(1 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ކީކޭ؟" މެހެމަލް ހައިރާންވެފައި ހުމާޔޫނާ ދިމާއަށް ބަލައިލިއެވެ.
"މެހެމަލް. ތިޔަ ބުނާ އާޔަތަކީ މެހެމަލަށް ބާވައިލެއްވި އާޔަތެއް ނޫން. ޤުރްއާނަކީ އިލާހީ ފޮތެއް. އެހެންވީމާ އެއީ މާ އާދައިގެ ފޮތެއް ކަމަށް ބަލައިގެން އާދައިގެ ގޮތަކަށް އެ ފޮތް ގެންގުޅުމަކީ ރަނގަޅު ކަމެއް ނޫން. ޤުރްއާނުގައި ހުންނަނީ ނަމާދާއި ރޯދަފަދަ އަޅުކަމުގެ ޙުކުމްތައް. މެހެމަލްގެ ވާހަކައެއް ނޫން." ހުމާޔޫން ކާރު ދުއްވަމުން ވާހަކަ ދައްކަމުން ދިޔައެވެ. މަގުމަތި އޮތީ ވަރަށް އަމާންކޮށެވެ.
މެހެމަލް އަނގައިންވެސް ނުބުނެ ބަލަހައްޓައިގެން އިނީއެވެ.
"މެހެމަލް. މިސާލަކަށް ތަސްވީރެއް ނަގަމާ ހިނގާ. އެއް ތަސްވީރަކަށް އެކި މީހުން ބަލާނީ އެކި ގޮތަށް. އެކި ނަޒަރުން. ފާޑުކިޔާމީހާ ބަލާނީ އެއިން އުނިކަމެއް ފެނޭތޯ. ޅެންވެރިން ތަސްވީރުގެ ރީތިކަމުގެ ތެރެއަށް ގެއްލިގެން ހިނގައިދާނެ. ސައިންސްވެރިން ބަލާނީ އަދި މުޅީން އެހެން ގޮތަކަށް. އެއީ މައްސަލައެއް ނޫން."
"ހުމާޔޫން. އަހަރެން ވިސްނައި ފިކުރުކުރާ ކަންތައްތަކުގެ ވާހަކަ ޤުރްއާނުން އެބަފެނޭ."
"އެއީ މެހެމަލް އެ ކަންތައްތައް ޤުރްއާނުން ދެކެން ބޭނުންވާތީ ވާ ގޮތެއް. ޤުރްއާނުގައި އޮންނަ ކޮންމެ ވާހަކައެއް މެހެމަލާ ގުޅޭ ގޮތް ވަނީ މެހެމަލް ގުޅުވަން ބޭނުންވާތީ. މެހެމަލް. ތިޔައީ ހައްތަހާވެސް މެހެމަލްގެ ސިކުނޑި ވަކި ކަމެއް ދެކެން ބޭނުންވާ ގޮތް. ޤުރްއާނަކީ އިލާހީ ފޮތެއް. އެ ފޮތަކު މެހެމަލްގެ ވާހަކައެއް ނެތް. އެކަން ގަބޫލުކުރޭ."
އެ ވަގުތު ހުމާޔޫންގެ ފޯނު ރަނގަބީލުވާން ފަށައިފިއެވެ. އޭނާ ފޯނަށް ޖަވާބުދީފިއެވެ.
"ރާނާ ސާހިބް..."
މެހެމަލް ހިމޭނުން އިނދެގެން އުނގުގައި އޮތް ތައިމޫރަށް ބަލައިލިއެވެ. އަދި އަތުގައި އޮތް ޤުރްއާނަށްވެސް ބަލައިލިއެވެ. ހޫމާޔޫން ވާހަކަ ދައްކާން ފެށީ އެ ފޮތް ދަބަހަށް ލާން އުޅެނިކޮށެވެ. ހުމާޔޫންގެ ވާހަކައިގެ ސަބަބުން އޭނާގެ ފުރާނަ ނުކުމެދާން އުޅެނީއޭ ހީވިއެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ހިތް މުޅީން ހުސްވެއްޖެ ކަމުގައި އިހުސާސް ކުރެވުނެވެ. ޚިޔާލެއް، އުއްމީދެއް ނެތްކަމުގެ އިހުސާސް ކުރެވުނެވެ.
