ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލި ކުއްލި މައްސަލައިގައި ޤައުމީ ސަލަމާތަށް ނުރައްކާވާފަދަ ގިނަ ވާހަކަތަކެއް ހިމެނެއެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރ މުޙައްމަދު ނަޝީދު ޢަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައަކީ، މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އިމިޤްރޭޝަން ޤާނޫނަށް އިޞްލާޙު ހުށަހެޅުމުގެ ބިލަށް، އީޞްލާހު ހުށަހެޅުވުމުގެ ފަހަތުގައި ފޮރުވިފައިވާ، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ގިންކަންތައްތަކެއް ކުރިކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ސަމާލުކަމަށް ގޮވާލާ ހުށަހެޅުއްވި މައްސަލައެކެވެ.
އެމައްސަލައާ ދެކޮޅަށް 19 މެމްބަރުން ވޯޓް ދެއްވައި މައްސަލަ ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފައެވެ. މައްސަލަ ބަލައިގަތުމަށް ވޯޓަށް އެހުމުގެ ކުރިން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވަނި އެމައްސަލައިގައި، އެމަނިކުފާނު ހުށަހެޅިކަމަށް ވިދާޅުވާ އިޞްލާޙަކީ ހަޤީޤަތެއް ނޫންކަމަށް ވިދާޅުވެ. އެކަން ސާބިތުކޮށް ދެއްވުމަށް އެތައް ވާހަކައެއް ދައްކަވައިފައެވެ.
ނޮޅިރަމްދާއިރާގެ މެމްބަރ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ރައީސް ނަޝީދު ހުށަހެޅުއްވި އިޞްލާޙުގެ ހަޤީޤީ ބޭނުމަކީ މިވަގުތު ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ބާރުގަދަ އަވަށްޓެރި ޤައުމަކަށް ނިސްބަތްވާ 25 ހާސް ބިދޭޢސީންނަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި އުޅެވޭނެގޮތަށް މަގުފަހިކުރުން ކަމަށެވެ. އެކަމުގައި އެންމެ ފުރިހަމަ މަޢުލޫމާތުތައް އެނގިހުރި ފަރާތްތަކުން ވަނީ އޭނާއަށް މަޢުލޫމާތު އަރުވައިފައިކަމަށް ވިދާޅުވެ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެންނަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ވަކި ހިސާބަކުން އެމީހުންނަށް ރާއްޖޭގެ ރައްޔިތުކަން ދިނުމުން، ދާއިމަށް ތިބެން ފެށުމުން. ރާއްޖޭގެ އެއްބައިވަންތަކަން ގެއްލޭފަދަ ކަންތައްތައް ކުރުމަށް ރާވައިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައުވާ ކަމަށް މެމްބަރ ނަޝިދު ވިދާޅުވިއެވެ.
އެގޮތުން އެމީހުން ބޭނުންވާ ދީނަކަށް އުޅުމަށް ފަށްޅި އެޅުމާއި، އެމީހުންގެ ދަރިން ސްކޫލަށް ދާއިރު އެމީހުންގެ ދީނީ ތަޢުލީމު ލިބޭނެ ގޮތް ފަހިކުރުމަށް ވަކާލާތު ކުރާނެ ކަމަށްވެސް ތުޙުމަތުކޮށްފައިވެއެވެ. އަދި މިކަންކަމަށް ކުރުމަށް ހަމަޖެހި ފައިވަނީ އިންސާނީ ޙައްޤުތަކަށް ހޯދާދައިދިނުމުގެ ނަމުގައި ކަމަށް ވެސް ވަނި ތުޙުމަތުކޮށް ފައެވެ.
ނުޤަވައިދުން އުޅޭ ބިދޭސީންގެ މައްސަލައަށް އޮތް ޙައްލަކީ އެމީހުންނަށް ރާއްޖޭގެ ރައްޔިތުކަން ދިނުންކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވެފައިވާ، ވިދާޅުވުމަކީ މިކަމަށް ބާރު ލިދޭ އިތުރު ހެއްކެއކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު ފާހަގަ ކުރެއްވިއެވެ.
ފަންސަވީސް ހާސް މީހުން ރާއްޖޭގައި ދާއިމަށް ތިބެވޭނެ ގޮތް ހަދައި، ރައްޔިތުކަންދީ، ކުރިއަށްއޮތްތަނުގައި ބާއްވާ އިންތިޚާބުތަކަށް ވަރަށް ބޮޑަށް އެހެން ޤައުމަކަށް ނުފޫޒު ފޯރުވޭނެކަމަށްވެސް ވަނީ ތުޙުމަތު ކޮށްފައެވެ. މިޢަދަދު ބޭނުން ކޮށްގެން ރާއްޖޭގެ މަދުޢަދަދެގެ ބައެއްގެ ވޯޓްކޮޅަކާއެކު އިންތިޚާބެއް ކާމިޔާބުކުރެވޭނެކަމަށްވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.
އަވަށްޓެރި ޤައުމެއްގެ ޖާސުސީ އިދާރާއަށް ނިސްބަތްވާ ބަޔަކު ރާއްޖޭގެ އެންމެ ދެކުނާއި ހައްދުންމަތީގައި މިހާރުވެސް ޙަރަކާތްތެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް ނޮޅިރަން ދާއިރާގެ މެމްބަރުގެ ކުއްލި މައްސަލައިގައި ވަނީ ފާހަގަކުރައްވައިފައެވެ.
ވަކި ޤައުމެއް ހާމަ ނުކޮށް އެ ޤައުމުގެ އެމްބަސީން ރާއްޖޭގެ ގިން މީޑިއާތަކަށް ޚަރަދުކޮށް އެޤައުމާ ދެކޮޅަށް މީޑިއާއިން ލިޔުންތައް ނުލިޔާނެކަމުގެ ޔަޤީންކަން ހޯދައިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ކުއްލި މައްސަލައިގައި ފާހަގަ ކުރެއްވިއެވެ.
ރާއްޖެގެ ވަރަށް ގިނަ މުއައްސަސާ ތަކާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިތުރުން އުރިދޫގައި ވެސް އެޤައުމުގެ ޖާސޫސުން ޙަރަކާތްތެރިވަމުންދާކަމަށް ފާހަގަ ކުރައްވައި އެއީ ޤައުމީ ސަލާމަތަށް ނުރައްކާވެ މިނިވަންކަމަށް ނުރައްކާވާފަދަ ކަމަކަމަށްވާތީ މަޖިލީހުގެ ސަމާލުކަމަށާއި ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނައީކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރ މުޙައްމަދު ނަޝިދު ޢަބްދުﷲގެ ކުއްލި މައްސަލައިގައި ވިދާޅުވެފައި ވެއެވެ.