Aafathis

ވިހަ ތީރު (58)

( 14 ޖަނަވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( މެހެމަލްއަށް ހީކުރެވުނީ ، އާ މަންޒިލެއް ފެނުނީމަ އޭނާއާ ދިމާލަށް އަންނަން ކުރާ ދަތުރުގެ މަގުއޮޅުނީކަމަށް ކަމުގައި މެހެމަލް ބުންޏެވެ. މެހެމަލްއާއި ޙައިދަރުގެ ގުޅިފައިވާ މާޒީން ، ހަމަ އެންމެތަންކޮޅެއްގެ ހަނދާންވެސް ޙައިދަރުގެ ނެތްކަހަލައެވެ.)

މެހެމަލްގެ ޢަމަލްތައް ތިބަހައްޓަނީ ކޮންގޮތަކަށްތޯއާއި އެއީ ކީއްވެގެންތޯ ޙައިދަރު ސުއާލު ކުރިއެވެ. މެހެމަލްއަކަށް އޭނާއަށް ކުރެވުނުކަމެއް ނޭނގުނެވެ.

" ހިތުގައި ޖަމާވެފައި ހުންނަ އެއްޗެތިތަކެއް އެއްކޮށްލައިގެން ފާޅުކުރުމަކީ ، ދަތި އުނދަގޫ ކަމެކެވެ. އިރުއިރުކޮޅުން އަހަރެންގެ ހިތަށް އުނދަގޫވާގޮތަށް ، ކަންކަން ތިކުރަނީ ކޮންކަމެއް ޙާޞިލްވާނެކަމަށް ބަލައިގެން ހެއްޔެވެ ؟ " ޙައިދަރު ބުންޏެވެ.

މެހެމަލްއަކީ އުނދަގުލެއްކަމަށް ވަންޏާ ، އޭނާ އެގެއިން ނެރެ ބޭރުކޮށްލުމަކީ މެހެމަލްއަށް މައްސަލައެއްނޫނެވެ. އެހެނަސް ޙައިދަރަށް ލިބޭ ތަކުލީފުތަކަށް ކެތްކޮށްގެން މެހެމަލްއަކަށް ނުހުރެވޭނެއެވެ. އެއީ މެހެމަލްގެ ހިތަށްލިބޭ ވަރަށްބޮޑު އަނިޔާއެއްކަމަށް މެހެމަލް ބުންޏެވެ. ޙައިދަރުގެ ނަޞީބުގައި ލިޔެވިފައި އޮތްގޮތަކަށް އޭނާއުޅެން އެބަޖެހެއެވެ.

" އަހަރެންނަކަށް މެހެމަލްއެއް ޙާޞިލެއް ނުކުރެވޭނެއެވެ. އަދި މެހެމަލްއަކަށް އަހަރެންނެއްވެސް ނުލިބޭނެއެވެ. މެހެމަލްއެވެ ! ދެމީހަކު ވަކިވުމަށް ތަޤްދީރުގައި ލިޔެވިފައި އޮވެއްޖެނަމަ ، އެކަން ބަދަލުކުރުމަކީ ތަދުބީރަށް ކުރެވޭނެކަމެއް ނޫނެވެ. " ޙައިދަރު ބުންޏެވެ.

ތަޤްދީރުގައި ލިޔެވިފައި އޮންނަ އެއްޗަކީ މެހެމަލް ޤަބޫލުކުރާ އެއްޗެއްނޫނެވެ. އޭނާ ޤަބޫލުކުރާގޮތުގައި ތަޤްދީރަކީ އިންސާނާ އަމިއްލަޔަށް ބަދަލު ކުރެވިދާނެ އެއްޗެކެވެ. އޭނާއަކީ ވަކިކަމެއް ޙާޞިލް ވުމަށް ކުރާ މަސައްކަތުގައި ގޮތްދޫނުކޮށް ، އެކަމެއް ޙާޞިލްވަންދެން ގޮތުގައި ހުންނަ މީހެއްކަމުގައި މެހެމަލް ބުންޏެވެ.