އެއީ ތެދެއް ބާވައެވެ؟ މިހައި ދުވަސް ވާންދެން އޭނާ ކުރި ކަމަކީ ކަމެއް ނުވަތަ އެއްޗެއް ވަކި ގޮތަކަށް ތަސައްވުރު ކުރުން ހެއްޔެވެ؟ އޭނާ ކިޔަނީ ކިޔަން ބޭނުންވާ އެއްޗެއް ހެއްޔެވެ؟ އޭނާ ނެރޭ މާނައަކީ ގަސްތުގައި އަމިއްލައަށް ބޭނުންވާ ގޮތަކަށް ނެރޭ މާނައެއް ހެއްޔެވެ؟ އޭނާއަށް ފެންނަނީ އޭނާގެ ސިކުނޑިން އެ ވަގުތަކަށް ބޭނުންވީމާ ދައްކައިދޭ އެއްޗެއް ހެއްޔެވެ؟ ކޮންމެ އެއްޗަކުންވެސް އޭނާ އެ ވަގުތަކަށް ބޭނުންވާ މާނައެއް ނެރެނީ ހެއްޔެވެ؟
އަނދިރި އަދި ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓެމުން ދަނީއޭ އޭނާއަށް ހީވާން ފަށައިފިއެވެ. ހުމާޔޫން އަދިވެސް ފޯނުން ވާހަކަ ދައްކަނީއެވެ. އޭނާ ހިމޭނުން އިނދެގެން އަނެއްކާވެސް ފޮތަށް ބަލައިލިއެވެ. އަދި ވަކި ތަނެއް ޚިޔާރު ކުރުމަކާ ނުލައި ފޮތް ހުޅުވައިލިއެވެ.
ހުޅުވުނު ތަނުން ފެނުނީ އަލްއަންބިޔާއު ސޫރަތުގެ 10 ވަނަ އާޔަތެވެ.
"ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ޢިބްރަތާއި، ނަސޭހަތް އޭގައި އެކުލެވިގެންވާ ފޮތެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟"
އިތުރަށް ކިޔާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ހިތް އުފަލުން ފޮޅިއްޖެއެވެ. ޤުރްއާނާ ބެހޭ ގޮތުން ޤުރްއާން ބުނާ އެއްޗަކަށްވުރެ ތެދުވެރި އެހެން އެއްޗެއް ނޯންނާނެއެވެ.
ހުރިހައި އުދާސްކަމަކާއި ހިތްހަމަނުޖެހުމެއް ވަޔަށް ބުރައިގެން ހިނގައްޖެއެވެ. ހިތުގައި އެތައް ވޮށެއެް އެއްފަހަރާ ދިއްލި އަލިވެގެން ހިނގައްޖެއެވެ. އެހެން އެއްވެސް މީހެއްގެ ނަޒަރިއްޔާއެއްގެ ބޭނުމެއް ނެތެވެ. އޭނާގެ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. އޭނާ ބޭނުންވާ ދަލީލުވެސް ލިބިއްޖެއެވެ.
ސޯޅަ
އައު ފަތިހަކަށް އަލިވިލިއްޖެއެވެ. ދޫނިތައް ހާލިތަކުންނުކުމެގެން ދުވަހުގެ ފުރާގުގެ އެދުމުގައި އުދުހިގެންފިއެވެ. ރޭ ހަތަރުދަމު ކަހަލަ ގޮތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތައް އަދިވެސް އޮތީ ތެތާއެވެ. އުޑުމަތީގައި ހުރި ކަޅު ވިލާތައް ފިލައި ސާފުވާން ފަށައިފިއެވެ.
މެހެމަލް ދޮރާށިން ބޭރަށް ނުކުތް ވަގުތު ދުރުން ނަވްމީ ބައިސްކަލެއްގައި އަންނަތަން ފެނިއްޖެއެވެ. މެހެމަލް ތައިމޫރްގެ ގާޑިޔާ ކޮއްޕަމުން މަގު ހުރަސްކުރަނީއެވެ. ނަވްމީ އަންނަނީ އޭނާޔާ ދިމާއަށެވެ.
"މެހެމަލްދައްތާ. އައްސަލާމް ޢަލައިކުމް." އޭނާ ފެނުމާއެކު ނަވްމީ ކައިރިއަށް އަތުވެއްޖެއެވެ. ނަވްމީއަކީ އެ ކޮލޮނީގެ ކުއްޖެކެވެ. މެހެމަލް ގާތަށް ޤުރްއާން ކިޔަވަން އަންނަ ކުދިންގެ ތެރެއިން ކުއްޖެކެވެ.
