Aafathis

މުގާބިލާ - 48 (އެންމެ ފަހުބައި)

(25 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

އިބިލީސް ރިޕޯޓު އެއްފަރާތުގައި ބާއްވައިފައި ވިސްނާން ފަށައިފިއެވެ. މާދަމާ ބާއްވާ އަހަރީ ޖަލްސާގައި ވަރަށް ހަމަނުޖެހުން ބޮޑުވާނެކަން އެނގެއެވެ. އަމިއްލަ މަގާމާއި ހައިސިއްޔަތު ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދާނޭކަންވެސް އެނގެއެވެ. މި މައްސަލަގަޑުން ސަލާމަތް ވުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

އާދައިގެ އިންސާނަކަށް މާ ބޮޑު އަހުމިއްޔަތުކަމެއް ދެވުނީ އޭނާގެ މޮޔަކަމުންނޭ މިހާރު ހިތަށް އަރައެވެ. ފިލަފިލައިގެން އުޅުމުގެ ނަތީޖާވެސް މިއަދު މި ފެންނަނީ ރަނގަޅަކަށް ނޫނެވެ. އޭނާ އަމިއްލައަށް ނުކުމެ ކަންތައްތަކާ ކުރިމަތިލަމުން ދިޔަނަމަ މައްސަލަ މިހާރު އޮތް ހިސާބަކަށް ނުދިޔައީހެވެ.

ވިސްނަމުން ގޮސް އިބިލީހުގެ ސިކުނޑި ބޮއްސުންލައިފިއެވެ. ހުއްޓޭން ގާތް ވެއްޖެއެވެ. އެވަގުތު އޭނާ ގޮވީ ސަގީލާއަށެވެ. އޭނާގެ ހިތުގެ އުދާސް ފިލުވައި ދެވޭނީ ހަމައެކަނި ސަގީލާއަށެވެ.

* * *

އަހަރީ ޖަލްސާ ވެގެން ދިޔައީ އޭނާ އަންދާސާ ކުރި ވަރަށްވުރެވެސް ހައިޖާނު ބޮޑު ޖަލްސާއަކަށެވެ. އޭނާގެ ފިލުމާއި ބޮނދައި އޮތުމާއި އަޅައިނުލުމުގެ ސަބަބުން ޝައިޠާނުންނަށް ލިބޭނީ ކިހައި ވަރެއްގެ ބޮޑު ގެއްލުމެއް ކަމެއް މީގެ ކުރިއަކުން އަންދާސާ ކުރެވިފައެއް ނެތެވެ.

ޖަލްސާގައި ދުނިޔޭގެ ހުރިހައި ގޮތްޕެއްގެ ރިޕޯޓު ހުށަހެޅީމާ އޭނާގެ ބުއްދި ލުހިގެން ދިޔަ ކަހަލައެވެ. ނުބައި ކަންތައްތަކާއި ފާފަކުރުން ހުއްދަ ކުރެވިފައި ހުރި ތަންތާގައިވެސް މުޖުތަމައު އިސްލާހު ކުރުމުގެ މަސައްކަތް ހުރީ ފެށިފައެވެ. ޝައިޠާނިއްޔަތުގެ އެންމެ ވަރުގަދަ ތަންތަނުގެ ބިންގާ ވަނީ ގުޑަންް ފަށައިފައެވެ. އެންމެ ބޮޑު ކަމަކަށް އޮތީ މުޅި ދުނިޔޭގައި އަޚުވަންތަކަމާއި އެއްބައިވަންތަކަމުގެ ގޮވެލި ގޮވެމުން ދިއުމެވެ. އަދި އެކަމަށްޓަކައި އަމަލީ މަސައްކަތްވެސް ކުރެވެމުންދާ ކަމެވެ.

ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ދުނިޔޭގައި އަމަންއަމާންކަން ގާއިމު ކުރުމުގެ ހަ މުއާހަދާއެއް އެކުލަވައިލައި ސޮއިކޮށް އަމަލުވެސް ކުރާން ފަށައިފިއެވެ.

ކުރީ ދުވަހު އިބިލީސް ނިންމައިފައި އޮތީ ކޮންމެ ރިޕޯޓަކީ އޭނާ ހަޖަމުކޮށްލާން ޖެހޭ ކޮކަޑި މުށްވަރެއް ކަމަށް ބަލައިފައި ހަނދާން ނައްތައިލާށެވެ. އެއީ އެއިން ރިޕޯޓަކަށް ޖަވާބެއް ދޭން ނުވަތަ ޖަވާބެއް ހޯދާން އުޅެގެންފިއްޔާ ބޭޒާރު ވާނީ ޚުދު އޭނާ ކަމަށް ވާތީއެވެ.

އެކަަކު ރިޕޯޓުތަކުގައި ހުރި އުއްމީދު ކެނޑި އަގުވެއްޓޭ ކަހަލަ ވާހަކަތައް ފެނިފައި އޭނާާއަކަށް ވާހަކަ ނުދައްކައެއް ނުހުރެވުނެވެ. "މިއީ ކޮން ކަހަލަ ރިޕޯޓުތަކެއް؟" އިބިލީހުގެ ރުޅި ވަނީ ކޮޅުންލައިފައެވެ. "މި އަމަންއަމާންކަމުގެ މުއާހަދާތައް... މުޖުތަމައު އިސްލާހު ކުރުމުގެ މަސައްކަތް... އަޚުވަންތަކަމާއި އެއްބައިވަންތަކަމުގެ އަމަލީ މަސައްކަތް... މިހިރީ ހައްތަހައިވެސް އަހަރެމެންގެ ގާނޫނުތަކާ ޚިލާފު ކަންތައްތައް. ﷲ ގެ ގާނޫނު ތަންފީޒު ކުރެވޭތަން ވަރަށް ރަނގަޅަށް އެބަފެނޭ. ކަލޭމެން ކުރަނީ ކީއް؟"

"ތިޔައީ ހައްތަހާވެސް މަނިކުފާނުގެ ނުބައި ސިޔާސަތުގެ ނަތީޖާ." ސްވިޑްން ގޮފީގެ ވެރި ޝައިޠާނާ އެއްވެސް ބިރެއް ނެތި ބުނެލިއެވެ.