އެހެންނަމަވެސް ، ޙައިދަރު އެހުރީ އޭނާއަށް ތަޤްދީރުގައި ލިޔުއްވާފައި އޮތްގޮތް ޤަބޫލު ކޮށްގެންނެވެ. ކުރިން ކުރަމުން އައި އުއްމީދުތައް ދޫކޮށްލައިގެންނެވެ. ފޮނިފޮނި އާ އުއްމީދަކަށް އިސްނަގައިގެންނެވެ. އެއީ އޭނާގެ އަނބިމީހާ ، ދިލްނަޝީނެވެ. ޙައިދަރަކީ ، އޭނާއަށް ﷲ މިންވަރުކުރައްވާފައި އޮތްގޮތަކަށް އީމާންވެ ތަޤްދީރަށް ބަރޯސާވާ މީހެކެވެ. މެހެމަލްއަށް ޙައިދަރު ގޮވައިލިއެވެ. އެ ހިނގަމުންދާ ކަންތައްތައް ، އެގޮތުގައި ހިނގުމަށް ދޫކޮށްލަ ދިނުމަށް މެހެމަލްގެ ކިބައިން ޙައިދަރު އެދުނެވެ. އަހަރެންގެ ނަޞީބުގެ ހުރަހަކަށް ނުވާށެވެ. އެއީ އެންމެފަހުން ، ދެމީހުންނަށްވެސް ގެއްލުން ލިބޭނެކަމެކެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރުގެ ލޮލުން ފާއްދާލާފައިހުރި ކަރުނަތައް މެހެމަލްއަށް ފެނުނެވެ. ޙައިދަރު އެކޮޓަރިން ނުކުމެގެން ދިޔައިރުވެސްމެހެމަލްއަށް ހުރެވުނީ ، ޙައިދަރާ ދިމާއަށް ބަލަހައްޓައިގެންނެވެ.

މެހެމަލް ، ޙައިދަރަށް ގޮވައިލިއެވެ. އަދި އޭނާކުރަމުން އެގެންދާ މަސައްކަތް ހުއްޓާނުލާނެކަމަށް ބުންޏެވެ. މެހެމަލްގެ މަސައްކަތް ހުއްޓާލާނީ އޭނާ ބޭނުންވާ މަޤްޞަދު ޙާޞިލް ކޮށްފައެވެ. އެހެންނަމަވެސް ، މިހާރު އެއީ ފުރިހަމަ ނުކުރެވޭނެކަމެއްކަމަށް ޙައިދަރު ބުންޏެވެ.

" އަހަރެމެން ދެމީހުން އިއްޔެ ދެއްކި ހުރިހާ ވާހަކައެއް ދިލްނަޝީނަށް އަޑު އިވުނެވެ. އެކަމާ ދިލްނަޝީން އެހުންނަނީ އިންތިހާއަށް ދެރަވެ ، ކަންބޮޑުވެފައެވެ. " ޙައިދަރު ބުންޏެވެ.

އެކަމާ ޙައިދަރު ދެރަވެފައިހުރިތަން އޭނާއަށް ނުފެންނަކަމުގައި މެހެމަލް ބުންޏެވެ. ދިލްނަޝީން ކަންބޮޑުވުމުން އޭނާގާތަށް އެއައީ އޭނާ ދެރަކޮށް އެ ކަންބޮޑުވުން އޭނާއަށް ދިނުމަށްތޯ މެހެމަލް ސުއާލު ކުރިއެވެ. އޭނާގާތަށް ޙައިދަރު އެއައީ ، ދިލްނަޝީންގެ ކަންބޮޑުވުމާމެދު މެހެމަލްއާ ވާހަކަ ދައްކަންކަމުގައި މެހެމަލް ބުންޏެވެ. ދެން އެހެންކަމަށް ވަންޏާ އޭނާ ކުރަންވީ ކޮންކަމެއްތޯ ޙައިދަރު އެހިއެވެ. ދިލްނަޝީނަކީ އޭނާގެ އަނބިމީހާއެވެ. ދިލްނަޝީނަށް ލިބޭ ކަންބޮޑުވުމާއި ތަކުލީފުތަކުން އޭނާ ސަލާމަތް ކުރުމަކީ ޙައިދަރުގެ ވާޖިބެކެވެ. އެ ވާޖިބު އޭނާ ފުރިހަމަކުރާނެއެވެ. މެހެމަލް ، ޙައިދަރާ ގާތަށް ޖެހިލިއެވެ.

