ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، "ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" ފޮތް މިއަދު ނެރެދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ރައީސް ނަޝީދު ނެރެދެއްވި މި ފޮތަކީ މީޑިއާ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވަމުން ގެންދަވާ އިބްރާހީމް މުޙައްމަދު ލިޔުއްވައިފައިވާ ފޮތެކެވެ.
މި ފޮތުގައި ސިޔާސީ ދާއިރާގައި ޚަބަރާއި މަޢުލޫމާތުން ހޯދިދާނެ ފައިދާތަކާއި، ދެވިދާނެ ގެއްލުންތަކާއި، އެ ދައުރު އަދާކުރުމުގައި ނޫސްވެރިކަމާއި މީޑިއާގެ ވަސީލަތްތައް ޖާމިނުވާ މިންވަރާއި، ސަރުކާރެއްގައި ޚަބަރާއި މަޢުލޫމާތު ފެތުރުމާއި މީޑިއާގެ ވަސީލަތްތަކުގެ މުހިންމުކަން އޮތް މިންވަރުގެ އިތުރުން ދިވެހިރާއްޖޭގެ މީޑިއާގެ ތާރީޚަށް ޢިލްމީ ގޮތުން އަލައިއަޅުވައިލައިފައިވެއެވެ.
މި ފޮތަކީ މީޑިއާގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި، ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި، ސިޔާސީ ކަންކަމަށް ޝަޢުޤުވެރިވާ މީހުންނަށާއި، ސަރުކާރުގައި މީޑިއާގެ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ކިޔަވާ ކުދިންނަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާ ފޮތެކެވެ.
ޖުމުލަ 164 ޞަފުޙާގެ މި ފޮތުގައި 18 ޗެޕްޓަރު ހިމެނޭއިރު، މި ފޮތުގައި ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކުރެވޭ 20 އަށް ވުރެ ގިނަ ބޭފުޅެއްގެ ވާހަކަ އެކި މިސާލުގެ ސިފައިގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރެވޭ 12 ބޭފުޅެއްގެ ނަން ވެސް މި ފޮތުގައި ފާހަގަކޮށްފައިވެއެވެ.
"މި ފޮތް ހުށަހަޅައިދިނުމުގައި އިސްކަންދީފައި ވާނީ ބައިނަލްއަޤުވާމީ ދުނިޔެއާއި ދިވެހިރާއްޖޭގައި ފަހުގެ ތާރީޚުތަކުގައި ހިނގައިފައިވާ މުހިންމު ހާދިސާތަކާއި، ފާހަގަކުރެވޭ އެކިއެކި ޝަޚްޞިއްޔަތުތަކުން މިސާލު ނަގައިގެން ވަކި ފަރާތަކަށް ބުރަވުމެއް ނެތިއެވެ." ފޮތުގެ ފެށުމުގެ ބަހުގައި އިބްރާހީމް ލިޔުއްވައިފައިވެއެވެ.
ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބައެއް ބޭފުޅުން ވެރިކަން ހޯއްދެއްވުމަށާއި، ވެރިކަމުގައި މީޑިއާގެ ވަސީލަތްތައް ބޭނުންކުރެއްވި ގޮތްތަކާއި، ދިވެހިރާއްޖޭގައި މަޢުލޫމާތު ފެތުރުމާއި ނޫސްވެރިކަމުގެ ޙާލަތާއި، ސަރުކާރެއް ކާމިޔާބުކަމާއެކު ހިންގުމުގައި މީޑިއާގެ ދައުރު މި ފޮތުގައި ވަރަށް ތަފުޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ތިން ރައީސުން ކަމުގައި ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މީޑިއާގެ ވަސީލަތްތަކުގެ ބޭނުން ހިތްޕެވިގޮތަށް މި ފޮތުގައި ބަލައިލައިފައިވެއެވެ.
މި ފޮތުގައި ފާހަގަކޮށްލެވޭ ޗެޕްޓަރތަކުގެ ތެރޭގައި އަބުރު ކަތިލުން، ދުދޫމަތިން ދެކެވޭ ވާހަކަ، ސިޔާސީ ޗަރުކޭސް، ސިޔާސީ މަސްރަޙުގައި މީހުން ބެހިގެންވާ ބާވަތްތައް، މަޢުލޫމާތު ޢާންމުކުރުމުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ތަފާތު، ނޫސްވެރިންނާ ސަރުކާރުގެ ގުޅުން، ސިޔާސީ އަދި ކަންނެތް ނޫސްވެރިކަން، ސަރުކާރުގެ ސިޔާސީ ކެމްޕޭން ފެށޭ ވަގުތު އަދި ތުހުމަތުތަކުން ބަރީއަވުން ހިމެނެއެވެ.
އިބްރާހީމް ވަނީ ހެރިއޮޓް ވޮޓް ޔުނިވަރސިޓީގެ ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލުކުރައްވައިފައެވެ. މީޑިއާގެ ދާއިރާގައި 13 އަހަރު ޚިދުމަތްކުރައްވައިފައިވާއިރު، އޭނާ ވަނީ ރާއްޖޭން ބޭރުގައި އެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ހޯއްދަވައިފައެވެ. އޭގެ އިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ނޫސްވެރިކަމާ ގުޅޭ ޖަމާޢަތްތަކުގައި ހަރަކާތްތެރިވެފައެވެ.
ނޫސްވެރިއެއްގެ ގޮތުގައި އޭނާ މީޑިއާގެ ދާއިރާއަށް ނުކުންނަވައިފައިވަނީ، ރައީސް މައުމޫނުގެ ވެރިކަމުގެ އެންމެ ފަހު އަހަރުތަކުގައެވެ. އެ މުއްދަތުގެ ތެރޭގައި ނޫސްވެރިކަމުގެ ޙަރަކާތްތަކުގައި އުޅުއްވަނިކޮށް ދެ ފަހަރަށް ހައްޔަރުކޮށް، އެއް ފަހަރު ޖަލުގައި ބަންދުކުރެވިފައިވެއެވެ. މީގެ އިތުރުން އިބްރާހީމް ފާހަގަކުރެވިފައިވަނީ 2008ވަނަ އަހަރު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލެވުނު ޕާކިސްތާނުގެ ޢާންމު އިންތިޚާބުގައި ހަރަކާތްތެރިވި ބައިނަލްއަޤުވާމީ އެންމެ ހަގު އޮބްޒަރވަރުގެ ގޮތުގައެވެ.
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުން "ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" މި ފޮތް ދަރަޖަކޮށްފައިވަނީ 15 އަހަރުން މަތި، "ދިރާސާ – ޢިލްމީ" ފޮތެއްގެ ގޮތުގައެވެ.