ކޯވިޑު-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިންމުކަން ހުކުރު ހުތުބާގައި ފާހަގަ ކުރައްވައިފިއެވެ. މިއަދު ގެ ހުތުބާ ބިނާކޮށްފައިވައި ވަނީ ފުރިހަމަ ސިއްޙަތަކަށްޓަކައި ސަބަބުތަކުގައި ހިފުމުގެ މައްޗަށެވެ.
އިސްލާމްދީން ގޮވާލަނީ ތިމާ ބަލިތަކުން ރައްކާތެރިވެ އަނެކުންވެސް ބަލިތަކުން ރައްކާތެރިކުރުމަށް ކަމަށް ހުތުބާގައި ފާހަގަ ކުރެއްވިއެވެ. ބޮޑު މުސީބާތެއް ނުވަތަ ބަލިމަޑުކަމެއް ޖެހުމުން މުސްލިމު އަޅާ އަމަލުކުރަންވީ ގޮތާއި، ޝަރުޢީ ހަމަތައް ދެނެގަތުމަކީ މުހިންމު ކަމެއްކަމަށް ހުތުބާގައި ފާހަގަ ކުރެއްވިއެވެ. އަަދި ކެތްތެރިކަމާއެކު އަމަލުތައް ބެހެއްޓުމުން މުސްލިމުންނަށް ހުރި މަތިވެރި ސަވާބާއި ދަރުމައިގެ އުފާވެރިކަން ހިތްމައްޗަށް ގެންނަންޖެހޭކަން ފާހަގަ ކުރެއްވިއެވެ.
އިސްލާމްދީން ގޮވާލަނީ ބަލިވެއްޖެނަމަ ބޭސް ކުރުމަށްކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ. މިކަމާގުޅޭގޮތުން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމެގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވާކަމަށް ހުތުބާގައި ވިދާޅުވީ " ހަމަކަށަވަމުން ބައްޔާއި ފަރުވާ މާތްﷲ ބާވައިލެއްވިއެވެ. އަދި އެކަނލާނގެ ކޮންމެ ބައްޔަކަށް ފަރުވާއެއް ލެއްވިއެވެ. ފަހެ ތިޔަބައި މީހުން ބޭސް ފަރުވާ ކުރާށެވެ! އެކަމަކު ހަރާމް އެއްޗަކުން ބޭސް ފަރުވާ ނުކުރާށެވެ؟"
އެހެން ކަމުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ބޭސްފަރުވާ ކުރުންފަދަ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ބަރޯސާވެ، އެއިލާހަށް ވަކީލުކުރުން ހައްގު ގޮތުގައި ވަކީލުކުރުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ. ޙައްޤު ގޮތުގައި މާތް ﷲ އަށް ވަކީލުކުރުމަކީ ﷲއަށް ފުރިހަމައަށް ބަރޯސާވާ، އިޙްލާސްތެރި ތެދުވެރި މުއުމިނުންގެ ސިފަތަކުގެ ތެރެއިން ސިފައެއްކަމަށް ވެސް ހުތުބާގައި ފާހަގަ ކުރެއްވިއެވެ.
މާތްﷲ ކާއިނާތުގެ ކަންތައް ތަދުބީރު ކުރައްވައި ރާއްވަވައި، ހިންގަވަނީ އެކަލާނގެ ލައްވައިފައިވާ ކައުނީ ސުންނަތްތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށް ހުތުބާގައި ވިދާޅުވިއެވެ. ކޮންމެ ކަމެއް ވުމަށްޓަކައި އެކަލާނގެ ލައްވައިފައިވާ ދުނިޔަވީ ސަބަބުތަކެއް ވާކަން ފާހަގަކުރެއްވިއެވެ. އެސަބަބުތަކުގައި ހިފުމަކީ މާތްﷲ އަށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެ އަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ހުތުބާގައި ވިދާޅުވިއެވެ. އެސަބަބުތަކަކީ ކަމެއް ޙާޞިލްިކުރުމުގައި ، މުހިއްމު ކަމެއް ނޫންކަމުގައި ދުށުމަކީ، ސިކުނޑީގެ އުނިކަމެއްކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި އިސްލާމްދީން ގޮވާލާ ގޮތެއްވެސް ނޫންކަމަށް ކަމަށް ވިދާޅުވިއެވެ. ހަމަ އެޔާއެކު ހަމައެކަނި ސަބަބުތަކަށް ބަރޯސާވުމަކީ އިސްލާމީ އަޤީދާއާ ފުށުއަރާ ކަމެއް ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
" އެހެންކަމުން އަޅާގެ މައްޗަށް އޮތީ ސަބަބުތަކުގައި ހިފައި، ﷲ ތަޢާލާ އަށް ބަރޯސާވުމެވެ. އެހެނީ ހަޤީޤަތުގައި ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުމާއެކު ސަބަބުތައް މެދުވެރިކުރައްވައި ރަސްކަލާނގެއަށް ބަރޯސާވުމެވެ. އަދި އެކަންކަން ހިންމަވައި ދެއްވާނީ، ކޮންމެ ކަމަކަށްމެ ކުޅަދަުންވަންތަ އަރަހުށި ﷲ ކަން ހިތުގެ އަޑިން ކަށަވަރުކޮށް ގަތުމެވެ." ހުތުބާގައި ވިދާޅުވިއެވެ.
ކޯވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވަމުންދާކަން ފާހަގަ ކުރައްވައި ހުތުބާގައި ވިދާޅުވީ ބަލިޖެހޭ މީހުންގެ ޢަދަދު ދުވަހެއް ދުވަހަށް އިތުރުވަމުންދާއިރު އެއީ އަޅާ ނުލައި ދޫކޮށްލެވޭ ވަރުގެ ކުޑަކަމެއް ނޫންކަމަށެވެ. އަދި ފަރުވާ ކުޑަކޮށްގެންވެސް ފަރުޖެއްސެން އޮތް ކަމެއް ނޫންކަމަށެވެ. މިބަލި މަޑުކަމުން އަރައިގަތުމަށް ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިޙްތިރާމް ކުރަންޖެހޭނެކަމަށް ހުތުބާގައި ވިދާޅުވިއެވެ.
ވެކްސިން ދިނުމަކީ މިބަލިމަޑުކަމުން މުޅިމުޖުތަމައު ސަލާމަތްކުރުމަށްޓަކައި އޮތް ސަަބަބެއްކަމުގައި ޞިއްހީމާހިރުން ގެންދަވަނީ ލަފާ ދެއްވަމުންކަން ފާހަގަ ކުރެއްވިއެވެ. އަދި ގައުމީ ފެންވަރުގައި ފަށާފައިވާ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ޑޮކްޓަރުންނާއި، ކަމާބެހޭ އިދާރާތަކުން ބާރުއަޅަމުންދާކަން ފާހަގަކުރެއްވިއެވެ.
"އިސްލާމްދީން ގޮވާލަނީ ތިމާ ބަލިތަކުން ރައްކާތެރިވެ އަނެކުންވެސް ބަލިތަކުން ރައްކާތެރިކުރުމަށެވެ." ހުތުބާގައި ވިދާޅުވިއެވެ.
މިނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްކޮށް ދެއްވުމަށް އެދި ﷲ ހަޒުރަތުގައި ގިނަގިނައިން ދުޢާ ދަންނަވަން ޖެހޭކަން ފާހަގަ ކުރައްވައި ދުޢާކުރުމުގެ މުހިންމުކަން ކީތިރަސޫލާގެ ޙަދީސުން ފާހަގަ ކޮށްދެއްވިއެވެ.