އިބިލީހުގެ ބޮލުގެ އިސްތަށިތައް ދަގަނޑު އޫތަކެއްހެން ކޮޅަށް ޖެހިއްޖެއެވެ. "ތިޔަ ދަމަނީ ކޮން ހާސަރެއް؟"

"މި ދައްކަނީ ރަނގަޅު ވާހަކަ. މަނިކުފާނުގެ ކުށް އަޅުގަނޑުމެންގެ ބޮލުގައި ނާޅުއްވާ."

ސްވިޑްން ގޮފީގެ ވެރިޔާ އޭނާޔާ ވާހަކަ ދެއްކިއިރު މާތް މަނިކުފާނު ނުވަތަ އިއްޒަތްތެރި ޗާންސެލަރު ފަދަ ލަގަބަކުން ނުފަށްޓާ ކަމުގައި އޭނާއަށް ފާހަގަ ކުރެވުނެވެ. އައި ގަދަ ރުޅިއެއްގެ ސަބަބުން އޭނާގެ ހަން ކިނބޫހަމަށް ބަދަލުވެއްޖެއެވެ. "ކަލޭގެ އަދަބާއިސަދަބު ވަދެ ފިލީ ކޮން ތަނަކަށް؟ ވާހަކަ ދެއްކުމުގެ އަދަބުގެ މަތީން ހަނދާން ނައްތައިލީތަ؟ ވާހަކަ ތިޔަ ދައްކަނީ ކޮން ފަދަ ހަޔާތްކުޑަ ގޮތަކަށް؟"

"އަޅުގަނޑުމެން އެންމެން އޭނާޔާ އެއްބަސްވަން." ޔޫރަޕްގެ އެތައް ގޮތްޕެއްގެ ވެރީން އެއް އަޑަކުން ބުނެލިއެވެ.

"ކަލޭމެން އަހަންނަށް ފާޑު ކިޔަނީތަ... އަހަންނަށް؟" އަޑު އިވޭ ވާހަކަތައް ގަބޫލު ކުރާން އިބިލީހަށް ދަތިވިއެވެ.

"ތަހުޒީބުވެފައިވާ ޖުމްހޫރީ މުޖުތަމައުތަކުގައި ބިރެއް ނެތި ފާޑުކިޔުމުގެ ފުރުސަތު އޮންނާނެ." އެމެރިކާ ގޮފީގެ ވެރިޔާ ބުންޏެވެ.

އިބިލީސް ބޮލުގައި ހުރި އިސްތަށިތައް އުފުރައުފުރާފައި ބިންމައްޗަށް އުކާން ފަށައިފިއެވެ. ބިންމަތީން ފެންނަނީ ނަންނުގަތި ހިރޭ މަންޒަރެވެ. "ލުއްޗާއިންނޭ... ކަލޭމެންގެ ފެންވަރުހަނދާން ނެތުނީތަ؟ ޖުމްހޫރިއްޔަތަކީ އަހަރެން އިންސާނުން ވާވައްދައި ހަލާކު ކޮށްލުމުގެ ބޭނުމުގައި އުފެއްދި އެއްޗެއް ކަމެއް ކަލޭމެންނަކަށް ނޭނގޭތަ؟ ބުއްދީގެ ބޭނުން ނުކުރަނީތަ؟ ހިމާރާއި ހިޔަޅަށް ވޯޓު ލުމުގެ ހައްގު ދޭނީ މޮޔައިން. ކަލޭމެންގެ ތެރެއިން އެއް ޅައިއަކީވެސް އަހަންނަށް ފާޑު ކިޔޭ ފެންވަރުގެ ޅައިއެއް ނޫން."

"އަޅުގަނޑުމެންގެ މަސައްކަތް މި ފެންވަރަށް ވެއްޓުނީ މަނިކުފާނުގެ ބުއްދިފުޅުގެ ސަބަބުން." އެމެރިކާ ގޮފީގެ ވެރިޔާ މަލާމާތް ކޮށްލިއެވެ.

"ކަލޭމެން އެންމެންގެ ދުވަސް ދާނެ. ބަރުބާދުވާނެ."

"ދުވަސް ގޮސް ނިމިއްޖެ. ބަރުބާދު ވާކަށް އިތުރު ކަމެއް ނެތް. އަޅުގަނޑަށް ހީވަނީ މިއަދު އިންތިޚާބެއް ބާއްވަން ވީހެން."

