( 7 ޖަނަވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( ޙައިދަރަކީ ، ދުވަހަކުވެސް އަޑުބާރުކޮށް ދިލްނަޝީނާ ވާހަކަ ދެއްކި މީހެއްނޫނެވެ. އަދި އޭނާއަށް ރުޅިނައިސް ހުރެވޭނީ ވަކިވަރެއް ވަންދެން ކަމަށް ބުންޏެވެ. ދެން އިތުރަށް އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. ދިލްނަޝީނަށް ލިބިގެންވާ ޙައްޤުން ބޭރަށް ނުދިއުމަށް ބުނެ ، ރުޅިއައިސް ރަތްވެފައިހުރެ ، ޙައިދަރު ކޮޓަރިން ނުކުމެގެން ދިޔައެވެ. )
ދިލްނަޝީނަށް ފަތިހު ހޭލެވުނުއިރު ، އެނދުގައި ޙައިދަރެއް ނެތެވެ. ޙައިދަރު ހަމައެކަނި އެނދުގައި ނެތީކީނޫނެވެ. އޭނާ އޮށޯވެ އޮންނަ ފަރާތުގައި އެރޭ އޮށޯވެފައެއްވެސް ނެތެވެ. އޭގެ މާނަޔަކީ ، ޙައިދަރު އެރޭ ކޮޓަރިޔަށް ނިދަން ނާންނަނީއެވެ. ދިލްނަޝީން ތެދުވެގެން ، ޙައިދަރުގެ ސްޓަޑީރޫމަށް ދިޔައިރު ، އެތާކުވެސް ޙައިދަރެއް ނެތެވެ. އެކަމަކު ، ޙައިދަރު އެރޭ ކުރި އެއްކަމެއްގެ ނިޝާން އެތަނުގައި ފެންނަން ހުއްޓެވެ. އަޅިކެނޑިޔަށް އެޅިފައިހުރި ސިނގިރެޓް ފިލްޓަރުތަކުން ، އެރޭ ހަތަރުދަމު ޙައިދަރު އިނީ ، އެތަނުގައި ސިނގިރޭޓް ބޯންކަން އެނގެއެވެ. ދިލްނަޝީން ސިޓިންގރޫމަށް ނުކުތްއިރު ، އެތަނުގައި އިށީނދެލައިގެން އެކަނިއިން ކުލްސޫމް ފެނުމާއެކީ ސަލާމް ގޮވައިލިއެވެ. ކުލްސޫމް ސަލާމް ބަލައިގަތުމަށްފަހު ދިލްނަޝީނާދިމާލަށް ފުންކޮށް ބަލައިލިއެވެ.
" ދަރިފުޅާއެވެ ! ދެމަފިރިންގެ މެދުގައި ރޭގަނޑު ހިނގާ ހުރިހާ ހިތްހަމަނުޖެހުމެއް ، އަނެއްދުވަހުގެ އިރުއެރުމުގެ ކުރިން ނިންމައި ހަމަޖެހިލަން ވާނެއެވެ. އެހެންނޫނީ އެދުވަސްވެން ވާނީ ދެމީހުންނަށްވެސް ތަކުލީފުން ފުރިގެންވާ ދުވަހަކަށެވެ. " ކުލްސޫމް ބުންޏެވެ.
މަންމަގާތު ، ޙައިދަރު އަނެއްކާ އެވާހަކަ ބުނީ ބާވައެވެ. ދިލްނަޝީންގެ ހިތަށް އެރިއެވެ. ބައެއްފަހަރަށް އެއްޗެކޭ ބުނުމުގެ ބޭނުމެއް ނޯވެއެވެ. މީހާ ފެންނަގޮތުން ވެފައިހުރިގޮތް އެނގޭފަހަރުވެސް އަންނާނެކަމަށް ކުލްސޫމް ބުންޏެވެ. ޙައިދަރު އޮފީހަށް ދިޔައީ ނާސްތާ ނުކޮށެވެ. މިޒާޖުވެސް ހުރީ ބަދަލުވެފައެވެ. މޫނުން ހުރީ ފޫގަޅާފައެވެ. އެކަންކަމަކީ އެރޭ ކޮންމެވެސްކަމެއް ހިނގައިފިކަމުގެ ޢަލާމާތެކެވެ. އެއީ ކީއްވެގެންކަން ސާފުކުރާކަށް ކުލްސޫމް ބޭނުމެއްނޫނެވެ. ދެމަފިރިންގެ މެދުގައި އަބަދުވެސް ދެބަސްވުން އުފެދޭނެއެވެ. އެއީ ލޯތްބެވެ. އެކަމަކު ، ދެމީހުންކުރެ އެކަކުވެސް ކޮޓަރިން ނުކުންނަންވާނީ ، އެކަމެއް ނިންމައި ހިތްހެޔޮ ކޮށްގެންކަމަށް ކުލްސޫމް ބުންޏެވެ.
