ސްރީލަންކާގައި މި އޮގަސްޓް މަހުގެ 5 ވަަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ރައީސު ގޮތާބޭ ރާޖަޕަކްސަގެ ޕާޓީ، ސްރީލަންކާ ޕޮދުޖަނަ ޕެރަމޫނާ (އެސްއެލްޕީޕީ) އިން ބޮޑު އަޣުލަބިއްޔަތެއް ހޯދައިފިއެވެ.
އިންތިޚާބުގެ ފުރިހަމަ ނަތީޖާ މިހާރު ލިބިފައި ވާއިރު އެސްއެލްޕީޕީން ވަނީ ގާނޫނުހަދާ މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން 145 ގޮނޑި ކާމިޔާބުކޮށްފައެެވެ. އިންތިޚާބީ 22 ދާއިރާގެ ތެރެއިން ތަމަޅައިން ގިނަ ހަތަރު ދާއިރާ ކަމުގައިވާ ޖަފްނާ، ވާއްނީ، ޓްރިންކޮމަލީ އަދި ބަޓިކަލޮއާ ފިޔަވައި ހުރިހާ ދާއިރާއެއްގެ އަޣުލަބިއްޔަތު ހޯދާފައި ވަނީ އެސްއެލްޕީންެނެވެ. ވޯޓުގެ އަދަދަށް ބަލާއިރު އެޕާޓީން ވަނީ 6.85 މިލިއަން ވޯޓު ހޯދާފައެވެ. މިއީ ވޯޓުގެ %59.09 އެވެ.
ކުދި ޕާޓީތަކުގެ އެހީގައި އެސްއެލްޕީން ގާނޫނުހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަ ހޯދާނެކަމަށް ބެލެވެއެެވެ. ރައީސު ގޮތާބޭ ރަޖަޕަކްސަ ކުރިން ވިދާޅުވެފައި ވަނީ، ވޯޓުން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބަޑައިނުގަތަސް، އެހެން ގޮތަކުން (ކުދި ޕާޓީތަކުގެ އެހީގައި) އެ އަދަދު ހަމަކުރައްވާނެ ކަމަށެވެ. ރައީސު ރާޖަޕަކްސަަ ގާނޫނު އަސާސީއަށް ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ގެންނެވުމަށް ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތެއް ބޭނުންވެއެވެ.
ބޮޑު ތަފާތަކުން ދެވަނައިގައި އޮތީ ފާއިތުވި ރިޔާސީ އިންތިޚާބުގައި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ފަރާތުން ވާދަކުރެއްވި، އަދި އަވަހާރަކޮށްލެވިފައިވާ ކުރީގެ ރައީސު ރަނަސިންގޭ ޕްރެމަދާާސާގެ ދަރިކަލުން ސަޖިތު ޕެރޭރާ އަލަށް އުފެއްދެވި ޕާޓީ، ސަމާޖީ ޖާނާ ބަލަވެގަޔާ (އެސްޖޭބީ) އިންނެެވެ. އެޕާޓީން ވަނީ 54 ގޮނޑި ކާމިޔާބުކޮށްފައެވެ. ލިބުނު ވޯޓުގެ އަދަަދަށް ބަލާއިރު އެސްޖޭބީއަށް ލިބިފައި ވަނީ 2.77 މިލިއަން ވޯޓެވެ. އެއީ ވޯޓުގެ %23.9 އެވެ.
މިއިންތިޚާބުގައި އެންމެ ބޮޑު ނާކާމިޔާބީއެއް ލިބުނު އެއް ޕާޓީއަކީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހގެ ޕާޓީ، ޔޫއެންޕީއެވެ. އެ ޕާޓީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ. ސްރީލަންކާގައި ވެރިކަންކުރެއްވި ގިނަ ބޭފުޅުންތަކެއް ކުރިން ނިސްބަތްވެވަޑައިގެންނެވި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އަށްވެސް ލިބުނީ އެންމެ ގޮނޑިއެކެވެ.
ސްރީލަންކާގެ އުތުރާއި އިރުމަތީގައި ބައިބޯ ތަމަޅައިންގެ ޕާޓީ އިލަންކާއި ޓެމިލް އަރަސޫ ކަޑްޗީ (އައިޓީއޭކޭ) ނުވަތަ ޓެމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އިން ވަނީ 10 ގޮނޑި ކާމިޔާބު ކޮށްގެން ގާނޫނުހަދާ މަޖިލީހުގައި ތިންވަަނައަށް އެންމެ ބޮޑު ޕާޓީއަށް ވެފައެވެ. ފާއިތުވި އާއްމު އިންތިޚާބުގައި އެ ޕާޓީން 16 ގޮނޑި ހޯދާފައި ވެއެވެ. އެހެންކަމުން މިފަހަރު އެޕާޓީއަށްވެސް މިވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.
ކޮވިޑް- 19 ގެ ސަބަބުން ދެފަހަރު ފަސްކުރުމަށް ފަހު، ބުދަ ދުވަހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 16.2 މިިލިއަން މީހުންގެ %70 އަށްވުރެ ގިނަ މީހުން ވޯޓުލާފައި ވެއެވެ.
އަލަށް އިންތިޚާބުވި ގާނޫނުހަދާ މަޖިލިސް ހުޅުވުމަށް ހަމަޖެހިފައި ވަނީ މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ.