(7 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އާޣާ ކަރީމް ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. އެކަމަކު އެ ވަގުތު އޭނާގެ ކަންފަތްދޮށުގައި ގުގުމައިލީ ފަރިޝްތޭ ކިޔައިދިން ހަދީސެކެވެ. ހަދީސުގެ މަފުހޫމަކީ ކަލޭގެ ގެއަށް ވަގަށް ބޯދީ ބަލާމީހާގެ ގަޔަށް ގާ އުކައި ލޯ ކޮނެލިޔަސް ކަލެއަކަށް ކުށެއް ނެތެވެ. ޖާސޫސުކުރުމާއި މީހުންގެ ވާހަކަތައް ވަގަށް އަޑުއެހުމަކީ އެހައިވެސް ނުބައި ކަމެކެވެ.
ނޫން... އޭނާ ފަހަތަށް ޖެހިލިއެވެ. އާޣާޖާންގެ ކޮޓަރި ތެރެއަށް ބެލުމަކީ އޭނާއަށް ކުރެވޭ ފާފައެކެވެ. އެއީ ބައެއްގެ ސިއްރެއްގެ ތެރެއަށް ވަދެގަތުމެވެ.
އޭނާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ދޮރު ރަނގަޅަށް ތަޅުލުމަށް ފަހު ގޮސް އެނދަށް ވެއްޓިގެންފިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ.
"މެހެމަލްގެ މުދަލުގައި ފަރިޝްތޭގެ ޙިއްސާ..؟"
ފަރިޝްތޭއާއި އޭނާޔާ ކޮންމެވެސް ގުޅުމެއް އެބައޮތް ކަމަށް ޝައްކުވެއެވެ. އެއީ އޭނާގެ މާމަފަރާތުން އޮތް ތިމާގެ ކަމެއް ކަމަށްވެސް ވަރަށް ބޮޑަށް ޝައްކު ކުރެވެއެވެ. އެކަމަކުވެސް މެހެތާބްގެ ދުލުން ފަރިޝްތޭގެ ނަން އަޑު އިވުނީމާ އޭނާގެ ސިކުނޑިއަށް ވަރުގަދަ ލޮޅުމެއް އަރައިފިއެވެ. އެއަށްވުރެވެސް ވަރުގަދަ ލޮޅުމެއް އެރީ ފަރިޝްތޭ އެދޭ އެދުމުގެ ވާހަކަ އިވުނީމައެވެ. އޭނާގެ މުދަލުން ހިއްސާއެއް ހޯދަން ފަރިޝްތޭ އެދެނީ ކީއްވެގެން ބާވައެވެ؟ އޭނާގެ ބޭނުމަކީ ކޮބައިބާވައެވެ؟
އޭނާގެ ކުރިމަތީގައި ފުސް ފަރުދާއެއް ލެވިއްޖެއެވެ.
އެ ފަރުދާއިން ފެންނަނީ ކަޅުކުލައިގެ ޢަބާޔާއެއް ލައިގެން ހުރި އަންހެން ކުއްޖެކެވެ. މޫނުމަތީން ފެންނަނީ ހިތްހެޔޮކަމެވެ. ވިދުވަރުގަދަ ދެ ލޮލެވެ. އަތުގައި އޮތީ ކީރިތި ޤުރްއާނެވެ. އެއީ ފަރިޝްތޭއެވެ.
އެއީ ކާކު ހެއްޔެވެ؟ އޭނާގެ ފުރިހަމަ ނަމަކީ ކޮބައި ހެއްޔެވެ؟ އޭނާ ހުމާޔޫނަކާ މާ ގިނައިން ބައްދަލުވެއެއް ނުހަދައެވެ. އެކަމަކު މެހެމަލްގެ ހުރިހައި ޚަބަރެއް އޭނާއަށް ބަރާބަރަށް ލިބެއެވެ. އޭނާގެ ހުރިހައި ކަމެއް ފަރިޝްތޭ ބަލަނީ ކީއްވެގެން ހެއްޔެވެ؟ އާޣާ ކަރީމާ ބައްދަލު ކުރަން އޭނާ އަންނަނީ ކީއްވެގެން ހެއްޔެވެ؟
އޭނާގެ ސިކުނޑީގައި ވަނީ މި ކަހަލަ އޮޅުންބޮޅުން ބޮޑު އެތައް ސުވާލެކެވެ. އެކަމަކު އެއް ކަމެއް ޔަގީނެވެ. އޭނާގެ ސިކުނޑީގައި އޮތް ފަރިޝްތޭގެ ރީތި ތަސްވީރު ވެއްޓި ފުނޑުފުނޑު ވެއްޖެއެވެ. އެއީ ކީއްވެގެން ކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ.