"އިންތިޚާބަކީ ހިތުހުރި ގޮތަކަށް ބޭއްވޭ އެއްޗެއް ނޫން." އިބިލީސް ވައިގެ ތެރޭގައި އަތް ހޫރަމުން ދިޔައެވެ. "އަހަރެމެންގެ ގާނޫނުއަސާސީ ބުނަނީ ބާލިޣުނުވާ މީހުންނަކަށް ވޯޓެއް ނުލެވޭނެއޭ. އިންތިޚާބުގެ ތާރީޚު ކަނޑައަޅާ. ބަލަން ތިބޭތި. އަހަންނާ ދެކޮޅުވެރިވާ އެއްވެސް ގޮލައަކަށް ކުރިމައްޗެއް ނުލެވޭނެ. ޝައިޠާނުންގެ މެދުގައި އެންމެ މަގުބޫލު ޝައިޠާނަކީ އަހަރެން. އަހަރެން ވައްޓައެއް ނުލެވޭނެ. އަހަރެން މިއީ ބަތަލެއް."

"އަޅުގަނޑުމެން ގާނޫނުއަސާސީއަށް ބަދަލު ގެނެސްފާނަން. ދެންމެ ވިދާޅުވެއްޖައީމެއް ނޫންތޯ ޖުމްހޫރިއްޔަތަކީ އިންސާނުންގެ ހަލާކަކަށް އުފެއްދެވި އެއްޗެކޭ. ހިމާރާއި ހިޔަޅަށް ވޯޓުލުމުގެ ހައްގު ދޭނީ މޮޔައިންނޭ. އެހެންވީމާ އަޅުގަނޑުމެން އެހެންނެއް ނުހަދާނަން. އިންތިޚާބު ބާއްވާނީ މި ކައުންސިލުގައި. ވޯޓު ލާނީ އަޅުގަނޑުމެން. އާއްމު ވޯޓަކަށް ފުރުސަތެއް ނޯންނާނެ."

އިބިލީހުގެ މޫނުމަތީގައި ހީވީ އެއްޗަކުން ޖެހިހެންނެވެ. "ކަލޭމެންނަކަށް ގާނޫނުއަސާސީ ބަދަލެއް ނުކުރެވޭނެ."

"ނުކުރެވޭންވީ ކީއްވެގެންތޯ؟ ގާނޫނު ހަދާ މަޖިލީހަކީ މިއީ. މި މަޖިލީހުގެ މެންބަރުންނަކީ އަޅުގަނޑުމެން. އަޅުގަނޑު މިހާރު މި ހުށަހަޅަނީ..." އެމެރިކާ ގޮފީގެ ވެރިޔާ މައްސަލަ ހުށަހަޅާން މަސައްކަތް ކުރިއެވެ.

އެވަގުތު އިބިލީހުގެ ސެކްރެޓަރީ ރޮއިހޭރެމުން އައިސް އެތަނަށް ވަދެއްޖެއެވެ.

"ކިހިނެއްވީ؟" އިބިލީސް ބިރުންހުރެ އަހައިލިއެވެ.

ސެކްރެޓަރީ ޖަވާބެއް ނުދީ އޭނާއަށް ފޯރުކޮށްލީ ކަރުދާސްގަނޑެކެވެ. އިބިލީސް އޭގައި އޮތް ސުރުޚީ ކިޔައިލިއެވެ. އެޔާއެކު އެކަލޭގެ ތުރުތުރުއަޅާން ފަށައިފިއެވެ.

އޭނާ ނޫހެއްގެ ސިފައިގައި އޮތް ޝައިޠާނީ ފަތްތޫރަ ގޮތްޕެއްގެ ވެރިއެއްގެ އަތަށް ދީފިއެވެ. ފަސް މިނިޓުގެ ތެރޭގައި އެތާގައި ތިބި ހުރިހައި ޝައިޠާނުން އެ ވާހަކަ ކިޔައިފިއެވެ.

އޭގައި ލިޔެފައި އޮތީ އިޒްރޭލާ ދެކޮޅަށް އަލިފުދާލަށް ހުށަހެޅި ގަރާރު ފާސްކުޅަ ވާހަކައެވެ. އެ ގަރާރާ އެއްވެސް ގައުމަކުން ދެކޮޅެއް ނުހަދައެވެ. އެމެރިކާއިންވެސް ވޯޓު ދިނީ ގަރާރު ފާސްކުރާށެވެ.

"މިއީ ކިހިނެއް ވީ ކަމެއް؟" އިބިލީސް ގުގުރައިގަތެވެ. އޭނާ މުޚާތަބް ކުރީ އެމެރިކާ ގޮފީގެ ވެރިޔާއާއެވެ.

"ތިޔައީވެސް އަޅުގަނޑުމެން ދެންނެވި ހަރާދުކިޔުމުގެ ކަންތައް." އެމެރިކާ ގޮފީގެ ވެރިޔާ ބުންޏެވެ. "ސުލައިމާން ކިޔައިފައިވާ ހަރާދެއްގެ ސަބަބުން ވީ ކަމެއް. އޭނާ ބުނީ އެމެރިކާ މި ފަހަރު އަލިފުދާލުގައި ވީޓޯކުރުމުގެ ބާރު ބޭނުން ކުރާނެއޭ. ވީޓޯ ކުރާނެއޭ."