"ވަޢަލައިކުމުއްސަލާމް ނަވްމީ. މާ ހެނދުނަކާ ތިޔަ ދަނީ ކޮން ތަނަކަށް؟" މެހެމަލްވެސް ހުއްޓިއްޖެއެވެ.
"އިސްކޫލު ޗުއްޓީ ދުވަސްވަރެއްނޫންތޯ؟ އެހެންވީމާ މިހާރަކު ދާނެ ތަނެއް ނޯންނާނެ." ނަވްމީ ބޮލުގައި ފުރަގަހަށް އަޅައިފައި އޮތް ތޮފި ރަނގަޅު ކޮށްލިއެވެ.
"ޙަނާނާއި ރާޙިމަށްވެސް ބަންދުވީތަ؟"
"ލައްބަ. އެންމެންނަށްވެސް މި ދުވަސްކޮޅު ބަންދު."
"އެހެން ވެއްޖެއްޔާ މީގެ ފަހުން ފަތިސް ނަމާދަށް ފަހު ކުލާސް ބާއްވަމާ ހިނގާ؟"
"ދައްތާ. އަޅުގަނޑު އަތުވެދާނަން. އެކަމަކު ރާޙިމްމެން..." އޭނާ ރާޙިމޭ ބުނެލީ ހިތްހަމަ ނުޖެހޭ ކަހަލަ ގޮތަކަށެވެ.
"އެމީހުން ނާންނާނެތަ؟"
"ދައްތަ އެމީހުންނާ ސުވާލު ކުރައްވަންވީ ނޫންތޯ؟"
ނަވްމީ އައި ބާރު މިނުގައި ބައިސްކަލުގައި ހިނގައްޖެއެވެ.
މަދަރުސާއަށް ވަދެލާނަމޭ މެހެމަލްގެ ހިތަށް އެރިއެވެ. އެކަމަކު އެ ވަގުތު މަގުގެ އެއް ފަރާތުގައި ޒުވާރި ވިއްކަން ހުރި މީހަކު ފެނިއްޖެއެވެ. އޭނާ ގާޑިޔާ ކޮއްޕަމުން ޒުވާރި ވިއްކާ ގާޑިޔާ އޮތް ތަނަށް ހިނގައްޖެއެވެ.
މަގު އޮތީ ހުހަށެވެ. ޒުވާރި ފިހޭ މީހާ އަނގުރު އަންދަނީއެވެ. މެހެމަލް ގާޑިޔާ ކޮއްޕަމުން ހިނގަމުން ދަނީއެވެ. އޭނާ ހަނދާން ނެތި މިއަދު ގެއިން ނުކުންނަމުން ކިޔާ ދުޢާއެއް ނުކިޔައެވެ. އެހެންވީމާ މަޑުމަޑުން ތަސްބީހަ ކިޔަމުން ހިނގާފައި ދިޔައެވެ.
"ޒުވާރިއެއް ފިހެލައިދީ."
ޒުވާރި ވިއްކާ މީހާ ރަނގަޅު ޒުވާރިއެއް ނަގައިގެން ފިހެން ފަށައިފިއެވެ.
އޭނާގެ ހިތުގައި ކޮންމެވެސް ބާވަތެއްގެ އުދާހެއް އެނބުރެމުން ދަނީއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާ މިހާރަކަށް އައިސް ރޭގަނޑު ނިދާފައި އޮވެފައި ސިއްސައިގެން ގޮސްފައި ހޭވެސް ލެވެއެވެ. އެއީވެސް ކީއްވެގެން ކަމެއް ނޭނގެއެވެ.
"ދައްތާ. ދިހަ ރުފިޔާ." ޒުވާރި ވިއްކާ މީހާ ބުނެލިއެވެ.
އޭނާ ޖީބުދަބަސް ނަގައިގެން ހުޅުވައިލިއެވެ. އޭގައި ހުރީ ފައިސާ ނޫޓުތަކަކާއި ބައެއް ކަރުދާހެވެ. ދިހަ ރުފިޔާ ނަގަން އުޅުނު ވަގުތު ދަބަހުގައި އޮތް ކަރުދާސްކޮޅެއް ބިންމައްޗަށް ވަޔާ ތަންކޮޅެއް ދުރަށް މަގުމައްޗަށް ހިނގައްޖެއެވެ.