އެގާރަ
މެހެމަލް ގިތެޔޮ ދަޅު ނަގައި މޭޒުމަތީގައި ބަހައްޓައިފައި އެނބުރިލީ ވަގުތު ބަދިގޭގައި މީހަކު އުޅޭހެން ހީވެގެން އިސް އުފުލައިލިއެވެ.
ބަދިގޭގެ ދޮރުމަތީގައި ހުރެގެން ފިޒާ އޭނާޔާ ދިމާއަށް ބަލަނީއެވެ.
"ބޮޑުދައިތާ. ކިހިނެއްވީ؟" ކިހިނެއްވީކަމެއް އޭނާއަކަށް ނޭގުނެވެ. އެހެންވީމާ އަމިއްލަ ނަފުސަށް ބަލައިލިއެވެ. އޭނާ ހުރީ ހަމަ އެހެން ދުވަހެކޭ އެއް ކަހަލަ ގޮތަކަށެވެ. ލައިގެން ހުރީ ޕާކިސްތާނު ހެދުމެކެވެ. އިސްތަށިގަނޑު އޮތީ އައްސައިފައެވެ. ފިޒާއަށް ކިހިނެއްވީ ބާވައެވެ؟
"ބޮޑުދައިތާ. އެއްޗެއް ބޭނުންވީތަ؟" އޭނާ އަނެއްކާވެސް އަހައިލިއެވެ. ބަލަހައްޓައިގެން ހުރި ގޮތުން އޭނާއަށް އުނދަގޫވެސް ވެއްޖެއެވެ.
"އޭނ... ނޫން." ފިޒާ ކުއްލިއަކަށް އެނބުރި ހިނގައިގެންފިއެވެ. އެވަގުތު އޭނާގެ މޫނުމަތީން ކޮންމެވެސް ވަރަކަށް ނުރުހުމުގެ އަސަރު ފެނުނެވެ.
"ކިހިނެއްވީ ބާވައެވެ؟" މެހެމަލް ވިސްނައިލިއެވެ. އެކަމަކު އެކަން ސިކުނޑިން ފިލުވައިލުމަށް ފަހު މަސައްކަތަށް އެނބުރިގެންފިއެވެ. ރޭގަނޑު ކާގަޑި ޖެހެނީއެވެ. މިހާރު އެންމެން ނުކުންނާނެއެވެ. އަވަހަށް ކާން ހަދަންވީއެވެ.
"މެހެމަލާއި ވަސީމާ ދެކުދިން ދެވަން އަހަންނާއި މުސްރަތާ ދެމީހުން ނިންމައިފިން." އޭނާ ރިހަތަށި މޭޒުމަތީގައި ބަހައްޓައިލީ ވަގުތު އާޣާ ކަރީމް ބުނެލިއެވެ. އޭނާ މުޚާޠަބްކުރީ މޭޒުދޮށުގައި ތިބި އެންމެންނާއެވެ.
ކާކޮޓަރިތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ. އެއީ އެއިން އެކަކަށްވެސް ނޭނގި އޮތް ކަމެއް ނޫނެވެ. އެކަމަކު އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. މެހެމަލް އިސްޖަހައިލައިގެން އިނދެ މަޑުމަޑުން އައިސް އޭނާގެ ގޮނޑީގައި އިށީނދެއްޖެއެވެ.
"ތިޔަހެން ނިންމެވުމުގެ ކުރިން ބޮޑުދައިތަޔާ އާޣާޖާން ވާހަކަ ދެއްކެވިންތޯ؟" ޙަސަން މަލާމާތުގެ ރާގަކަށް އަހައިލިއެވެ. އޭނާގެ ސުވާލުގެ ސަބަބުން މޭޒުދޮށުގައި ތިބި އެންމެންނަށްވެސް ކުޑަވަރެއްގެ ސިހުމެއް އައެވެ. ޚުދު މެހެމަލްވެސް ހައިރާން ވެފައި އިސް އުފުލައި ޙަސަނާ ދިމާއަށް ބަލައިލިއެވެ. ޙަސަން ހުރީ ސީދާ އާޣާ ކަރީމްގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ކޮން ހާސަރެއް ތިޔަ ދަމަން ފެށްޓީ؟ ކާވެނި ކުރެވެނީ މުސްރަތުގެ ރުހުމާއެކު." އާޣާ ކަރީމް ރުޅި އައިސް ރަތްވެފައި ބުނެލިއެވެ.
