ދެބެއިންގެ މަސައްކަތް
ދެ ފިރިހެން ދަރިން އެ ކުދިންގެ ބައްޕައަށް އެހީތެރިވަމުން ދަނީއެވެ. ކުރަމުން ދާ މަސައްކަތަކީ އެއް ކޮޓަރީގައި ހުރި ފަރުނީޗަރު ނެރެގެން ގެންގޮސް އެހެން ކޮޓަރިއަކަށް ވެއްދުމެވެ. އެއް ކުއްޖަކު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދަނީ އަލަމާރިއެއް ކޮޓަރިން ނެރޭށެވެ. އެކަނި ހުރެގެން ކޮއްޕަމުން ދަނީއެވެ. އަލަމާރި ހުރި ތަނުން ގުޑައެއް ނުލިއެވެ. މިތަން ބަލަން ހުރެފައި ބައްޕަ ބުނެފިއެވެ.
"ދަރިފުޅާއެވެ. ކޮއްކޮޔާ ދެ ކުދިން ވެގެން އުޅޭށޭ ބައްޕަ ބުނީމެއް ނޫން ހެއްޔެވެ؟ ތިޔައީ އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. ކޮއްކޮގެ އެހީތެރިކަން ހޯދާށެވެ."
ދަރިފުޅު ބުންޏެވެ. "ކޮއްކޮ އެބަ އެހީވެއެވެ. މިހާރުވެސް އަލަމާރި ތެރޭގައެވެ. މީގައި ހުރި ކޮނޑުތައް ވެރުނަނުދީ ހިފަހައްޓައިގެން އެބަހުއްޓެވެ."
ފައިސާގެ އަގު
ތިން އެކުވެރިން ފައިސާގެ އަގާމެދު ބަހުސު ކުރަނީއެވެ.
ފުރަތަމަ އެކުވެރިޔާ ބުންޏެވެ. "ފައިސާއަކީ އަހަރެންގެ ކުރިމަތީގައި އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. ނިކަން ދެކިބަލާށެވެ."
މިހެން ބުނެފައި ޖީބުން ފަސް ސަތޭކަ ރުފިޔާގެ ނޫޓެއް ނެގުމަށް ފަހު އޭގައި ރޯކޮށް އަންދާލައިފިއެވެ.
ދެވަނަ އެކުވެރިޔާ ބުންޏެވެ. "އަހަރެންގެ ކުރިމަތީގައިވެސް ފައިސާއަކީ އަގެއް ހުރި އެއްޗެއް ނޫނެވެ."
މިހެން ބުނެފައި ޖީބުން އެއްހާސް ރުފިޔާގެ ނޫޓެއް ނަގައި ރޯކޮށް އަންދާލައިފިއެވެ.
ތިންވަނަ އެކުވެރިޔާ ބުންޏެވެ. "ކަލޭމެން ތިޔަކުރީ އެވަރުގެ ބޮޑު ކަމެއް ހެއްޔެވެ؟ ނިކަން ބަލަން ތިބޭށެވެ."
މިހެން ބުނެފައި ޖީބުން ޗެކެއް ނަގައިފިއެވެ. އޭގައި އޮތީ "އެއް މިލިއަން ރުފިޔާ" ޖަހައިފައެވެ. އޭނާ އެ ޗެކުގައި ރޯކޮށް އަންދާލައިފިއެވެ.