" އަހަރެންނާއި ދިލްނަޝީނާ ދެމީހުންގެ ދެމެދަށް ނުވަންނާށެވެ. " މެހެމަލް ކޮއްޕައިލަމުން ޙައިދަރު ބުންޏެވެ.

ޙައިދަރު ރުޅިއައިސްހުރިތަން ފެނިފައި މެހެމަލް ކަންބޮޑުވިއެވެ. މެހެމަލްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ، މެހެމަލްއާ ދިމާލަށް ދެލޯއަޅަމުން ޙައިދަރު ނުކުމެގެން ދިޔައެވެ.

އެންމެންތިބީ ކާމޭޒުދޮށުގައި ހެނދުނުގެ ނާސްތާކުރާށެވެ. އެއްވެސްމީހަކު އަނގަޔަކުން ނުބުނެއެވެ. ދިލްނަޝީން އިނީ ހިތްބިރުގެންފައެވެ. މެހެމަލްކޮށްފާނެކަމަކާމެދު ކަންބޮޑުވެގެންނެވެ. މެހެމަލް އިނީ ، އެރޭ ޙައިދަރު އައިސް އޭނާއާ ދިމާލަށް ގޮވިއެއްޗެހިތަކުން ހިތަށް ލިބުނު ހަމަނުޖެހުން ނުފިލައެވެ. ޙައިދަރުއިނީ ދެގުނައަށް ކަންބޮޑުވެފައެވެ. ދިލްނަޝީންގެ ކަންބޮޑުވުމާހެދި ހިތްނުތަނަވަސް ވެފައެވެ. މެހެމަލްއާ ދިމާލަށް އެރޭ ކިޔުނުއެއްޗެތިން ، މެހެމަލްގެ ހިތަށް ލިބިފައިވާ ނުތަނަވަސްކަމާ ހުރެއެވެ.

" ދަރިފުޅާ ޙައިދަރެވެ ! ދިލްނަޝީންގެ މަންމަމެންނާ ބައްދަލު ކޮށްލަން މިއަދު އެގެޔަށް ދާންވީ ނޫންހެއްޔެވެ ؟ " ކުލްސޫމް ބުންޏެވެ.

ދިލްނަޝީންގެ ގެޔަށް އޭނާ ގެންގޮސްދޭން ޙައިދަރު އެއްބަސް ވިއެވެ. އެހެންނަމަވެސް ކުލްސޫމް އެދޭގޮތަކީ އެއީއެއްނޫނެވެ. ކުލްސޫމް ބޭނުންވީ ، ދިލްނަޝީނާއެކީ ޙައިދަރުވެސް އެގެޔަށްގޮސް ، އަނީސާމެންނާ ޙައިދަރުވެސް ބައްދަލު ކޮށްލުމެވެ.

" ބޮޑުދއިތާއެވެ ! ރިދާއަކީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ ؟ " މެހެމަލް ފަންޏެއް ވައްޓައިލުމަށް ނިންމިއެވެ.

ރިދާގެ ވާހަކަ ފެށުމުން ، ދިލްނަޝީން ކެއުމާދުރުވާނެކަން އޭނާއަށް އެނގެއެވެ. ދިލްނަޝީންގެ އަރުތެރެއިން ފެންފޮދެއްހާ ހިސާބުވެސް ނުދިރޭނެއެވެ. ރިދާއަކީ ރަނގަޅު ކުއްޖެއްކަމަށް ކުލްސޫމް ބުންޏެވެ. އެހެނަސް ، ކުލްސޫމަށް ހީވާގޮތުގައި ދިލްނަޝީން އެކަމަކަށް އެއްބަހެއް ނުވާނެއެވެ. ދިލްނަޝީން އެގެޔަށް ޒިޔާރަތްކޮށްލުމަށް ކުލްސޫމް އެދުނެވެ. ޙައިދަރުވެސް ގޮވައިގެން ދިއުމަށް ކުލްސޫމް ލަފާދިނެވެ.

