Aafathis

ކޮވިޑް-19 އަށް ތައްޔާރު ވުމުގައި މައްސަލަ އޮތީ ހަމައެކަނި ހެލްތު މިނިސްޓަރ ފަޅިން- މެމްބަރ އަފީފް

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް- 19 އަށް ރާއްޖެއޮތީ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި ހަމައެކަނި މައްސަލަ އޮތީ ހެލްތުމިނިސްޓަރ ޢަބްދުﷲ އަމީންގެ ފަޅިންކަމަށް ވިލުފުށީ ދާއިރާގެ މެމްބަރ ޙަސަން އަފީފު ވިދާޅު ވެއްޖެއެވެ. އެނާ މިހެން ވިދާޅުވީ ކޮވިޑް 19 އާގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު  ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ކޮވިޑް- 19 އަށް ރާއްޖެއިން ވަމުންދާ ތައްޔާރީގައި ދަތިކަން ކުރިމަތި ވަނީ ހެލްތު މިނިސްޓްރީން ކަމަށް ފާހަގަކުރެއް ވިއެވެ. މިދަތިކަން ކުރިމަތިވަނީ  ޖޭޕީއަށް ނިސްބަތްވާ ވަޒީރަކަށް ވެފައި ސަރުކާރަށް ޖެއްސުން ކުރަމުން ދާތީ ކަމަށް ވިލުފިށީ ދައިރާގެ މެމްބަރ ފާހަގަ ކުރެއްވިއެވެ. ހެލްތު މިނިސްޓަރ ޢަމަލު ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާ އަންގަވާ ގޮތަށްތޯ ބަލަން ޖެހޭކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

ރާއްޖޭން ކާބޯތަކެތީގެ ސްޓޮކް ނެތް ކަމަށްވިދާޅުވެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއިރު އެ ކަމަށް ވެސް ސަރުކާރުން އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަން  ވިލުފުށީ ދާއިރާގެ މެމްބަރ ފާހަގަކުރެއްވިއެވެ. ކާޑްގެ ބާވަތްތަކަށް ދަތިނުވާނެ ވަރަށް އެސްޓީއޯއިން ތައްޔާރުވެފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ. ރާއްޖޭގައި ކާޑުގެ ބާވަތްތަކުގެ ސްޓޮކް ހުރި މިންވަރާއި އައުމުގެ މަގުމަތީގައިވާ ޝިޕްމަންޓްތަކުގެ ތަފާސް ހިސާބުތައް ވެސް މެމްބަރ އަފީފު ހާމަކުރެއްވިއެވެ.

ސްޓޮކް ކުރެވިފައިވާ ކާޑުގެ ބާވަތްތަކުގެ ތެރޭގައި 58 ހާސް ޓަނުގެ ހަނޑުލާއި 25 ހާސް ޓަނު ހަކުރާއި، 43 ހާސް ޓަނު ފުށް ހުރިކަން ފާހަގަ ކުރެއްވިއެވެ. އަދި އަންނަން ހުރި ޝިޕްމަންޓްތަކުގެ ތެރޭގައި 25 ހާސް ޓަނު ހަޑުލާއި 20 ހާސް ޓަނާއި 15 ހާސް ޓަނުގެ ހަކުރުގެ ދެ ޝިޕްމަންޓަކާއި 10 ހާސް ޓަނާއި 20 ހާސް ޓަނުގެ ފުށުގެ ދެ ޝިޕް މެންޓެއް  ރާއްޖެއަށް އައުމުގެ މަގުމަތީގައިވާކަމަށް ވިލުފުށީ ދާއިރާގެ މެމްބަރ ވިދާޅުވިއެވެ.

Exit mobile version