ދިލްނަޝީނަކީ އޭނާގެ އަންހެންދަރިއެއްކަމަށް ކުލްސޫމް ބަލަމުން އަންނަ ކުއްޖެކެވެ. ޅީދަރިއެއްގެ ގޮތުގައެއް ނުބަލައެވެ. އަބަދު ، ނަޞޭޙަތް ދެމުން އެގެންދަނީ އެސަބަބަށްޓަކައެވެ. އެކަމަކު ، އެކަމުގައިވެސް ޙައްދެއްވެސް އޮންނާނެއެވެ. ދިލްނަޝީންގެ ޒިންމާއެއްވެސް އޮންނާނެއެވެ. ދިލްނަޝީންގެ ދިރިއުޅުން އަދާހަމަޔަށް އައިސްފައިވާ ގޮތުން ، ވަރަށްބޮޑަށް ބަލައިގެން އުޅެންޖެހޭކަމަށް ބުނެ ، ކުލްސޫމް ، ދިލްނަޝީނަށް ނަޞޭޙަތްދެމުން ގެންދިޔައެވެ. ގޭގައި އަލިފާން ރޯވެއްޖެނަމަ ، އެއަލިފާން ނުފެތުރެނިސް ، ނިއްވައިލުމަކީ ، ދިލްނަޝީންގެ ކަމެކެވެ. އެގެޔަކީ ، ދިލްނަޝީންގެ ޙައްޤެކެވެ. ކުލްސޫމަކީ މިހާރު ކުޑަދުވަސްކޮޅެއްގެ މެހެމާނެކެވެ. މެހެމަލް އެގޭގައި އުޅުނޭކިޔާފައި ، މެހެމަލްއަށް ހުރިހާކަމެއް ދޫކޮށްނުލުމަށް ކުލްސޫމް ބުންޏެވެ. ޚާއްޞަކޮށް ޙައިދަރަށް ސަމާލުވުމަށް ދިލްނަޝީން މަސައްކަތް ކުރަން ޖެހެއެވެ. މެހެމަލް އެގޭގައި އެހުރީ ، ދލްނަޝީންގެ ދިރިއުޅުމުގައި ހުޅުޖަހާށެވެ. ލިބޭ ހަނިފުރުޞަތެއްވެސް މެހެމަލް ދޫކޮށެއް ނުލާނެއެވެ. މެހެމަލް ، އެގޭގައި ހުޅުޖަހައިފިނަމަ ، އެހުޅު ނިއްވައިލުމަށް ދިލްނަޝީނަށް އެހާ ފަސޭހައެއް ނުވާނެއެވެ.
މިހާރު ކަންކަން ގޮސްފައިއޮތް ހިސާބުން ، ދިލްނަޝީނަށްވެސް އަދި މަންމަޔަށްވެސް ކަމެއްކުރެވޭވަރަށްވުރެ މައްޗަށް ގޮސްފައި އޮތްވާހަކަ ، މަންމަ ގާތު ދިލްނަޝީން ބުނާނީ ކިހިނެއް ހެއްޔެވެ. އަދި އަމްދުން ، އެއީ މަންމަގާތު ދައްކަން ދިލްނަޝީން ލަދުގަންނަ ކަހަލަ ވާހަކައެކެވެ. އަމިއްލަޔަށް ބޭޒާރުވާކަށް ދިލްނަޝީން ބޭނުމެއްނޫނެވެ. އެއްބޯޅައިން ހަޔަކަށް ޖަހާ ދިލްނަޝީން ދަނޑުން ބޭރުކޮށްލެވޭރުގެ ބާރުގަދަ ހަތިޔާރެއް ، މެހެމަލްގެ އަތުގައި އެބައޮތެވެ. އެއީ ދިލްނަޝީނުގެ މިއަދާ އަދި މާދަމާވެސް ބަރުބާދުކޮށްލެވޭފަދަ ނުރައްކާތެރި ހަތިޔާރެކެވެ.