އިބިލީހަކަށް ހަދާނޭ ގޮތެއް ނޭނގުނެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ޝައިޠާނީ އުކުޅެއް ވަދެއްޖެއެވެ. "ކަލޭގެ ފެންވަރު ނިކަން ދެކިބަލަ." އޭނާ އެމެރިކާ ގޮފީގެ ވެރިޔާއާ ދިމާއަށް މަލާމާތުގެ ރާގަކަށް ބުނެލިއެވެ. "ކަލޭގެ ބާރާއި ލަޔާގަތާމެދު މިހާރު ބުނަނީ ކީކޭ؟ ދެންމެ ވަރަށް ފުއްޕީމެއްނު؟"

"އަޅުގަނޑު ކުރާނީ ކީއްތޯ؟" އޭނާ ބަލި ގަބޫލުކުރާ ކަހަލަ ގޮތަކަށް ބޯ ހަލުވައިލިއެވެ. "މަނިކުފާނުގެ އަމުރު އައީ އެޔާ ޚިލާފު ވެވޭ ކަހަލަ ގޮތަކަށް ނޫން. އެޔަށްވުރެ މާ ބާރުގަދަކޮށް."

"އެކަމަކު މައްސަލައަކީ އަސާސީ ސިޔާސަތާއި ގައުމީ ސަލާމަތާ ގުޅޭ މައްސަލައެއްނު؟ އަހަރެންގެ އަމުރަކާ ހެދި އެންމެންގެ ބަރުބާދީއަށް މަގުފަހި ކުރާންވީތަ؟"

އެމެރިކާ ގޮފީގެ ވެރިޔާ ލަދުން އިސް ދަށަށް ޖަހައިލިއެވެ.

އިބިލީހުގެ ހިތަށް އެރިއެވެ. ދަގަނޑު ދޮން ވެއްޖެއެވެ. ބާރުލާފައި ޖަހަންވީއެވެ. މައްސަލަތައް ހައްލު ކުރާކަށް މިޔަށްވުރެ ވަކީން ފަހި ފުރުސަތެއް ނުލިބޭނެއެވެ. "އެންމެ ރަނގަޅު. އަހަރެންގެ ސަބަބުން ލިބުނު ހުރިހައި ގެއްލުމަކަށް އަހަރެން ޒިންމާވަން. އެހެންވީމާ އަހަރެން މި އިސްތިއުފާ ދެނީ. ކަލޭމެން އައު ވެރިޔަކު ހޮވާ."

އެވަގުތު މުޅި މާލަމަށް ފެތުރުނީ މަރުގެ ހިމޭންކަމެވެ. ހިނދުކޮޅަކު އެހެން އޮތުމަށް ފަހު ދެނަކާ ދެނެއް ނެތެވެ. އަޑު ގަދަވެގަތީ ވަކިވަރެއް ބަލައިފައެއް ނޫނެވެ. އެއް ޝައިޠާނަކު އަނެއް ޝައިޠާނަކާ އަރައިރުންވަނީ ކަމެއް ވާހަކަދައްކަނީކަމެއް އެނގޭ ވަރެއް ނުވެއެވެ. މި ހައިޖާނުގަނޑު ހިނދުކޮޅަކަށް ދެމިގެން ދިއުމަށް ފަހު ހުރިހައި ޝައިޠާނުން އިބިލީހުގެ ފައިމައްޗަށް ތިރިވެއްޖެއެވެ.

"މާތް މަނިކުފާނު... ތިޔަހެން ނުހައްދަވާ."

"އިލާހުވަންތަ ވެރިޔާ... އަޅުގަނޑުމެންނަށް ރަހުމު ކުރައްވާ."

"މާތްވެގެންވާ ޗާންސެލަރު... އަޅުގަނޑުމެންނަށް މާފުކުރައްވާ."

އިބިލީސް ކިބުރުވެރިކަމާއެކު ހިނިތުންވަމުން ދިޔައެވެ.

"އިއްޒަތްތެރި ރަސްވަންތަ މަނިކުފާނު... އަޅުގަނޑުމެންނަށް ތިޔަވަރުގެ ބޮޑު ގެއްލުމެއް ނުކުރައްވާ."

"ނުފެލި ހިމޭނުން ތިބޭ." އިބިލީސް ގުގުރައިގަތެވެ. "ޖުމްހޫރިއްޔަތުގެ ފިލާވަޅު ކަލޭމެން އަހަންނަށް ނަގައިދިނީ ދެންމެއެއްނު؟"

"އެއީ އަޅުގަނޑުމެންގެ ނުވިސްނޭކަން... ގަމާރުކަން... މާފުކުރައްވާ."

"ޖުމްހޫރިއްޔަތަކީ ހަލާކުގެ މަގެއް. ފަނާކުރުވަނިވި އެއްޗެއް. މާތް މަނިކުފާނު... އެއީ އިޖްތިމާއީ ދަންޖެހުމެއް."

"އެންމެ ރަނގަޅު... އެންމެ ރަނގަޅު. ހުއްޓައިލާ." އިބިލީސް އަތް އުފުލައިލިއެވެ. "ހަމަޖެހިލައިގެން އިށީނދޭ. ކަލޭމެންގެ އާދޭހާއި ތަކުރާރީ އެދުމުގެ ސަބަބުން އަހަރެންގެ އިސްތިއުފާ އަނބުރައި ނަގައިފިން. އެމީހެއްގެ ޖާގައިގައި އިށީނދެ ތިބެގެން އަހަރެންގެ ވާހަކަ ކަނުލައި އަހާ."

އެންމެ އިށީނދެ ހަމަޖެހިއްޖެއެވެ. ތަނަށް ވެރިވެފައި އޮތީ އިހުތިރާމުގެ ހަމަހިމޭންކަމެވެ.

