އިތިއޯޕިޔާގެ އުތުރުގައި އޮންނަ ޓިގްރޭ ރީޖަނަލް ސްޓޭޓުގައި ކުއްލި ހާލަތު އިއުލާންކުރަން އިތއޯޕިޔާގެ ފެޑެރަލް ކައުންސިލް އޮފް މިނިސްޓަރސްއިން ފާސްކޮށްފިއެވެ. ޓިގްރޭ ސްޓޭޓަކީ އިދިކޮޅު ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީޕީއެލްއެފް) އިންނެވެ.
"ނޭޝަނަލް ރީޖަނަލް ސްޓޭޓް އޮފް ޓިގްރޭގެ ތެރޭގައި ދަނީ ގާނޫނުއަސާސީއަށާއި، ގާނޫނު އަސާސީގެ ވެރިކަމަށް ނުރައްކާވާ ފަދަ ހަމަނުޖެހުމަށް މަގުފަހިރު ޣައިރުގާނޫނީ ހަރަކާތްތައް ހިންގަމުން." ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމަށް ފަހު ބޮޑުވަޒީރު އަބީ އަޙްމަދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.
1984 އިން ފެށިގެން އިތިއޯޕިޔާގައި ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން އައި މެންގިސްޓޫ ހައިލެ މަރިއަމްގެ ކޮމިއުނިސްޓު ސަރުކާރު މޭ 1991 ގައި ވައްޓާލި އިންގިލާބަށްފަހު އިތިޔޯޕިޔާގެ ސިޔާސީ މައިދާނުގައި ބަސްކިޔަމުން އައީ ޓިގްރޭ މީހުންނެވެ. އެހެންނަމަވެސް، އޮމޯރޯ ނަސްލުގެ ބޭފުޅެއް ކަމުގައިވާ އަބީ އަޙްމަދު އެޕްރީލް 2018 ގައި ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން މައި ސަކުރާކުގެ ތެރޭގައި ޓިގްރޭ މީހުންގެ ނުފޫޒު ދަނީ ކުޑަވަމުންނެވެ.
އިއްތިހާދީ ސަރުކާރާ އަބީ އަޙްމަދު ހަވާލުވެވަޑައިގަތް ފަހުން ކޮރަޕްޝަނަށް ކުރާ ހަނގުރާމައެއް ކަމަށް ބުނެ އިއްތިހާދީ ސަރުކާރުގައި ތިއްބެވި ޓެގްރޭ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުން ވަނީ ޖަލަށްލާފައެވެ. ނުވަތަ މަގާމުން ދުރުކޮށްފައެވެ.
"ގައުމު ސަލާމަތްކުރުމަށް އެމީހުން އަދާކުރަން ޖެހޭ ވާޖިބު އަދާކުރުމަށް އަހަރުމެންގެ ދިފާއީ ބާރުތަކަށް ވަނި އަންގާފައި. ރަތްރޮނގެ އެންމެ ފަހު ނުގުތާ ވެސް ވަނީ ހުރަސްކޮށްފަ. ބާރުގެ ބޭނުން މިކުރަނީ ރައްޔިތުންނާއި ގައުމު ސަލާމަތްކުރުމަށް އަޅާ ފަހު ފިޔަވަޅެއްގެ ގޮތުން." ބޮޑުވަޒީރުގެ އޮފީހުގެ ބަޔާނުގައި ވެއެވެ.
ސިފައިންގެ ޗީފް އޮފް ސްޓާފްގެ ބެއްލެވުމުގެ ދަށުން 'ސްޓޭޓް އޮފް އިމަޖެންސީ ޓާސްކް ފޯސް' އެއް އުފައްދާފައި ވާއިރު، ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނު ބިލޭން ސެޔޯމް ވިދާވުގޮތުގައި ޓިގްރޭގައި މިހާރު ވަނީ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. އޭނާ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ޚަބަރުތައް ބުނާ ގޮތުގައި އިއްޔެއިން ފެށިގެން ޓިގްރޭ ސަރަހައްދުގެ މުވާސަލާތީ ޚިދުމަތާއި އެހެނިހެން އަސާސީ ޚިދުމަތްތައް ވަނީ ކަނޑާލާފައެވެ.
ފާއިތުވި ސެޕްޓެންބަރު މަހު އިތިއޯޕިޔާގެ ނޭޝަނަލް އިލެކްޓޯރަލް ބޯޑް އޮފް އިތިއޯޕިޔާއިން ޓިގްރޭ ސްޓޭޓުގައި ބާއްވަން ނިންމާފައި އޮތް އިންތިޚާބު އިތިއޯޕިޔާގެ އިއްތިހާދީ ސަރުކާރުން ކޮވިޑް-19 ގެ ސަބަބުން ކަމަށް ބުނެ ކެންސަލްކޮށްފައި ވަނިކޮށް ޓިގްރޭގައި ވެރިކަންކުރާ ޓީޕީއެލްއެފުން ވަނީ އިންތިޚާބު ބާއްވައި އެ އިންތިޚާބުގައި އެ ޕާޓީން ކާމިޔާބުކޮށްފައި ވާކަމަށް ބުނެފައެވެ. އޭރުއްސުރެ ސްޓޭޓުގެ ސަރުކާރާއި، މައި ސަރުކާރާ ދެމެދު އަރައިރުން އުފެދި މިހާރު މައްސަލަ މިވަނީ ކުރިމަތިލުމަކާ ހަމައަށް ގޮސްފައެވެ.