ދިލްނަޝީނަށް ކުލްސޫމް ގޮވައިލިއެވެ. އަދި ހަށިގަނޑަށް ތަކުލީފަކަށްވާގޮތަށް ސިކުނޑިހާސްކޮށްގެން ނުއިނުމަށް އެދުނެވެ. އަދި ، ދިލްނަޝީން ތެދުވަން އެންގިއެވެ. ދެމައިން ނާސްތާކުރަން ދާންވެގެންނެވެ.
ދިލްނަޝީން ނަލަވެ ތައްޔާރުވާން ހުއްޓާ މެހެމަލް އައިސް ކޮޓަރިޔަށް ވަނެވެ. ޓަކިވެސް ޖަހައި ނުލައެވެ. މެހެމަލް އައިސް ދިލްނަޝީންގެ ކުރިމަތީ ހުއްޓުމާއެކީ ، ދިލްނަޝީންގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލިގެން ދިޔައެވެ.
" ބޭޒާރުވާން ދިލްނަޝީން ބޭނުންވަނީ ދޯއެވެ. " މެހެމަލް ބުންޏެވެ.
ބޭޒާރުވާން ބޭނުންނުވާކަމުގައި ދިލްނަޝީން ބުންޏެވެ. މެހެމަލްއާ ކައިވެނިކުރަން ޙައިދަރުގާތު ބުނިވާހަކަ ދިލްނަޝީން ބުނުމުން ޙައިދަރުގެ ޖަވާބަކީ ކޮބައިތޯ މެހެމަލް ސުއާލު ކުރިއެވެ. ޙައިދަރު އެކަމަށްކުރީ އިންކާރެވެ. ކިޔާކިޔާވެސް އެއްބަހެއް ނުވިއެވެ. އެކަމުގައި ދިލްނަޝީން ކުރާނީ ކީއްހެއްޔެވެ ؟
" ދިލްނަޝީން ޙައިދަރާއެކީ ހޭދަކުރި ގުޅުމަށް ހިނގި ވަގުތަށްވުރެ ގިނަވަގުތު ، އަހަރެން މިހުރީ ޙައިދަރާއެކީ ހޭދަކޮށްފައެވެ. މާގިނަދުވަހު ، ޙައިދަރާއެކީ ލޯބީގެ ގުޅުން ހިންގާފައެވެ. އަހަރެންނަށް ، ޙައިދަރު ވަރަށް ރަނގަޅަށް އެނގެއެވެ. ދިލްނަޝީން ޙައިދަރާއެކީ ހުރިހާ ހިނދެއްގައި އަހަރެންނާ ކައިވެނިކުރާކަށް ޙައިދަރު އެއްބަހެއް ނުވާނެއެވެ. މިގެއިން ނުކުމެގެންދާން ދިލްނަޝީނަށް އަހަރެން އެންގީ އެސަބަބަށްޓަކައެވެ. ކެހިވެރި ކައިވެންޏަކުން ހަލާކުވެފައިއޮތް ހިތް ސަލާމަތްކުރުމަށްޓަކައި ޙައިދަރަށް އަހަރެން ބޭނުން ވަރަށް ބޮޑެވެ. އެކަން ، އަހަރެން ވަރަށް ފުރިހަމަޔަށް ކުރާނަމެވެ. ދެވަނަފަހަރަށް ޙައިދަރު މާޔޫސް ނުވާވަރަށެވެ. " މެހެމަލް ބުންޏެވެ.
މެހެމަލް އިނީ ދިލްނަޝީންމެންގެ ނިދާއެނދުމަތީ ބޮޑާކަންމަތީ އިށީނދެލައިގެންނެވެ. މެހެމަލް އާ ގާތަށް ދިލްނަޝީން ޖެހިލިއެވެ. މެހެމަލް އިށީނދެއެއިނީ އޭނާގެ ޖާގައިގައި ކަމަށް ދިލްނަޝީން ބުންޏެވެ.
