Aafathis

މިނިސްޓަރު އިމްރާނަށް 15 ސުވާލު، މެމްބަރުންގެ ޒުވާބުތަކާއި ނިޒާމީ ނުކުތާތަކާހުރެ ޖަވާބު ދެއްވުނީ އެންމެ 3 ސުވާލަށް!

ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތީ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙަންމަދު ނިހާދު މިނިސްޓަރަށް ކުރައްވާ ސުވާލަށް ޖަވާބު ދެއްވާށެވެ. އެ ސުވާލަކީ އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން އައްޑޫގައި ގާއިމް ކުރަން ފަށާފައިވާ ޕޮލިސް އެކަޑަމީއާއި ގުޅޭ ގޮތުން ކުރައްވާ ސުވާލެކެވެ.

ނަމަވެސް މަޖިލީހުގެ ތަޅުމުގެ މަންޒަރު މަޑުމަޑުން ބަދަލު ވާންފެށީ، މިނިސްޓަރަށް އޮތް ރަސްމީ ސުވާލަށްފަހު އެ ސުވާލާއި ގުޅުމެއްނެތް ސުވާލުތައް މެމްބަރުން ކުރައްވަން ފެއްޓެވި ހިސާބުންނެވެ. ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަތާއި، ށ. މާއުނދޫއަށް ބަޔަކު އަރައި އެރަށުގެ ފާރުތަކުގައި އައިސިސްގެ ދިދަ ކުރެހި މައްސަލައާއި، ގުޅޭ ސުވާލެއް ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފު ކުރެއްވި ހިސާބުން މިނިސްޓަރު ޖަވާބު ދެއްވަން ފެއްޓެވިތަނާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. ނިޒާމީ ނުކުތާގެ އޮއިވަރާއި ޒުވާބުތައް ފެށުނު ހިސާބަކީ އެއީއެވެ.

ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ މެމްބަރަކު ކުރެއްވި ސުވާލަށް މިނިސްޓަރ އިމްރާން ޖަވާބު ދެއްވަމުން "ތިމަންނާއަކަށް ނޭނގެއޭ، އެއީ ތިމަންނާއާ ބެހޭކަމެއްނޫނޭ" ވިދާޅުވި ކަމަށާއި އެހެންވެ ނިޒާމީ މައްސަލައަކަށް އެކަންވާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ރިޔާސަތުން ވިދާޅުވީ ޖާބިރު ފާހަގަ ކުރެއްވި ޖަވާބާއި ގުޅޭ ސުވާލަށް މިނިސްޓަރު އަދި ޖަވާބު ދެއްވަން ނުވެސް ފައްޓަވާ ކަމަށެވެ.

ނަމަވެސް ޖާބިރު އިށީނދެވަޑައިގަތުމަށް ފަހު ދެންވެސް ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ. ޖާބިރު އަޑުގަދަ ކުރެއްވުން ހުއްޓާނުލެއްވުމުން ދެން ފެނުނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ޖާބިރަށް ރައްދު ދެއްވަމުން ކުއްލިއަކަށް ޖާބިރުގެ ގޮނޑިކޮޅު ކައިރިއަށް ދުވެވަޑައިގެންގޮސް ހުއްޓި ލެއްވި މަންޒަރެވެ. އެއާއެކު ދެބޭފުޅުންގެ ޒުވާބު ހޫނުވެ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ މޫނުގައި ޖެހޭ ވަރަށް އަތް އުއްކަވައި ޒުވާބު ކުރައްވަން ފެއްޓެވިއެވެ.

ޝަރީފު ދުވެވަޑައިގެން ގޮސް ޖާބިރުގެ މޫނާ ވަރަށް ކައިރިއަށް އަތް ހޫރާލެއްވި މަންޒަރު ފެނުނެވެ. އެއާއެކު ޖާބިރުގެ މޫނުގައި ޝަރީފު ޖެއްސެވި ކަމުގެ ޝަކުވާ ރިޔާސަތަށް ކުރެއްވިއެވެ. ނަމަވެސް ރިޔާސަތުން މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ ޖާބިރުގެ މޫނުމަތީގައި ޝަރީފު ޖެއްސެވި މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށާއި، އެމަނިކުފާނުވެސް އިންނެވީ އެ މަންޒަރު ފެންނަހާ ކައިރީގައި ކަމަށެވެ. ޝަރީފު ހުންނެވީ "ދެންޖަހާ ބަލާށޭ" ބުނާ ހިސާބުގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެހެންވެ އެކަމުގައި "އެއްވެސް ނުރައްކަލެއް ނެތްކަން ވަރަށް ބޮޑަށް ސާފުވި" ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެހިސާބުން ޝަރީފުގެ ގޮނޑިކޮޅަށް އެނބުރިވަޑައިގެންނެވިއެވެ. އަދި ޖާބިރުވެސް އަޑުގަދަ ކުރެއްވުން އެހިސާބުން ހުއްޓާލެއްވިއެވެ.

