ ބޭޒާރެއް ނުކުރާނަމެވެ. ދިލްނަޝީނަކާ އަހަރެން އެއްވެސް ސުއާލެއް ނުކުރާނަމެވެ. " ޙައިދަރު ބުންޏެވެ.

އެހެންކަމަށްވަންޏާ އެކަމާ ކަންބޮޑުވެގެން ، އޭނާއާ އެސުއާލުކުރީ ކީއްވެގެންތޯ މެހެމަލް ސުއާލުކުރިއެވެ. އެޙައިރާންކަން އޭނާއަށް ލިބުނީ ، އެވާހަކަ މެހެމަލް ބުނީތީކަމަށް ޙައިދަރު ބުންޏެވެ. މެހެމަލްގެ ގޮތާފޮތާ އެންމެ ރަނގަޅަށް އެނގޭނީ ޙައިދަރަށެވެ.

" އަހަރެން އެކަމަށް އިންކާރެއް ނުކުރަމެވެ. އެވާހަކަ މިބުނީ ހަމަ އަހަރެންނެވެ. ޙައިދަރު ބޭނުންކަމަށްވަންޏާ އެހެންމީހެއްގެ ދުލުންވެސް ، އެވާހަކަތައް ، އަހަރެން ކިޔުއްވައިދީފާނަމެވެ. ދިލްނަޝީންގެ ކުރިމަތީގައެވެ. ކައިވެންޏަށްފަހު ، އަނބިން އެމީހުންގެ ކުރީގެ ގުޅުންތައް ސިއްރުކުރާނެއެވެ. އެކަން އެމީހުން ސިއްރު ނުކޮށްފިނަމަ ، އާވާހަކަތަކެއް އުފަންވެ ފެތުރިގެން ދާނެއެވެ. އެކަހަލަ ވާހަކަތަކުން އެންމެ ފުރަތަމަވެސް ގެއްލިގެންދާނީ އެއަންހެނާގެ ތަޞައްވުރެވެ. އެކަމަކު އެއަންހެނާ ، އޭނާގެ ހިތުގައިވާ ލޯބިވެރިޔާ ހިތުގައި ހަރުލާފައި އޮންނާނެއެވެ. އަދި ، ފިރިމީހާ އެކަހެރިކޮށް ، އެހެން ތަޞައްވުރެއް ދައްކާނެއެވެ. މިވާހަކަތައް ، ޙައިދަރުގެ އަނބިމީހާކުރެން އަހާލަ ބަލާށެވެ. ޙައިދަރަކީ ، ދިލްނަޝީންގެ ހިތުގައި އެއްކައިރިކުރެވިފައިވާ ތަޞައްވުރެއްތޯ ނުވަތަ ނޫންތޯ އަހާލަ ބަލާށެވެ. " މެހެމަލް ބުންޏެވެ.

ދެން ހުއްޓައިލާށެވެ. މެހެމަލްއާ ދިމާލަށް ޙައިދަރު ހަޅޭއްލަވައިގަތެވެ. އަދި ، ޙަމްޒާގެ ވާހަކަ މެހެމަލްއަށް އެނގުނީ ކިހިނެއްތޯ ސުއާލުކުރިއެވެ. ޙައިދަރުހެން ، މިތުރުގެ ހުރިހާ ކުށްތަކެއް މާފުކުރިހެން ، އަހަރެންގެ ދުޝްމަނުގެ ބަލިކަށި ހުރިހާ ޙަރަކާތްތަކަކަށް ފާރަލައި އޭނާވެސް އެކަން ބަލާނެކަމަށް މެހެމަލް ބުންޏެވެ.

" ދިލްނަޝީނަކީ ، ރަޙުމަތްތެރިއެއްކަމަށް ޙައިދަރު ބަލަމު ނޫންހެއްޔެވެ ؟ އެހެންވީމާ ، މިޒާތުގެ ކަންކަން ޙައިދަރަކަށް ނުފެންނާނެއެވެ. އެކަންކަމުގެ ހިލަމެއްވެސް ނުވާނެއެވެ. އެކަމަކު ، އަހަރެންނަށް ދިލްނަޝީން އެއީ ، އަހަރެންގެ އެންމެ ބޮޑު ދުޝްމަނެވެ. ދިލްނަޝީންގެ ސިއްރުތައް އަހަރެން ހޯދި ސަބަބަކީ އެއީއެވެ. " މެހެމަލް ބުންޏެވެ. ( ނުނިމޭ )

Exit mobile version