"މަޑުކޮށްލާ." އޭނާ ޒުވާރި ވިއްކާ މީހާގެ އަތަށް ދިހަ ރުފިޔާ ދިނުމަށްފަހު އެ ކަރުދާސްކޮޅު ނަގަން ހިނގައިގެންފިއެވެ. ތައިމޫރް އޮތް ގާޑިޔާ ޒުވާރި ވިއްކާ މީހާ ގާތު ހުއްޓެވެ. މާ ދުރަކަށް ދާކަށް ނުޖެހުނެވެ. ގުދުވެފައި ބިންމަތީގައި އޮތް ކަރުދާސްކޮޅު ނަގައިފިއެވެ. އެނބުރި ހިނގައިގަތްތަނާ އޭނާއަށް ފެނުނީ ވަރަށް ބާރަށް ދުއްވާފައި އައި ކާރެކެވެ. އޭނާ ބަލައިލާފައި ދުވެފައި ކަހަލަ ގޮތަކަށް މަގު ހުރަސް ކޮށްލާން އުޅުނެވެ. އެކަމަކު މާ ލަސްވެއްޖެއެވެ.
ބާރަށް ބަރުގޮނު އެޅި އަޑާއެކު މީހަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ކާރު އައިސް އޭނާގެ ގައިގައި ޖެހުނު ކަމާއި ބިންމައްޗަށް ވެއްޓުނުކަން އޭނާއަށް އެނގުނެވެ. ބިންމަތީގައި އޮވެގެން އޭނާ ހަރަކާތެއް ކުރެވޭތޯ އުޅުނެވެ. ފައެއް ހަރަކާތެއް ނުކުރިއެވެ.
އޭނާ އިސް އުފުލައިލިއެވެ. އެވަގުތު ބޮލުން ލޭފައިބާކަން އެނގުނެވެ. ގަދަ ރަތްކުލައިގެ ލެއެވެ. ދެތިން ސިކުންތެއްގެ ތެރޭގައި އޭނާގެ ގައިން ބާރު ދޫވެއްޖެއެވެ. އަތުގައި އޮތް ކަރުދާސްކޮޅު ދޫވެގެން ވަޔާ ހިނގައްޖެއެވެ. އޭނާގެ ބޯ ބިންމަތީގައި ޖެހުނު އިރަކު ހެއެއް ނެތެވެ. ވެއްޓެމުން ދިޔަ ވަގުތު ދުރުން ކުޑަ ކުއްޖަކު ރޯ އަޑު އިވެއެވެ. އެ ކުއްޖާ ރޮނީ ވަރަށް ބާރަށެވެ.
ހޭނެތުނު ވަގުތު އޭނާގެ ސިކުނޑިގައި އެންމެ ފަހުން އޮތީ އެ ދުވަހު ހެނދުނު ދުޢާ ނުކުރެވުނުކަމުގެ ފިކުރެވެ.
* * *
މެހެމަލްގެ ސިކުނޑިއަށް އަނދިރިކަން ވެރިވެފައި އޮތީ ކިހައި އިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އެއީ ތަނެއްދޮރެއް ނޭނގޭވަރުގެ އަނދިރިކަމެއްކަން އޭނާއަށް އެނގެއެވެ. އަނިދިރިކަމުގެ މައްޗަށް އަނދިރިކަމެވެ.
އޭނާގެ ސިކުނޑި ޒަމާނާއި މަކާނުގެ ގައިދުން މިނިވަން ވެއްޖެއެވެ. ފެން ފައިބަނީއެވެ. އޭނާ ވިލާތަކުގެ ތެރޭގައި އުދުހެނީއެވެ.
އުޑާއި ބިމާ ދެމެދެވެ. މައްޗަކަށްވެސް ނާރައެވެ. އަދި ތިރިއަކަށް ނުމެ ވެއްޓޭމެއެވެ. އޭނާ އޮތީ ވިލާތަކުގެ ތެރޭގައެވެ.
އެޔަށްފަހު މަޑުމަޑުން ހިނގަހިނގައި ހުރި ވިލާތައް ހުއްޓިއްޖެއެވެ. ކުޑަ ލޮޅުމަކާއެކު ވިލާތައް ބުރަބުރައިގެން ހިނގައްޖެއެވެ. އަނދިރިކަން ފިލައި އަލިވެއްޖެއެވެ.