އިބިލީސް ކަރުކެހިލައި، ކަރުތެރެ ސާފުކޮށްލިއެވެ. "މި އަހަރު ބޭކާރު ވެގެން ދިޔައީ ކަމަށް ބަލާ. އަހަރު ދުވަހުގެ ތެރޭގައި ލިބުނު އިބުރަތާއި ފިލާވަޅު ހަނދާން ނައްތައި ނުލާތި. އިންސާނުންނަކީ ވަރަށް ނުރައްކާތެރި ބައެއް. ގާތްކަން ބާއްވާ ވަރުގެ ބައެއް ނޫން. މީގެ ފަހުން ޖުމްހޫރިއްޔަތުގެ ނަންވެސް ނުގަންނާތި. އަހަރެންގެ  ފަރާތުން އެޅުނު ޅައެއްޗެހީގެ ވާހަކައަކީ އެހެން ވާހަކައެއް. އެކަމަކު ހަނދާން ކުރާތި. އަހަރެންގެ އެއްވެސް އަމުރަކާ ޚިލާފު ނުވާތި. އަމުރާ ޚިލާފު ވެއްޖެ ނަމަ ވާނީ ގެއްލުން."

"ލޮލުން ބޮލުން އަހައި ކިޔަމަންގެންފިން... މާތް ސާހިބާ." ހުރިހައި ޝައިޠާނުން އެއްއަޑަކުން ގޮވައިލިއެވެ.

"ދެން އަހަރެންގެ އައު އަމުރު އަޑުއަހާ." އިބިލީސް ބުންޏެވެ. "ސުލައިމާންގެ ހަރާދުކިޔުމާ ގުޅިގެން އަހަރެން ނެރުނު އަމުރު މި ވަގުތުން ފެށިގެން ބާތިލުކޮށްފިން. އޭނާ ދޫކޮށްލާ."

ޝައިޠާނުން ހަމަޖެހުމުގެ ނޭވައެއް ލިއެވެ.

"އަހަރެންގެ ވެރިކަން ކުރާ ރަށް މިއަދުން ފެށިގެން ބަދަލުކޮށްލީ. ދެން އަހަރެން އުޅޭނީ ފަލަސްޠީނުގައި."

މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތެއް." އަނެއްކާވެސް ހުރިހައި ޝައިޠާނުން އެއްއަޑަކުން ގޮވައިލިއެވެ.

"ދެން ހިނގާ އެޖެންޑާގައި ހުރި ކަންތައްތަކުގެ ވާހަކަ ދައްކަމާ. ކުރިމަގަށް ކުރާން ހުރިކަންތައްތައް ރާވަމާ ހިނގާ."

* * *

ފަސްވަނަ ޓެސްޓު މެޗުގެ ފަސްވަނަ ދުވަހުގެ ކުޅުން ފަށަން ތައްޔާރު ވަނީއެވެ. ސިލްސިލާ މިހާރު އޮތީ ދެ މެޗު ދެ މެޗުން އެއްވަރު ވެފައެވެ. ބެލެވިފައިވާ ގޮތުގައި ފަސްވަނަ މެޗުން މޮޅު ވެގެން މުޅި ސިލްސިލާ ކާާމިޔާބު ކުރާނީ އިނގިރޭސިންނެވެ. ޕާާކިސްތާން ބަލިވާނެއެވެ. މޮޅުވާން ބޭނުމިއްޔާ ޕާކިސްތާނަށް ޖެހެނީ ފަހު އިނިންގގައި 435 ލަނޑު ހަދާށެވެ. ހަތަރުވަނަ ދުވަހުގެ ކުޅުން ނިމުނު އިރު ހެދުނީ 121 ލަނޑެވެ. އަށް ކުޅުންތެރިން ނުބައި ވެއްޖެއެވެ. ފަސްވަނަ ދުވަސް އޮތް ގޮތަށް އެބައޮތެވެ. އެކަމަކު އާއްމު ލަފާކުރުންތައް ބުރަވަނީ ގަޑިއެއްހައި އިރުގެ ތެރޭގައި ޕާކިސްތާން ބަލިވެގެން މެޗު ނިމޭނޭ ކަމަށެވެ. ސަބަބަކީ މޮޅު ހުރިހައި ކުޅުންތެރިން ނުބައި ވެފައި އޮތުމެވެ.

އިނގިރޭސި ކުޅުންތެރިން ތިބީ އުފަލުން ފޮޅިފައެވެ. ޕީޓަރ ފޯރޑްގެވެސް ބައްތިރީސް ދަތް އެކީގައި ފެނެއެވެ. ޢަދްނާން އެސޯސިއޭޓްސް އާ އެކީ ހެދި މުއާހަދާ އޭނާ އުވައެއް ނުލައެވެ. އެހެންވީމާ ވާރޭގެ ސަބަބުން މެޗުން ބަލިވާނޭ ފުރުސަތެއް ނެތްކަން އޭނާއަށް ޔަގީނެވެ.

މުޅި ދަނޑު އޮތީ ފުރި ބާރުވެފައެވެ. އިނގިރޭސިން މޮޅުވާތަން ބަލާން ކެތްތެރިކަން ކުޑަވެފައި ތިބި މީހުން ވަދެ ފުރިފައެވެ. އިނގިރޭސި ޓީމު ދަނޑަށް ނުކުމެއްޖެއެވެ. އަތްތިލަބަޑީގެ އަޑުން މުޅި ދަނޑު ގުގުމައިލިއެވެ.

އެވަގުތު ހީވީ އުޑު ފަޅައިގެން ދިޔަހެންނެވެ. ހޯސްލައިފައި ބޯކޮށް ވާރޭ ވެހިގެންފިއެވެ.