" އަހަރެން ، އަހަރެންގެ ޖާގަ އެހެންމީހަކަށް ދޫކޮށެއް ނުލާނަމެވެ. އަހަރެންގެ ފިރިމީހާއާއި އަހަރެންގެ ގެ ދޫކޮށްލާފައި އެއްވެސް ތާކަށް ނުވެސް ދާނަމެވެ. އަދި ، އަހަރެންނާއި ޙައިދަރާ ދެމެދުގައި ޤާއިމްވެފައިވާ ކައިވެނީގެ ގުޅުމެއްވެސް ކަނޑައެއް ނުލާނަމެވެ. " ދިލްނަޝީން ބުންޏެވެ.
ދިލްނަޝީންގެ ވާހަކައިން ، މެހެމަލްގާތަށް ރުޅިއައެވެ. ދެލޯބޮޑުވިއެވެ. އެއީ އޭނާއަށް މައްސަލައެއް ނޫންކަމަށްބުނެ ، މެހެމަލް ގަދަކަމުން ހީލިއެވެ. އެއީ ދިލްނަޝީނަށް ކުރެވޭނެކަމެއް ނޫންކަމަށް ވަންޏާ އެކަން ކުރާނީ މެހެމަލް ކަމަށް ބުންޏެވެ.
ދިލްނަޝީން ކަންބޮޑުވިއެވެ. އެހެނަސް ، މެހެމަލްދެކެ ބިރުނުގަތުމަށް ޢާފިޔާ ބުނެފައިއޮތްކަން ހަނދާން ވިއެވެ. އަދި ގަދަޔަށް ހީލިއެވެ. މެހެމަލްގެ ޢަމަލުތައް ހުންނަގޮތުން ، އޭނާގާތަށް ބައެއްފަހަރަށް ހިނިއަންނަކަމަށް ދިލްނަޝީން ބުންޏެވެ.
" މެހެމަލް އަށް އަޑުއިވުނީ ، ހަމައެކަނި އަހަރެންނާއި ރިދާގެ ވާހަކަ އެކަނިނޫން ހެއްޔެވެ. އެއިން އެއްވެސްކަމެއްގެ ހެއްކެއް މެހެމަލް އަތަކު ނެތެވެ. އެވަރުގެ ބޮޑުވާހަކައެއް ، އެއްވެސް ހެއްކެއްނެތި ، މަންމައާއި ޙައިދަރު ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ. އެހެންވީމާ ، އެއްވެސް ހެއްކެއްނެތި ، މެހެމަލް ދައްކާ އެއްވެސް ވާހަކައެއް ، އެއްވެސްމީހަކު ޤަބޫލެއް ނުކުރާނެއެވެ. " ދިލްނަޝީން ބުންޏެވެ.
އެވަގުތު ، ކުލްސޫމް އައިސް އެކޮޓަރިޔަށް ވަނެވެ. ތިމަންނަ ދަނީއޭބުނެ މެހެމަލް ، ކޮޓަރިން ނުކުމެގެން ދިޔައެވެ. މެހެމަލް ދެއްކީ ކޮންވާހަކައެއްތޯ ކުލްސޫމް ސުއާލު ކުރިއެވެ. އެހެނަސް ، އެދެމީހުން އެދެއްކި ވާހަކަތައް މަންމަގާތު ބުނާކަށް ދިލްނަޝީނަކަށް ނުކެރުނެވެ. މެހެމަލް ދެއްކީ ކުރީގެ ވާހަކަތަކެއްކަމަށް ބުނެ ދިލްނަޝީން އެވާހަކަތައް އޮއްބައިލިއެވެ.
މެހެމަލް އެދައްކާ ވާހަކަތަކަށާއި ގަންނުވާ ބިރަށް ސަމާލުކަން ނުދީ ، ޙައިދަރަށް ސަމާލުކަން ދިނުމަށް ދިލްނަޝީންގާތު ކުލްސޫމް އެދުނެވެ. މިއަދުވެސް ޙައިދަރު އޮފީހަށް އެދިޔައީ ނާސްތާ ނުކޮށެވެ. ޙައިދަރުގެ އޮފީހަށް ދިލްނަޝީން ގޮސް މިއަދުގެ މެންދުރުކެއުން ދެމީހުން އެކީގައި ކެއުމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީންވެސް ތައްޔާރުވަމުން އެދަނީ ޙައިދަރުގެ އޮފީހަށް ދިއުމަށެވެ. ދިލްނަޝީންގެ ހިތުގައިވެސް އޮތީ ހަމަ އެކަމެވެ.