"އެއީ ތެދެއްތަ... ބޮޑުދައިތާ؟" މޭޒުދޮށުގައި އިސް ޖަހައިލައިގެން އިން މުސްރަތާ ދިމާއަށް ޙަސަން ބަލައިލިއެވެ. "މެހެމަލް ވަސީމާ ދެވަން ބޮޑުދައިތަ ރުހެމުތަ؟ އެއީ މި އާއިލާގެ އެއްވެސް މީހަކު އެމީހެއްގެ ދަރިޔާ ދެވަން ނުރުހޭ މީހެއް."
މުސްރަތުގެ ބޯ އިހަށްވުރެވެސް ބޮޑަށް ތިރިވެއްޖެއެވެ. ފިޒާ ހިތްހަމަ ނުޖެހިފައި ބަލަހައްޓައިގެން އިނީއެވެ.
"ބޮޑުދައިތާ. ހިމޭނުން އިނީމާ އޭގެ މާނައަކީ ކޮބައިކަން އެނގޭތަ؟ އޭގެ މާނައަކީ ބޮޑުދައިތައަށް އާޣާޖާން މަޖުބޫރު ކުރީއޭ."
"އަނގަ މަޑުންލައިގެން އިނދޭ... ޙަސަން."
"އާޣާޖާން. އަޅުގަނޑަށް ބޮޑުދައިތަޔާ ވާހަކަ ދެއްކިޔަ ދެއްވާ." ޙަސަންވެސް ވަރަށް ބާރަށް ބުނެލިއެވެ. އެންމެންގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓިއްޖެއެވެ.
"ބޮޑުދައިތާ. ބުނޭ. ބޮޑުދައިތަ ރުހެމުތަ؟"
"ނޫން..." މެހެމަލް ބާރަށް ބުނެލިއެވެ. މަންމަ އަނގައިން ނުބުނާނޭކަން އޭނާއަށް އެނގެއެވެ.
ތަނަށް ހީވީ ހޮނު އެޅިހެންނެވެ. ހައިރާންވީ ވަރުން ޙަސަންގެވެސް އަނގަ ހުޅުވުނެވެ.
"މެހެމަލް އަނގަގަދަ ނުކޮށް ހުރޭ." އާޣާ ކަރީމް އިންޒާރުގެ ރާގަކަށް ބުންޏެވެ.
"މިހާރު އަނގައިން ނުބުނެ ހުރެފާނަނަން. އެކަމަކު ކާވެނި ކުރާ ދުވަހު އިންކާރު ކުރާނަން. އެއީ އަޅުގަނޑަށް އަޅުގަނޑުގެ ދީނުން ދީފައި އޮތް ހައްގެއް. އަޅުގަނޑަށް މަޖުބޫރު ކުރައްވައިފިއްޔާ ކޯޓަށްވެސް ދާނަން."
"ވަސީމާ އިންނާން މެހެމަލް ނުރުހޭ ސަބަބަކީ ކޮބާ؟ މައްސަލައަކީ ކޮބާ؟" ޣަފްރާން އަހައިލިއެވެ. ފިޒާގެ މޫނުމަތީންވެސް ފެންނަނީ ހަމަ އެ ސުވާލެވެ.
"ވަސީމަކީ އެހައި ރަނގަޅު މީހެއް ކަމަށް ވަންޏާ ނިދާ ނޫނީ ސާމިޔާއާ ދެވަންވީ ނޫންތޯ؟"
ގޭތެރެއިން އިހުގެ މެހެމަލް މި ފެނުނީ ވަރަށް ގިނަ ދުވަހަށް ފަހުގައެވެ.
"ހަޅޭއް ނުލަވާ."
"އަޅުގަނޑު އިންކާރު ކޮށްފިން. އެންމެންގެ ކުރިމަތީގައި މިޔަށްވުރެ ބޮޑަށް އަގު ވެއްޓޭން ބޭނުމިއްޔާ ކާވެނީގެ ވަގުތު އަޅުގަނޑު އިންކާރު ކޮށްފާނަން."