"މިވީ ކިހިނެއް؟" ބީސީސީބީގެ ޗެއަރމަން ޕީޓަރ ފޯރޑާ ސުވާލުކުރިއެވެ. "ވާރޭ ނުވެހޭ ގޮތަށް އޮތީ ހަމަޖެހިފައެއްނު؟"

"އަޅުގަނޑު ޢަދްނާނަށް ގުޅައިލާނަން." ފޯރޑްގެ ރާގުގައި އަދިވެސް ހުރީ ފަރުވާކުޑަ ގޮތެކެވެ. "ކަންބޮޑުވާން ޖެހޭ ކަހަލަ ކަމެއް ނެތް. އަޅުގަނޑުމެންނަށް ބޭނުންވާނީ ގަޑިއެއްހައިއިރު."

އޭނާ ޢަދްނާނަށް ގުޅައިލިއެވެ. ޢަދްނާންވެސް ހުރީ ކަންބޮޑުވެފައެވެ. "އަޅުގަނޑުވެސް މި ހުންނަނީ ހައިރާންވެފައި. އަޅުގަނޑުމެންގެ މާހިރުންނަކީ ދޮގު މައުލޫމާތު ދޭނޭ ބައެއް ނޫން. އެމީހުން ލަފާކުރާ ގޮތެއް ނުބައެއް ނުވާނެ."

"ކޮންމެވެސް ގޮތެއް ހައްދަވައިދެއްވާ." ފޯރޑް ބުންޏެވެ. "އަޅުގަނޑުމެންނަށް ގަޑިއެއްހައި އިރު ކުޅެލެވޭ ގޮތް ހައްދަވައި ދެއްވާ."

"ބައިގަޑިއެއްހައި އިރުގެ ތެރޭގައި އަޅުގަނޑު އެބަ ގުޅަން." ޢަދްނާން ބުނެލިއެވެ.

ފޯރޑް ފޯނު ބޭއްވީމާ ޢަދްނާން ގުޅީ ސުލައިމާނާއެވެ. "މިވަނީ ކިހިނެއް؟" ސުލައިމާން ފޯނު ނެގީމާ އޭނާ އަހައިލިއެވެ.

"އަހަރެން މިހިރީ ވަރަށް އުފަލުން. ޓީވީ ބަލަނީ މިހާރުވެސް. މިއީ ޕާކިސްތާން ބަލިވާނޭ މެޗެއް. މިހާރު މިވީ ގޮތުން ހަމަ ގައިމުވެސް ބައްޔެއް ނުވާނެ."

"އެކަމަކު އަހަރެން ލައްވައި ހަރާދުކިޔުއްވީމެއްނު؟"

"އާނ. ކިޔުއްވިން. އެކަމަކު މިހާރު ޝައިޠާނާއަށް ގަންނަ ބަކަށި ބީރުވީކަމަށް ވާނީ."

"ސަމާސާ ނުކުރޭ. އެތައް ލައްކަ ޕައުންޑެއް އަތުން ޚަރަދު ވާނެ."

"އެތައް ކުރޯޑެއް ލިބިއްޖެއެއްނު؟ ލައްކައިން ޚަރަދު ކުރާން ޖެހުމަކީ އެހައި ބޮޑު ކަމެއް ނޫން."

"މި ދައްކަނީ ޚަރަދުގެ ވާާހަކައެއް ނޫން. ކުރިމަގަށް ވިސްނައިލަބަލަ. މިހެން ވާން ވެއްޖެއްޔާ ކުންފުނި ބަނގުރޫޓު ވެދާނެ."

"އާނ... ތިޔައީ ތެދެއް."

"މިހެންވީ ކީއްވެގެންކަން ބަލައިލާން ވާނެއެއްނު؟"

"ތިޔައީ ރަނގަޅު ވާހަކައެއް." ސުލައިމާން ބުންޏެވެ.

ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް އިވުނީ ޢަދްނާންގެ އަޑެވެ. "ސުލައިމާން. ދިމާވާ މައްސަލައެއްގެ ސަބަބުން މި ފޯނު ދެ ސިކުންތުގެ ތެރޭގައި ކެނޑޭނެ. އަހަރެން މި ބާޖުމަރަނީ ކަލެއަށް ޖެހޭނީ އަލުން ގުޅާން."

"އެންމެ ރަނގަޅު. ތިޔަހެން ވެއްޖެއްޔާ އަހަރެން ދިހަހާސް ޕައުންޑު ދޭނަން. ފޯނު ނުކެނޑޭނޭކަން އަހަންނަށް ޔަގީން."

ދެމީހުން ތިބީ ފޯނު ކެނޑޭނޭ ވަގުތެއްގެ އިންތިޒާރުގައެވެ. ނުއެއް ކެނޑުނެވެ. އެކަކު އަނެއްކެއްގެ އަޑު ބަރާބަރަށް އިވެއެވެ. އެންމެ ފަހުން ޢަދްނާން ބުންޏެވެ. "ޝައިޠާނާ ހަތިޔާރު ބެހެއްޓީ ދޯ؟ ކަލޭގެ ފަހަތުން ނައްޓައިލީ ކަމަށް ވާނީ."

"ކަމަށް ވާނީއެއް ނޫން. ޔަގީން. މާ ރަނގަޅެއްނު؟ އަހަރެން ނަޖިހުން ތާހިރުވީނު؟"

"ދެން ވާނީ ކިހިނެއް؟" ޢަދްނާންގެ އަޑުގައި ހުރީ މާޔޫސީގެ އަސަރެވެ.