އެކަމާ އޭނާ ނުބެއްސުމަށް ޙައިދަރު އެދުނެވެ. އެކަމަކަށް ކުލްސޫމް ދެބަހެއް ނުވިއެވެ. އެހެނަސް ، ދިލްނަޝީން ގޮވައިގެން އެގެޔަށްދާނީ އޭނާކަމަށް ކުލްސޫމް ބުންޏެވެ. ކުލްސޫމް ދާން ބޭނުންވީ ، އެމީހުންދާކަން ރިދާއަށް ނުއަންގައެވެ. އޭރަށް އެއީ ރިދާއަށް ސަޕްރައިޒަކަށްވެސް ވާނެތީއެވެ.

އެއީ ރަނގަޅު ގޮތެއްކަމަށް ބުނެ މެހެމަލްވެސް އަނގަބޭނިއެވެ. އޭނާ ބޭނުންވާވަރަށް ނާސްތާ ކުރެވިއްޖެކަމަށް ބުނެ ، ބޭރަށްދާން ތައްޔާރުވެގެން އަންނާނަމޭ ބުނެ ދިލްނަޝީން އެތަނުން ތެދުވެގެން ދިޔައެވެ.

ދިލްނަޝީން ދިޔައީ ކަޅިޖަހައިނުލާ ، މެހެމަލްއާ ދިމާލަށް ބަލަމުންނެވެ. މެހެމަލް އިނީ މަކަރުވެރި ހިނިތުންވުމެއްގައެވެ. އޭނާ އެއްލި ތީރުގެ ވިހަ ، ދިލްނަޝީންގެ ހިތަށް ލިބިއްޖެކަމުގެ ފޮނި އިޙްސާސުގައެވެ.

ދިލްނަޝީން ކޮޓަރިޔަށް ދިޔަތަނުން ، ނާސްތާކޮށްނިމިގެން ، ކުލްސޫމްވެސް ދިލްނަޝީންގެ ކޮޓަރިޔަށް ދިޔައެވެ. ކުލްސޫމަށް ދެވުނުއިރު ، ދިލްނަޝީން ހުރީ ރޯށެވެ.

" ދަރިފުޅާއެވެ ! ކުދިކުދި ކަންތަކާ އެހާވަރަށް ކަންބޮޑުނުވާށެވެ. ކުރިމަތިވާ ކަންކަމަށް ކެރިގެން ކުރިމަތިލާށެވެ. " ކުލްސޫމް ، ދިލްނަޝީނަށް ހިތްވަރުދެމުން ގެންދިޔައެވެ.

އެކަންކަމާ ކުރިމަތިލައިގެން ، ބޭނުންވާގޮތެއް ޙާޞިލް ނުވާނެހެން ހީވިޔަސް ، އެކަމަކާ ކުރިމަތިލާންވީތޯ ، ދިލްނަޝީން އޭނާގެ މައިދައިތަޔާ ސުއާލު ކުރިއެވެ.

އެހެންކަމަށްވަންޏާ ، ދިލްނަޝީންގެ ވިސްނުން ބަދަލުކުރަންވީކަމުގައި ކުލްސޫމް ބުންޏެވެ. ތާޒާވެލާފައި އާ ހިތްވަރަކާއެކީ ހަނގުރާމަޔާ އަލުން ކުރިމަތިލާނީއެވެ.

