Aafathis

ހޯމް މިނިސްޓަރ ޢިމްރާނަށް ވަރަށްގިނަ ސިއްރު އެނގިވަޑައިގަންނަވާނެ: ޑރ. ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އަށް ސަރުކާރުގެ ވަރަށްގިނަ ސިއްރުތައް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެ ޓުވީޓު ކުރައްވައިފިއެވެ.

ޑރ. ޖާމީލް ވިދާޅުވެފައިވަނީ މިނިސްޓަރ ޢިމްރާން ވެސް މިސަރުކާރަށް އިތުބާރު ނުކުރައްވާ ކަމަށެވެ. އެގޮތަށް ވިދާޅުވީ ޢަދާލަތު ޕާޓީއަށް ޙައްގުވާ މިންވަރު ސަރުކާރުން ދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ޢިމްރާން ވިދާޅުވެފައިވާތީއެވެ. ޢަދާލަތަށް ޙައްގުވާ މިންވަރު ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެފައިވާ ކަމަށް ވެސް ޢިމްރާން ވަނީ ވިދާޅުވެފައެވެ. އެއީ ޢަދާލަތު ޕާޓީގެ ސޮލޮޓެއްގައި އިންނެވީ ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ މަގާމުން އިސްތިއުފާ ދެއްވުމުން އެމަޤާމު ޢަދާލަތަށް ނިސްބަތްވާ ނުވާ ބޭފުޅަކަށް ދެއްވުމުން ޢިމްރާން ދެއްކެވި ވާހަކަފުޅެކެވެ. އެހެންނަމަވެސް ރައީސް އެކަން އެގޮތަށް ކުރެއްވުމުގެ ކުރީން މަޝްވަރާ ކުރެއްވި ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ މިނިސްޓަރ ޢިމްރާން ސަރުކާރަށް އިތުބާރު ނުކުރައްވާއިރު ކައުންސިލް އިންތިޚާބުގައި ރައްޔިތުން ސަރުކާރަށް އިތުބާރުކުރަންވީ ސަބަބެއް ވެސް ނެތް ކަމަށެވެ.

މިސަރުކާރަށް ހޯމް މިނިސް ޢިމްރާން ޢަބްދުﷲ ވެސް އިތުބާރު ނުކުރައްވާ. މިއީ މަކަރުވެރި ބައެއްކަން ސިފަކުރައްވާއިރު، ކައުންސިލް އިންތިޚާބުގައި ރައްޔިތުން ސަރުކާރަށް އަމުދުން އިތުބަރުކުރަންވީ ސަބަބެއް ނެތް. ހޯމް މިނިސްޓަރަށް ވަރަށްގިނަ ސިއްރު އެނގިވަޑައިގަންނަވާނެ،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

Exit mobile version