"އަހަރެމެން ކަލޭ ޅީދަރިއަކަށް ހަދާތީ ނިކަން ޝުކުރު ކޮށްބަލަ." އެތައް އިރަކު ހިމޭނުން ހުރުމަށް ފަހު އެންމެ ފަހުން މެހެތާބް ވާހަކަ ދައްކާން ފަށައިފިއެވެ. " އެއްރޭ ހަތަރުދަމު ބޭރުގައި އުޅެފައި އައި އަންހެން ކުއްޖަކު އަހަރެމެން ޅީދަރިއަކަށް ނުހެދިއްޔާ ޅީދަރިއަކަށް ހަދާނޭ އެހެން މީހަކު އަންނާނެތަ؟ ކަލެޔާ އިންނާނީ އެހެން ކާކު؟"
"އަހަރެން." ޙަސަން ބުނެލިއެވެ. "އަހަރެން މެހެމަލާ އިނދެފާނަން. ވަސީމާ އިންނާކަށް އޭނާ ގަބޫލެއް ނޫން. އަހަރެން ބޮޑުދައިތަ ގާތު މި ބުނަނީ... އަހަރެން މެހެމަލާ އިންނަން ތައްޔާރު. ބޮޑުދައިތަ ވިސްނައިލާފައި ޖަވާބެއް ދީ."
"ތިޔަ ކަމެއް ނުވާނެ." ފިޒާ ހަޅޭއް ލަވައިގަތެވެ. "އެހެން ފިރިހެނަކާ އެކު ފިލައިގެން ދިޔަ އަނަހެން ކުއްޖަކު އަހަރެން ގަބޫލެއް ނުކުރާނަން."
"މަންމާ." ޙަސަންގެ އަޑުން މުޅި ތަން ގުގުމައިލިއެވެ.
އިތުރު ވާހަކަ އަޑުއަހާކަށް މެހެމަލް ބޭނުމެއް ނުވިއެވެ. އެހެންވީމާ ގޮނޑިން ތެދުވެގެން ދުވެފައި ގޮސް ކާކޮޓަރިން ނުކުމެއްޖެއެވެ.
* * *
ބްރިގޭޑިއަރު ފުރްޤާންގެ ގޭގެ ޓެރަހުގައި ރަސްކަން ކުރަނީ ބޯގަންވިލާ ވެލެވެ. މިހާރުވެސް ފެންނަނީ ހަމަ އެ ވީރާނާކަމެވެ. އެގެ އަބަދުވެސް އޮންނަނީ އެކަހަލަ ގޮތަކަށެވެ. ގޭގައި ބަޔަކު ލައްވައި ޤުރްއާން ކިޔެއްވުމާއި އަމިއްލައަށް ކިޔެވުމާ ތަފާތު ވާނެއެވެ.
މިއަދު އަނެއްކާވެސް މެހެމަލް އެހެރީ އެގޭގެ ދޮރާށި ދޮށުގައެވެ. އަތުގައި ކުރިން ގެނައި ކަހަލަ ލިޔުންތަކެއް އެބަހުއްޓެވެ.
ރަނގަބީލު ޖަހައިލީމާ ނޯކަރަކު އައިސް ދޮރު ހުޅުވައިލިއެވެ.
"އާދެ. ކީކޭތޯ؟" ނޯކަރު ބޭރަށް ބަލައިލާފައި އަހައިލިއެވެ.
"އަހަރެން ބޭނުން ވަނީ ބްރިގޭޑިއަރ ފުރްޤާނާ ބައްދަލު ކޮށްލަން. އެބައުޅުއްވާތަ؟"
"އާދެ. ހުންނެވީ މަސައްކަތް ކުރައްވަން."
"ގޮސް ދަންނަވާ މެހެމަލް އައިސް އެބަހުއްޓޭ." އަމުރުވެރި ރާގަކަށް މިހެން ބުނެފައި ހަށަން ބަނދެގެން ހުއްޓި ހުރެއްޖެއެވެ.
ނޯކަރު އެތެރެއަށް ވަދެފައި މާ ގިނަ އިރުތަކެއް ނުވެ އެނބުރި އަތުވެއްޖެއެވެ.
"ވެރިޔާ ވިދާޅުވީ މި ލިޔުންތައް ގެންދަވާށޭ." އޭނާ ކުރީ ދުވަހު ގެނައި ލިޔުންތައް މެހެމަލަށް ފޯރުކޮށްލިއެވެ.
"ލިޔުންތައް ވިދާޅުވިތަ؟"
"ނޫން. ވެރިޔާ އުޅުއްވަނީ ވަރަށް އަވަދިނެތި."