" ދަރިފުޅާއެވެ ! އެއީ ދަރިފުޅުގެ ކުޑައިރުގެ ރަޙުމަތްތެރިޔާއެވެ. ދިލްނަޝީން ދައްކާ ވާހަކަ ރިދާ ޤަބޫލުކުރާނެއެވެ. މާބޮޑަށް ކަންކަމާ ދެރަ ނުވާށެވެ. މަންމަމެންގެޔަށް ދިލްނަޝީން ފޮނުވަން އަހަރެން ބޭނުންވީ ، އަންހެންކުދިންގެ ގެޔަކީ އެކުދިންގެ ފުރާނަޔަށް ދިރުންލިބި ، ހިތްވަރު އާކުރުމަށް އޮންނަ މަންޒިލަކަށްވާތީއެވެ. އެއީ އޮކްސިޖަން ސިލިންޑަރެއްހެން މަސައްކަތްކުރާ ތަނެކެވެ. ގެޔަށް ދެވުނީމަ ، ތާޒާވެލައިގެން އަލުން މިގެޔަށް އަންނާނީއެވެ. " ދިލްނަޝީން ހެއްވާލުމަށް ކުލްސޫމް މަސައްކަތް ކުރިއެވެ.

ދިލްނަޝީންގާތަށްވެސް ހިނިއައެވެ. ކުލްސޫމް އެހުރީ ދިލްނަޝީނާއެކުގައިކަމަށާއި ، ކަންބޮޑު ނުވުމަށް ބުނެ ކުލްސޫމް ދިލްނަޝީނަށް ހިތްވަރު ދެމުން ގެންދިޔައެވެ. ކުލްސޫމް ޙިމާޔަތްކުރުމަށްޓަކައި އޭނާ ، ބަސްބުނާނެއެވެ. ކުލްސޫމްގެ ގައިގައި ބައްދައިލުމާއެކީ ދިލްނަޝީނަށް އަނެއްކާވެސް ރޮވުނެވެ.

ރޯނީ ، ހިތްބަލިމީހުންކަމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީނަކީ ހިތްބަލިމީހެއް ނޫނެވެ. އަދި ތަންދޮރު ނޭނގޭ ، ނުވިސްނޭ މީހެއްވެސް ނޫނެވެ. ދިލްނަޝީންގެ ރަޙުމަތްތެރިޔަކު ހިތްހަމަ ނުޖެހުނީމަ ، ދެރަވާކަމަށް ވަންޏާ ، ދިރިއުޅުމުގެ ކުރިޔަށް އޮތްތަނުގައި ވާނީ ކިހިނެއް ހެއްޔެވެ. ދިރިއުޅުމުގެ ބޮޑެތި އަދި އުނދަގޫ އިމްތިޙާންތައް އަދި އޮތީ ކުރިޔަށެވެ. އެކަންކަމާ ހަނގުރާމަކޮށް ، ކާމިޔާބު ހޯދަންޖެހޭނެކަމަށް ކުލްސޫމް ބުންޏެވެ. އޭރު ޙައިދަރުހުރީ  ، ދިލްނަޝީންގެ އިންތިޒާރުގައި ބޭރުގައި މަޑުކޮށްލައިގެންނެވެ.  ކުލްސޫމްގެ ސާޅިން ދިލްނަޝީންގެ މޫނު ރީތިކޮށްލަދީފައި ، އަވަހަށް ދާށޭ ބުނެ ދިލްނަޝީން ތިރިޔަށް ފޮނުވައިލިއެވެ.

ދިލްނަޝީން ގެއިން ނުކުމެނުކުމެ ހުއްޓާ ، މެހެމަލް ކޮޓަރިން ނުކުމެ އޭނާއަށް ގޮވައިލިއެވެ. އަދި ދިލްނަޝީނަށް އޭނާ މެސެޖެއް ފޮނުވިކަމަށް މެހެމަލް ބުންޏެވެ. ދިލްނަޝީން އޭނާގެ ފޯނެއް ނުބަލައެވެ. މެހެމަލްގެ އެދުމަށް ދިލްނަޝީން އޭނާގެ ފޯނަށް މެހެމަލް ފޮނުވި މެސެޖް ބަލައިލިއެވެ. ކަމަކުދާކަށް ނެތެވެ. މެހެމަލް ފޮނުވާފައި އެހުރީ ދިލްނަޝީނާއި ޙަމްޒާގެ ފޮޓޯ ތަކެކެވެ. ގައިގޯޅިކޮށް އެދެމީހުން ތިއްބާ ނަޣާފައިހުރި ފޮޓޯ ތަކެކެވެ.