ދިލްނަޝީން ، ޙައިދަރުގެ ކެބިންއަށްގޮސް ބަލައިލިއިރު ޙައިދަރު އިނީ ފޯނެއްގައެވެ. ޓަކި ޖަހައިލުމާއެކީ ވަނުމަށް ބުނުމުން ، ދިލްނަޝީން ކޮޓަރިޔަށް ވަނެވެ. ޙައިދަރު ދިޔައީ ސިއްސައިގެންނެވެ. އެއީ ، އޭނާގެ އޮފީހަށް ދިލްނަޝީން އައި ފުރަތަމަ ފަހަރެވެ. ޙައިދަރު އެހުރީ ދިލްނަޝީންދެކެ ރުޅިއައިސްތޯ ދިލްނަޝީން ސުއާލު ކުރިއެވެ.
ދިލްނަޝީންދެކެ އޭނާ ރުޅިއެއްނާދެއެވެ. އެކަމަކު ޙައިދަރު އެހުރީ ހިތްހަމަ ނުޖެހިފައެވެ. ދިލްނަޝީން ، ސޯފާގައި އިށީނދެލުމަށް ޙައިދަރު އެދުނެވެ.
ހެނދުނު ނާސްތާނުކޮށް އޮފީހަށް އައީ ކީއްވެގެންތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ޙައިދަރު އެއްވެސް ޖަވާބެއް ނުދެއެވެ.
" އަހަރެންނަށް މަޢާފު ކުރާށެވެ. އަހަރެންނަށް އެބުނެވުނީ ބުނަންޖެހޭކަހަލަ ވާހަކައެއްނޫނެވެ. ހިތުގެ އަޑިން ، އަހަރެން މަޢާފަށް އެދެމެވެ. އަހަރެންނަށް އެވާހަކަ ބުނެވުނީ ކިހިނެއްކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. " ދިލްނަޝީން ބުންޏެވެ.
މަޢާފުކުރާށޭ ބުނަން ދިލްނަޝީނަށް ޖެހޭކަމެއްގައި ، އެކަން ކުރުމުގެކުރިން ވިސްނައިލިނަމަ ، މަޢާފުކުރާށޭ ބުނަން ނުޖެހޭނެކަމަށް ޙައިދަރު ބުންޏެވެ.
" ދެން އެކަމާ އަޅައިނުލާށެވެ. އަހަރެންނާމެދު ދިލްނަޝީން ވިސްނާގޮތް އަހަރެންނަކަށް ބަދަލެއް ނުކުރެވޭނެއެވެ. ދިލްނަޝީން އެބުނި ވާހަކައެއްބުނީ ، އަހަރެންނަށް ރަނގަޅަކަށް ކަމަށް އަހަރެން ޤަބޫލު ކުރަމެވެ. ދެމަފިރިއެއްގެ ދެމެދުގައި އޮންނަ ގުޅުމަކީ އެކަހަލަ ޒާތެއްގެ ގުޅުމެކެވެ. ކޮންމެ މީހަކުވެސް ބަލާނީ އަނެކާއަށް ރަނގަޅުވާނެ ގޮތެކެވެ. ދިލްނަޝީން އެބުނިވާހަކަޔަކީ ، ދިލްނަޝީންގެ ޚުލްޤު ރަނގަޅުކަމުން ނުވަތަ އަހަރެންނަށް ހެޔޮއެދިގެން ބުނިވާހަކައެއްކަމަށް ވިޔަސް ، އަހަރެން އެދެކަންތައްވެސް ޤަބޫލު ކުރަމެވެ. " ޙައިދަރު ވާހަކަ ދައްކަމުން ގެންދިޔައެވެ.
ޙައިދަރާ ވާހަކަ ދައްކައިލެވުނީމަ ، ދިލްނަޝީންގެ ހިތަށް ހަމަޖެހުން ލިބުނެވެ. މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. ޙައިދަރުގެ ވާހަކަ އިތުރަށް ކުރިޔަށް ގެންދިޔައެވެ.