"ގޮސް ބުނޭ މިއީ އަހަރެން ހަވާލުކުރާ އަމާނާތެކޭ. ކުރިން އަހަރެން ގެނައި ލިޔުންތަކާ ހަވާލުވީމާ އެ އޮތީ ޒިންމާޔާ ހަވާލު ވެފައޭ. އެހެން ނޫންނަމަ އެ ދުވަހުވެސް އިންކާރު ކުރެވުނީސް. އަނބުރައި ދިނީމާ އެ ވެވެނީ ޚިޔާނަތެއް. އަހަރެން މާފު ނުކުރިއްޔާ މި ޚިޔާނަތަކަށް މާފެއް ނުލިބޭނެ."
ނޯކަރު ހައިރާންވެފައި އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
އަނެއްކާވެސް މާ ގިނަ އިރުތަކެއް ނުވެ އެނބުރިއަތުވެއްޖެއެވެ. "ވެރިޔާ ވިދާޅުވީ އެތެރެއަށް ވަޑައިގަންނަވާށޭ."
"ޝުކުރިއްޔާ." އޭނާ އެތެރެއަށް ވަދެއްޖެއެވެ.
ފޮތް ކިޔާށާއި މަސައްކަތް ކުރަން ޚާއްސަކޮށްފައިވާ ކޮޓަރީގެ ދޮރު ހުރީ ހުޅުވައިފައެވެ. މެހެމަލް މަޑުމަޑުން ދޮރުގައި ޓަކި ޖަހައިލިއެވެ.
ބްރިގޭޑިއަރު ފުރްޤާން އިނީ ހެއްލޭ ގޮނޑިއެއްގައި އިށީނދެގެން ފޮތެއް ކިޔާށެވެ. އޭނާ ޓަކި ޖެހި އަޑު އިވުނީމާ އައިނުގެ މަތީން ބަލައިލިއެވެ.
"ވަދޭ." އޭނާ އައިނު ނަގައި މޭޒުމަތީގައި ބާއްވައިލިއެވެ. އަދި ފޮތް ލައްޕައިފައި ކުރިމަތީގައި ހުރި ތިރި މޭޒެއްގެ މަތީގައި ބާއްވައިލިއެވެ.
"އަޅުގަނޑު ކުރީ ދުވަހު ލިޔުންތަކެއް ގެނައީމެއް ނޫންތޯ؟"
"އަހަރެން އެ ލިޔުންތައް އަނބުރައި ދީފީމެއްނު؟ އެހެން ކަމެއް އެބައޮތްތަ؟"
"އާދެ. މިހިރީވެސް ލިޔުންތަކެއް." މެހެމަލް ކުރިއަށް ޖެހިލައި އަތުގައި ހުރި ލިޔުންތައް މޭޒުމަތީގައި ބަހައްޓައިފިއެވެ.
"ތިޔައީކީ އަހަރެން ބޭނުން އެއްޗެއް ނޫން." ބްރިގޭޑިއަރު ފޫހި ރާގަކަށް ބުނެލިއެވެ.
"ސަރ. ބޭނުންފުޅުތޯއެއް އަޅުގަނޑެއް ނާހަމެއް ނޫންތޯ؟ މި ބަހައްޓަވަން ވާނެ. އެއީ ލާޒިމު ކަމެއް. އަޅުގަނޑު ހައެއްކަ ދުވަސް ކޮށްފައި ބަލައި އަންނާނަން. ވިދާޅުވެފައި ރައްކާތެރި ގޮތަކަށް ބަހައްޓަވާތި. މީގައި ﷲ ގެ އިސްމުފުޅު ހުންނާނެ. އެއްލަވައި ނުލައްވާތި." އޭނާ މިހެން ބުނެފައި ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލައި ކޮޓަރިން ނުކުމެއްޖެއެވެ.
ބްރިގޭޑިއަރު މޭޒުމަތީގައި ހުރި ލިޔުންތަކަށް ބަލައިލިއެވެ. އަދި ނުރުހުމުގެ ރާގަކަށް ކޮންމެވެސް އެއްޗެކޭ ބުނުމަށް ފަހު އަނެއްކާވެސް ފޮތް ނަގައިފިއެވެ.
* * *
މެހެމަލް އޭނާގެ އާދައިގެ ހިނގުމުގައި ފެންޑާގައި ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ކުރިމަތީން ފަރިޝްތޭ އަންނާތީ ފެނިއްޖެއެވެ. އޭނާއަށް ތުންފަތުގައި ދަތް އެޅުނެވެ. އެއްވެސް އިޚްތިޔާރަކާ ނުލައި އެނބުރި ހިނގައިގަނެވިއްޖެއެވެ.
(ނުނިމޭ)