އޭނާ މަޑުމަޑުން ލޯ ހުޅުވައިލިއެވެ. ކުރިމަތީން ފެންނަނީ ފުސް މަންޒަރެކެވެ. ހުދުކުލައިގެ ފާރެކެވެ. ހުދުކުލައިގެ ފަންގިފިލައެވެ. ފަންގިފިލައިގައި އެނބުރިއެނބުރި އޮތް ފަންކާއެވެ. އޭނާ ފަންގިފިލައަށް ބަލަހައްޓައިގެން އިރުކޮޅަކު އޮތުމަށް ފަހު ވަށައިގެން ހޯދައި ބަލާން ފަށައިފިއެވެ.
އެއް ފަރާތުގައި ބޮޑު ގޮނޑިއެއް ހުއްޓެވެ. އަނެއް ފަރާތުގައި ހުރި ކުޑަ މޭޒެއްގެ މަތީގައި މާބޮނޑިއެއް އޮތެވެ. އޭނާ ތެދުވާން އުޅުނެވެ. އެކަމަކު ހަށިގަނޑު ހަރަކާތެއް ނުކުރިއެވެ. މާ ބޮޑަށް ވަރުދެރަވެފައި އޮތީ ކަމުގައި ވެދާނެއެވެ. އޭނާ ތެދުވުމުގެ ޚިޔާލު ދޫކޮށްލައިފިއެވެ. އަތަށް ބަލައިލީއިރު ދެތިން ހަތަރު ހޮޅި ގުޅާފައި ހުއްޓެވެ. އެއިން ކޮންމެ ހޮޅިއެއްގެ އަނެއްކޮޅު ގޮސް ގުޅިފައި ހުރީ މެސެނަކާއެވެ. އޭނާ އެ އޮތީ ހަސްފަތާލެއްގައެވެ. އޭނާއަކީ މެހެމަލް އިބްރާހީމެވެ. އެކަން ޔަގީނެވެ.
އެއްވެސް މީހަކަށް އެމީހާގެ އަމިއްލަ ނަފުސުގެ މަތީން ހަނދާން ނައްތައެއް ނުލެވޭނެއެވެ. މަޑުމަޑުން ހަނދާންތައް އެނބުރި އަންނާން ފަށައިފިއެވެ. މީސްމީހުންގެ ސިފައާއި ތަންތަން ހަނދާނަށް އަންނާން ފަށައިފިއެވެ.
އޭނާ ވަރުބަލިކަމާއެކު ލޯ މަރައިލިއެވެ. އެންމެ ފަހުން ވީ ކީއްބާވައެވެ؟ އޭނާ ހަސްފަތާލަށް އައީ ކީއްކުރަން ބާވައެވެ؟ އެކްސިޑެންޓެއްވީ ކަމުގައި ވެދާނެއެވެ. އޭނާގެ ހަނދާނަށް އެކި ކަންކަން މަޑުމަޑުން އަންނާން ފަށައިފިއެވެ. އޭނާ ދިޔައީ ޒުވާރި ގަންނާށެވެ. ނަވްމީވެސް މަގުމަތީގައި އުޅުނެވެ. ނަވްމީ ބައިސްކަލު ދުއްވަނީއެވެ. ވަރަށް ބާރަށް ބައިސްކަލު ދުއްވާފައި ގޮސް އޮބާލައިފިއެވެ. ދެން އޭނާ ދިޔައީ ޒުވާރި ވިއްކާ މީހާ ގާތަށެވެ. ދެން... ދެން ކޮންމެވެސް ކަމެއް ވިއެވެ. އޭނާ އެއްޗެއްގައި ޖެހުނެވެ. ލޭ ފޭބިއެވެ. ކުޑަކުއްޖަކު ރޯ އަޑު އިވުނެވެ.
"ކުޑަކުއްޖަކު..." އޭނާ ސިހިފައި ލޯ ހުޅުވައިލިއެވެ. އަދި ވަށައިގެން ހޯދާން ފަށައިފިއެވެ. ކޮޓަރި އޮތީ ހުހަށެވެ. އޭނާ ނޫން އެހެން މީހަކު ނެތެވެ. އެކަމަކު ކުޑަ ކުއްޖަކު ރޮނީއެވެ. އެއީ އޭނާއަށް އެންމެ ފަހުން އިވުނު އަޑެވެ. ތައިމޫރް... ތައިމޫރް ރޮނީއެވެ. އާނއެކެވެ. އޭނާ ހަނދާން އެބަހުއްޓެވެ. ތައިމޫރް ކޮބައިހެއްޔެވެ؟
(ނުނިމޭ)