"އިބިލީހާއެކު ފެށި ހަނީމޫން ދަތުރު ނިމުނީ." ސުލައިމާން ހީނގަތެވެ.

"ތިޔަހައި އުފާވަނީ ކީއްވެގެން؟" ޢަދްނާން އަހައިލިއެވެ.

"މިއީ އުފާ ކުރާންވީ ކަމެއް. މީގެ މާނައަކީ ކޮބައިކަން އެނގޭތަ؟ ޝައިޠާނާ ބަލިވެ ނިމުނީ. އިނދަޖެހުނީ. ގިއްގެޅުނީ. ދުވަސް ދިޔައީ." ސުލައިމާން އަނެއްކާވެސް ހީނގެންފިއެވެ.

"ދެން އަހަރެން ހަދާންވީ ކިހިނެއް؟"

"އަދިވެސް ހަދާންވީ ގޮތެއް ނޭނގޭތަ؟ ފައިސާ ދޭން ޖެހޭ ބަޔަކަށް ދީ. ހުރިހައި ކަމެއް ނިންމައި ކުންފުނިކޮށް ބަންދުކޮށްފައި އެނބުރި ރަށަށް އާދޭ. މިރަށުގައި ރަނގަޅު ވިޔަފާރިއެއް ފަށްޓާނީ."

"އެންމެ ރަނގަޅު." ޢަދްނާން އުފަލާއެކު ބުންޏެވެ.

ޢަދްނާން ފޯނުކުރީމާ ޕީޓަރ ފޯރޑް ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ. "ތިޔައީ ޢަދްނާންގެ ވިސްނުންފުޅު ކޮށިކަން. ގައުމީ އެދުންފުޅު އިސްކުރައްވާ ކަމުގެ ހެކި."

"ނޫން." ޢަދްނާން ތަންކޮޅެއް ހަރުކަށި ރާގަކަށް ބުނެލިއެވެ. "މިއީ އަޅުގަނޑަކީ ޖާދޫގަރެއް ނޫން ކަމުގެ ހެކި. ގުދުރަތުގެ ގާނޫނުގެ ކުރިމަތީގައި ބާރެއް ނުދެއްކޭނޭ ކަމުގެ ހެކި."

"އަޅުގަނޑު ގަބޫލެއް ނުކުރާނަން."

"ގަބޫލު ނުކުރެއްވިޔަސް ކުރާނޭ ކަމެއް ނެތް. މުއާހަދާގައިވާ ގޮތުގެ މަތީން އަޅުގަނޑު ދޭން ޖެހޭ ފައިސާ މިއަދު ދޭނަން."

މެޗު އެއްވަރުވީއެވެ. ސިލްސިލާވެސް އެއްވަރުވީއެވެ. އިނގިރޭސިންނަށް ހިތާމަވެރި ދުވަހެކެވެ.

* * *

ތިން އަހަރު ފާއިތުވެގެން ހިނގައްޖެއެވެ.

މީގެ އެއް އަހަރު ކުރީން ޝާހާނާ ބޭގަމް ނިޔާވެއްޖެއެވެ.

ސުލައިމާނާއި ފަރްޒާނާއާ ދެމަފިރިން ސުލައިމާންގެ ގެއަށް އައިސް ވަޒަންވެރި ވެއްޖެއެވެ. ދެމަފިރިންނަށް ފިރިހެން ދަރިއަކު ލިބިއްޖެއެވެ. ޢަދްނާންވެސް މީހަކާ އިނދެފިއެވެ. އޭނާ ދިރިއުޅެނީ ސުލައިމާންގެ ގެޔާ ޖެހިގެން ހުރި ގެ ގަނެގެން އެ ގޭގައެވެ. އަމިއްލަ އިމްޕޯޓް އެކްސްޕޯޓު ވިޔަފާރިއެއް ހިންގައެވެ. ސުލައިމާންގެ ހުރިހައި ވަގުތެއް ހޭދަކުރަނީ ދަރުމަ ކާގޭގެ ކަންތައްތަކުގައެވެ. ދެ އެކުވެރިން އާއިލާއާއެކު ޝުކުރުވެރިކަމާއި އުފަލާއެކު ދިރިއުޅެމުން ގެންދަނީއެވެ.

އެއްރެޔަކު ދެމީހުން އިޝާ ނަމާދަށް ދާން ނުކުތްއިރު ރިޟްވާން އެމީހުންނާ ދިމާއަށް ހިނގާފައި އަންނާތީ ފެނެއެވެ. އެހައި ކައިރީގައި ދިރިއުޅޭއިރުވެސް ނުފެނި އެތައް މަސްދުވަހެއް ހޭދަވެގެން ދެއެވެ. ހިނގާފައި އަންނަ ގޮތުން އޭނާ ހުރީ މަސްތުވެފައިކަން  އެނގެއެވެ.

އެ ދެމީހުންނާ އަރައި ހަމަވެފައި އޭނާ ހުއްޓިއްޖެއެވެ. އަދި ފުންކޮށް ބަލައިލާފައި ބުންޏެވެ. "އޯހ... ތުނބުޅިވެސް ދިގުކުރީތަ؟ ބެހެރޫޕިޔާއިންގެ ސަރުދާރުން..."

ދެމީހުންވެސް ހުއްޓިއްޖެއެވެ. އެކަމަކު އަނގަޔަކުން ނުބުނެއެވެ.

