ކޮވިޑް- 19 ބަލިމަޑުކަން ފަތުރާ ނޮވެލް ކޮރޯނާ ވަައިރަސްެގެ ބެހޭ ހޯދުންތައް ހޯދައި ޓެކްނޮލޮޖީ ތަރައްގީކުރުމުގައި އަތުގުޅާލުމުގެ މަގްސަދުގައި އިސްރާއީލު ސަރުކާރުގެ ދެ ކުންފުންޏަކުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
'ދަ ޓައިމްސް އޮފް އިޒްރޭލް' އިން "ތާރީޚީ އެއްބަސްވުން" ކަމުގައި ސިފައިކޮށްފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިިންގް (އެމްއޯޔޫ) ގައި ޔޫއޭއީގެ ޓެކްނޮލޮޖީ ކުންފުނި، ޖީ-42 އާއެކު ސޮއިކޮށްފައި ވަނީ ރަފާއިލް އެޑްވާންސްޑް ޑިފެންސް ސިސްޓަމްސް(ރަފާއިލް) އާއި، އިޒްރޭލް އެއަރޯސްޕޭސް އިންޑަސްޓްރީޒް(އައިއޭއައި) އެވެ. މިއީ އިސްރާއީލުގެ ދިފާއީ ވުޒާރާގެ ދަށުން ހިނގާ، ދިފާއީ އަދި ޖައްވީ ހަތިޔާރާއި އާާލާތްތައް އުފައްދާ، އިސްރާއީލު ސަރުކާރުގެ ދެ ކުންފުންޏެވެ.
ޔޫއޭއީގެ ނޫހަކުން ސިފަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކުރީ ކޮރޯނާވައިރަސްއާ ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ޓެކްނޮލޮޖީ އުފެއްދުމަށް އެ ދާއިރާގެ ކުންފުނިތަކުގެ މެދުގައި އެއްބާރުންލުން އިތުރުކުރުން މުހިއްމުވެފައި ވާތީއެވެ.
"އާއްމުންގެ ފައިދާއަށްޓަަކައި އާ ޓެކްނޮލޮޖީ އުފެއްދުމަށް މަގުފަހިކުރުމުގެ ގޮތުން ބައިނަލްއަގްވާމީ އެއްބާރުލުން އިޚްތިޔާރުުކުރުމަކީ ޖީ-42 ބޭނުންވާ ގޮތް." އެއްބަސްވުމުގެ ސޮއިކުރުމަށްފަހު ޖީ-42 ކުންފުނިން ނެރުނު ބަޔާނެއްގައި ވެއެވެ.
ގްރޫޕް-42 (ޖީ-42) ކުންފުންޏާ ގުޅިގެން މަސައްކަތްކުރުމަކީ އަހަރުމެންނަށް ލިބޭ ފަޚުރެއް. އަހަރުމެންގެ އުއްމީދަކީ މިކަމުގެ ސަބަބުން މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން ބަދަހިވެގެން ދިއުން." އައިއޭއައިގެ ބަޔާނެއްގައި ބުނެފައި ވެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި އިސްރާއީލުގެ ކުންފުނިތަކާއެކު ގުޅުން ބަދަހިކުރަމުން ދާކަން ޔޫއޭއީން ހާމަކުރީ ފާއިތުވި ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ޔޫއޭއީން އިސްރާއީލަށް 100 ކޮވިޑް-19 ޓެސްޓް ކިޓް ދީފައިވާކަން ވެސް ޔޫއޭއީން އެދުވަހު ހާމަކުރިއެވެ. ޖެހިގެން އައި ދުވަހު، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫވެސް ވަނީ ދެގައުމުގެ ދެމެދުގައި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރަމުންދާކަން ހާމަކޮށްފައެވެ.
އިސްރާއީލުން އަތްގަދަކޮށްފައިވާ ފަަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިމުގެ %30 ރަސްމީގޮތުން އިސްރާއީލުގެ ބައެެއްކަމުގަައި ކަނޑައެޅުމުގެ އުދުވާނީ ޕްލޭނާއިގެ އިސްރާއީލު ކުރިއަށްދާއިރުވެސް ޔޫއޭއީފަދަ ބައެެއް އަރަބި ގައުމުތަކުން، ޚާއްސަކޮށް ގަލްފުގެ ގައުމުތަކުން، އިސްރާއީލާ ގުޅުން ބަދަހިކުރުމަށް މަަސައްކަތްކުރަމުން ދާކަން ފާހަގަކޮށްލެވެއެވެ.