Aafathis

ރާއްޖޭގެ ހާލަތު އޮތްގޮތުން ލޯކަލް ޓޫރިޒަމަށް ބޮޑު ގެއްލުމެއް: އެމްޓީޔޫ

ރާއްޖޭގެ ސިޔާސީ މަސްރަހައަށް އައި ބޮޑުބަދަލަށްފަހު ލޯކަލް ޓޫރިޒަމަށް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށް މޯލްޑިވްސް ޓްރޭޑު ޔޫނިއަން (އެމްޓީޔޫ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީޔޫގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

"ރާއްޖެއަށް އަންނަން ހަދާފައިވާ އެއްތައް ބުކިންއެއް އެދަނީ ކެންސަލް ކުރަމުން. ބައެއް ގައުމުތަކުން އެގެންދަނީ ރާއްޖެ ނުދިޔުމަށް ޓްރެވަލް އެޑުވައިޒަރީ ނެރެމުން. އެކަހަލަ އެޑުވައިޒަރީ ނެރެންޏާ އެގައުމެއްގެ ރައްޔިތުންން ނާންނާނެ،" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބުކިން ހަދާފައިވާ ބައެއްމީހުން ބަލާ އެއާޕޯޓަށްދާއިރުވެސް އަންނާނެ ކަމުގެ ޔަގީންކަމެއްނެތް ކަމަށެވެ. ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތައްވެސް ބޮޑު ގެއްލުމުގައި ހިންގާތާ 10 ވަރަކަށް ދުވަސްވެއްޖެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދިހަވަރަކަށް ކޮޓަރީގެ ގެންސްޓް ހައުސްއެއް ހިންގާ މީހާ އެންމެ ރޫމަކަށްވެސް ގެންސްޓުން ނާންނަ ދުވަސް ނިސްބަތުން ވަރަށްގިނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ހުޅުމާލޭގައި މިހާރު ހިންގާ ގެސްޓްހައުސްތަކުގެ 80 ޕަސެންޓް ހިންގަނީ ގެއްލުމުގައެވެ. އެފަދަ ތަންތަނުގެ މީހުންގެ ޝަކުވާ އެމްޓީޔޫއަށް ހުށަހެޅުމުން އެކަންކަން ހައްލު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަދި އެއްވެސް ހައްލެއް ނުލިބޭކަމަށެވެ.

ސައުދު ވިދާޅުވީ ފެބުރުއަރީ، މާޗު، އެޕްރީލް މި ތިންމަހު އެތަންތަނަށް ހިންގެންޖެހޭނީ މުޅިންވެސް ގެއްލުމުގައެވެ. "އެ ތިންމަހު އެތަންތަނުގެ ކުލިވެސް ނުދެއްކޭނެ. މުވައްޒަފުންގެ މުސާރަވެސް ނުދެވޭނެ،" ދައުދު ވިދާޅުވިއެވެ. އެކަން ހައްލުވާނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށްފަހުވެސް ދުވަސް ކޮޅަކުން ކަމަށް ސައުދު ވިދާޅުވިއެވެ.

Exit mobile version