"އޮނަސައްތަ މީދާ ކައިފައި ބުޅާ ހައްޖަށް ދަނީ ދޯ؟" ރިޟްވާން މަލާމާތް ކޮށްލިއެވެ.

"ﷲ ގެ ރަހުމަތާއި ތެދުމަގު." ސުލައިމާން އުޑާ ދިމާއަށް ބަލައިލާފައި މަޑުމައިތިރިކަމާއެކު ބުނެލިއެވެ. "ހައްޖަކީވެސް ﷲ އިރާދަކުރައްވާ ބަޔަކަށް ލިބޭ ނަސީބެއް. އެކަލާނގެ އިރާދަ ކުރައްވައިފިއްޔާ ނުވަހާސް މީދާ ކެއި ބުޅަލަކަށްވެސް އެ ނަސީބު މިންވަރު ކުރައްވައިފާނެ."

"ކަލޭ ތިޔައީ ކިހިނެއް އުޅުނު ހަރާމީއެއް؟ މިހާރު ހަނދާން ނެތުނީތަ؟" ރިޟްވާން އަނެއްކާވެސް ހަމަލައެއް ފޮނުވައިލިއެވެ.

"ހަނދާން އެބަހުރި. ހަނދާން ނައްތައެއްވެސް ނުލާނަން. އެކަމަކު އިހަށް އުޅުނުގޮތް ކަލޭ ހަނދާނެއް ނެތެއްނު؟"

"ކަލޭ ތިޔަ އުދުހެނީ ޝައިޠާނާ ދިން ފައިސާގެ ވަރައެއްގައި."

"ﷲ އަށް ޝުކުރު ހުރި. އުދުހޭން އުޅުނު އުޅުން ﷲ ބަދަލު ކުރައްވައިފި. ހުރިހައި ނުބައި ކަމަކީ އަހަރެންގެ އަމިއްލަ އިޚްތިޔާރުގައި ކުރި ކަންތައްތަކެއް. ހެޔޮ ކަންތައްތަކަކީ ﷲ ދެއްވާ ތައުފީގު."

"ހުރިހައި ކަމެއް އަހަންނަށް އެނގޭ. މަކަރުވެރި ހިޔަޅު." ރިޟްވާން ބާރަށް ހީނގަތެވެ.

"އެކުވެރިޔާ. ކަލެއަކަށް އެކައްޗެއްވެސް ނޭނގޭ. ހައްތަހާވެސް ޝައްކާއި ވަހުމް."

"އެކުވެރިޔާއޭ ނުކިޔާ. އަހަރެން މިއީ ކަލޭގެ އެކުވެރިއެއް ނޫން."

"ނުކިޔާނަން. އެކަމަކު ކަލެއަށް ހިދާޔަތު ދެއްވާތޯ ދުޢާ ކުރާނަން."

"ދުޢާވެސް ކުރާނެ ކަމެއް ނެތް. ނަގުލީ ޝޭޚު." ރިޟްވާން ހަމައިން ނައްޓައިލާ ކަހަލަ ގޮތެއް ވާން ފަށައިފިއެވެ.

"ހިނގާ ދާން." ސުލައިމާން ޢަދްނާނާ ދިމާއަށް ބުނެލިއެވެ.

ދެމީހުން ކުރިއަށް ހިނގައިގެންފިއެވެ. އެކަމަކު ފުރަގަހުން އަޑެއް އިވިގެން އެނބުރި ބަލައިލިއެވެ. ރިޟްވާން ގުދަށް އޮވެގެން ހޮޑު ލަނީއެވެ.

"ސުފުރާމަތީގައި ބިސްމި ނުކިޔައި އިށީނުމާއެކު ޝައިޠާނާވެސް އިށީންނާނެ. ބިސްމި ކިޔައިފިއްޔާ މަލްޢޫން ހޮޑުލަމުން ދުވެ ފިލައިދާނެ." ޢަދްނާން ބުނެލިއެވެ.

"އެހެން ނުބުނޭ." ސުލައިމާން ބުންޏެވެ. "ރަނގަޅު ކަމުގެ ސަބަބުންވެސް ތިމާއަކީ މާ މޮޅު މާ ބޮޑު މީހެއް ކަމަށް ގަބޫލު ކުރާކަށް ނުވާނެ. އެހެން ހަދައިފިނަމަ އެ މީހަކު ވާނީ ޝައިޠާނާގެ ބައިވެރިއަކަށް. ފަލާޙާއި ސަލާމަތްތެރިކަން އޮތީ ނިކަމެތިކަމުގައި. ކިޔަމަންތެރިކަމުގައި. ހަނދާން ކުރާތި. ﷲ އިރާދަކުރެއްވި މީހަކަށް އިއްޒަތާއި ގަދަރުވެރިކަން ދެއްވާނެ. އިރާދަކުރެއްވި މީހަކު ނިކަމެތި ކުރައްވާނެ. ބާރު ހުންނާނީ ހެޔޮ އަމަލުގައި."

"ރަނގަޅު ވާހަކައެއް."

"އަވަހަށް ހިނގާ. އިސާހިތަކު ގަމަތް ދީފާނެ."

ދެ އެކުވެރިން މިސްކިތާ ދިމާއަށް ހިނގައިގެންފިއެވެ. ރިޟްވާން އަދިވެސް ހޮޑުލަނީއެވެ.

(ނިމުނީ)

Exit mobile version