ދިލްނަޝީން ، މެހެމަލްއާ ދިމާލަށް އެނބުރިލިއެވެ.

" ދިލްނަޝީން ބޭނުންވީ ހެކިދައްކަން ނޫންހެއްޔެވެ. ތިހިރީ ހައްތާވެސް ހެއްކެވެ. އެވަރުން ނުފުދެންޏާ ބުނާށެވެ. އަދިވެސް އިތުރު ހެކި އެބަހުއްޓެވެ. އަހަރެން އިއްޔެ މިއައީ ރިދާއާއެކީ އެގެޔަށް ގޮއްސައެވެ. ތިއީ އެގެޔަށް ދިޔަތަނުން ލިބުނު ފޮޓޯތަކެކެވެ. ތިޔަ ފޮޓޯތައް އަހަރެން އަދި މިފޮނުވީ ދިލްނަޝީނަށެވެ. އެހެންމީހަކަށް އަދި ނުދައްކަމެވެ. އެކަމަކު ، ދައްކަންވެއްޖިއްޔާ ޙައިދަރަށްވެސް ދައްކާނަމެވެ. " މެހެމަލް ބުންޏެވެ.

އެހެން ނުހެދުމަށް މެހެމަލްގެ ކިބައިން ދިލްނަޝީން އެދުނެވެ. އޭނާ ކޮންމެކަމެއްވެސް ކޮށްފާނެކަމަށް މެހެމަލް ބުންޏެވެ. ލޯތްބާއި ހަނގުރާމައިގާ ، ދިފާޢުގައި ނުކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. އަހަރެން އަހަރެންގެ ލޯތްބަށްޓަކައި ހަނގުރާމަ ކުރާނަމެވެ. ދިލްނަޝީން ތިހުރި މަޤާމަކީ ދިފާޢީ މަޤާމެކެވެ. އަހަރެންގެ ޙަމަލާތައް ދިފާޢު ކުރުންނޫން އެހެންކަމެއް ދިލްނަޝީނަކަށް ކުރެވޭކަށް ނޯންނާނެއެވެ. އަހަރެންނާ ދިމާލަށް އެންމެ ތީރެއްވެސް ނޭއްލޭނެއެވެ. އަނގަހިމޭނުންލައިގެންހުރެ ، މިގެއިން ނުކުމެގެން ދާން އަހަރެން މިބުނަނީ އެހެންވެގެންނެވެ. އޭރުން ފަހަރެއްގައި ޒަޚަމެއްނުލިބި ސަލާމަތް ވެދާނެއެވެ. " މެހެމަލް ބުންޏެވެ.

މަންމަމެންގެޔަށް ގޮސް ، ރަނގަޅަށް ވިސްނާލާފައި ހަދާނެގޮތެއް ނިންމުމަށް މެހެމަލް ބުންޏެވެ. އޭނާއަކަށް ދެން ، މާގިނަދުވަހު ކެތެއް ނުކުރެވޭނެއެވެ. ކޮންމެ ޙާލެއްގައިވެސް ، އޭނާ ކުރަމުންގެންދާ ހަނގުރާމަ ކާމިޔާބު ކުރާނީ އޭނާކަމުގައި މެހެމަލް ބުންޏެވެ. ގެޔަށްގޮސް އަނބުރާ އެގެޔަށް ނައުމަށާއި އަތުވެއްޖެނަމަ ، ދެންއޭނާ ހަދާނީ ކިހިނެއްކަން ދިލްނަޝީނަށް އެނގޭނެކަމަށް މެހެމަލް ބުންޏެވެ. އޭރުން އެގެޔަށް ދިލްނަޝީން ، ދެން ދާންޖެހޭނީ ޙައިދަރު އޭނާގެ ގެއިންނާއި ދިރިއުޅުމުން  ބޭރުކޮށްލާ މީހެއްގެ ގޮތުގައެވެ. (ނުނިމޭ)

Exit mobile version