" އަހަރެންވެސް ވާހަކައެއް ބުނަން ބޭނުމެވެ. އެއީ ، ދިލްނަޝީނާއި އަހަރެންނާ ދެމެދު އުފެދިފައިވާ ގުޅުމުގައި ، އަހަރެންނަށް ވަރަށް މުހިންމު ވާހަކަ އެކެވެ. އަހަރެމެން ދެމީހުންގެ މެދުގައި އުފެދިފައިވާ ގުޅުމުގައި ކުޑަވެސް ރެނދެއް އަޅާކަށް އަހަރެން ބޭނުމެއްނޫނެވެ. ކުޑަކުޑަ މައްސަލައެއްވެސް އުފެދޭކަށް އަހަރެންނެއް ނޭދެމެވެ. އަހަރެންގެ ބޭނުމަކީ ، ދިލްނަޝީން އުފަލުގައި ބެހެއްޓުމެވެ. އެކަމަކު ، ދިލްނަޝީނަށް އެއީ ވަރަށް އުނދަގޫކަމަކަށް ވާނެކަން އަހަރެންނަށް އެނގޭ މެއެވެ. އަހަރެންގެ މާޒީއެއް އެބައޮތެވެ. އެމާޒީއާ ގުޅިފައިވާ މީހާ ދިރިއުޅެމުން އެގެންދަނީ އަހަރެންގެ ގޭގައި އަހަރެމެންނާ އެކީގައެވެ. މެހެމަލްގެ ދިރިއުޅުމުގައި ވަރަށްގިނަ މައްސަލަތައް އެބަހުއްޓެވެ. އެމައްސަލަތަކަކީ ، ދެބެންގެ ދެދަރި މީހެއްގެ ޙައިޞިއްޔަތުން އަހަރެން ހަމަޖައްސައިދޭންޖެހޭ ކަންތައް ތަކެކެވެ. މެހެމަލްގެ ޙައިޞިއްޔަތު ، އަހަރެންނަކަށްވެސް އަދި ދިލްނަޝީނަކަށްވެސް ބަދަލެއް ނުކުރެވޭނެއެވެ. އެއީ ރަޙިމުގެ ގުޅުމެކެވެ. އަދި އެއްވާހަކައެކެވެ. މެހެމަލްގެ ޙައިޞިއްޔަތުން ، އަހަރެންގެ ދިރިއުޅުމެއްވެސް އަދި ދިލްނަޝީންގެ ދިރިއުޅުމެއްވެސް ބަދަލެއް ނުވާނެއެވެ. އެއީ ، ދިލްނަޝީން ތިހުރީ އަހަރެންނާއެކީ ، ތެދުވެރިކަމާއެކީގައެވެ. އެކަން އެހެން އޮތްއިރު ، އަހަރެންނަށް ދިލްނަޝީނަށް ދޮގެއް ހެދޭނީ ކިހިނެއް ހެއްޔެވެ ؟ ޙައިދަރު ވާހަކަ ދައްކަމުން ގެންދިޔައެވެ.
ޙައިދަރުގެ ވާހަކަތަކުން ، ދިލްނަޝީނުގެ މޫނުމައްޗަށް އެއްފަހަރު ހިނިތުންވުން ވެރިވާނެއެވެ. އަނެއްބައިފަހަރަށް ކަންބޮޑުވުން ފާޅުވާނެއެވެ. އަދި ބައެއްފަހަރަށް ތަކުލީފައި އުނދަގޫ އިޙްސާސް ވާނެއެވެ.
ޙައިދަރަކީ ދޮގުހެދުމަށް ނަފުރަތުކުރާ މީހެކެވެ. އޭނާ ދޮގެއް ނުހަދާނެއެވެ. އަދި ދޮގު ޤަބޫލެއްވެސް ނުކުރާނެއެވެ. ޙައިދަރަށް ދިލްނަޝީން ކަމުދިޔައީ އެސަބަބަށްޓަކައެވެ.
ދިލްނަޝީން ޚިޔާލީ ދުނިޔެއަކަށް ދޫވެގެން ދިޔައެވެ. އޭނާގެ ވިސްނުމަށް އައީ ، ޙަމްޒާއާއެކީ އޭނާ ހޭދަކުރި ވަގުތު ތަކާއި މެހެމަލް އޭނާއަށް ދީފައިވާ އިންޒާރުގެ ބަސްތަކެވެ. ދިލްނަޝީނަށް ހޭވަރިކަންވީ ޙައިދަރު ގޮވައިންލުމުނެވެ. (ނުނިމޭ)