އެއަށްފަހުވެސް ބަޔެއް މެމްބަރުންގެ ސުވާލު އަމާޒު ވަމުން ދިޔައީ ހަރުކަށި ފިކުރުގެ މީހުންނާއެވެ. ރަސްމީ ސުވާލާއި، އެ ސުވާލާއި ގުޅޭ ސުވާލުތަކަށް މެމްބަރުންގެ ސަމާލުކަމެއް ނެތެވެ. ޑރ އަފްރާޝީމްގެ މަރުގެ ރިޕޯޓާއި، މާއުނގޫދޫއަށް ބަޔަކު އަރައި އައިސިސްގެ ދިދަ ކުރެހުމާއި، ލަނޑާ ނަގާ ދޯންޏެއްގައި ހަރުކަށި ފިކުރުގެ މީހުންގެ މެދުގައި ހިނގައިދިޔަ ޒުވާބެއްގައި އެކަކަކު ބައިއަތު ނުހިފުމުން އޭނާއަށް ވަޅިން ހަމަލާދީ މޫދަށް އެއްލާލި މައްސަލައާއި، 13 އަހަރުގެ އަންހެން ކުއްޖަކާއި "ކައިވެނި ކޮށްގެން" ކަމަށްބުނާ މައްސަލައާއި ގުޅޭ ސުވާލުތައް މެމްބަރުން ކުރައްވަން ފެއްޓެވިއެވެ.

މިއަދު މަޖިލީހުގައި މިނިސްޓަރާ ކުރަން އޮތް ރަސްމީ ސުވާލާ ގުޅުމެއް ނެތް ސުވާލުތަކެއް މެމްބަރުން ކުރައްވަން ފެއްޓެވި ނަމަވެސް އެކަމާމެދު ޝަކުވާ ނުކުރައްވައި، އެ ސުވާލުތަކަށް ޖަވާބު ދެއްވޭތޯ މިނިސްޓަރު މަސައްކަތް ކުރެއްވިތަން ފެނިގެން ދިޔައެވެ. އަދި ސުވާލާއި ގުޅުން ނެތް ސުވާލުތަކެއް ނަމަވެސް އެ ސުވާލުތައް ކުރެއްވުމުގެ ފުރުޞަތު ރިޔާސަތުން ދެއްވައި، އެ ސުވާލުތަކަށް ޖަވާބު ހޯއްދަވަން މަޖިލީހުގެ ރިޔާސަތުންވެސް މިނިސްޓަރަށް ބާރު އަޅުއްވަމުން ގެންދެވިއެވެ. ދެން ފެނުނީ މެމްބަރުން ފުލުފުލުގައި ނިޒާމީ ނުކުތާ ނަންގަވައި، ނިޒާމީ ނުކުތާގެ ތެރެއިން މެމްބަރުންގެ ބައިވަރު ސުވާލުތަކެއް މިނިސްޓަރަށް އޮއްސާލެއްވި ތަނެވެ.

ނިޒާމީ ނުކުތާ ނަންގަވައި، މެމްބަރުން ނިޒާމީ ނުކުތާއެއް ފާހަގަ ނުކުރައްވައި، ނިޒާމީ ނުކުތާއަކީ ސުވާލު ކުރައްވަން މެމްބަރުން ހޯއްދަވާ ފުރުޞަތަކަށް ހައްދަވަން ފެއްޓެވެމުން އެކަން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ނިޒާމީ ނުކުތާއެއް ނަންގަވައި، ވިދާޅުވީ ނިޒާމީ ނުކުތާ ނަންގަވައި މެމްބަރުން ސުވާލު ކުރައްވަން ފުރުޞަތު ދެއްވުމުން، ސުވާލު ކުރެއްވުމަށް ރަސްމީކޮށް އެދިވަޑައިގެންފައި ތިއްބެވި މެމްބަރުންގެ ފުރުޞަތު ގެއްލެމުންގޮސް އެ މެމްބަރުން އެ ލިސްޓުގެ އެންމެ ފަހަތަށް ޖެހިގެންދާ ކަމަށެވެ.

އެކަމާ ޝަރީފު ޝަކުވާ ކުރެއްވުމުން މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ ޝަރީފުގެ ވާހަކަފުޅަކީ ނިޒާމީ މައްސަލައެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. ނަމަވެސް ނިޒާމީ ނުކުތާ ނެންގެވުން މަދު ކުރެއްވުމަށް ރިޔާސަތުން އެދިވަޑައިގަތެވެ. ދެ މެމްބަރުންގެ ދެމެދުން ރިޔާސަތަށް ލިބިވަޑައިގަންނަވާ ފުރުޞަތުގައި ރިޔާސަތުންވެސް މިނިސްޓަރަށް ސުވާލު އަމާޒު ކުރައްވަމުން ގެންދެވިއެވެ. ބަޔެއް މެމްބަރުން ނިޒާމީ ނުކުތާގެ ތެރެއިން ކުރެއްވި ސުވާލު ތަކަށްފަހު މިނިސްޓަރު ޖަވާބު ދެއްވުމުގެ ކުރިން ރިޔާސަތުން އެކަމާ ވާހަކަފުޅު ދައްކަވައި، މިނިސްޓަރަށް ޖަވާބު ދެއްވަން ފުރުޞަތު ނުލިބެނީސް ބަޔެއް މެމްބަރުން އަނެއްކާވެސް ނިޒާމީ ނުކުތާ ނަންގެވުމުން ރިޔާސަތުން ފުރުޞަތު ދެއްވައި، ނިޒާމީ ނުކުތާގެ ތެރެއިން އިތުރު ސުވާލުތައް ފުނި ޖެހެން ފެށިއެވެ.

ދެން މެމްބަރުން ޝަކުވާ ކުރައްވަން ފެއްޓެވީ އެ މެމްބަރުން ބައިވަރު ސުވާލު ކުރެއްވުމުންވެސް މިނިސްޓަރު ޖަވާބު ނުދެއްވާކަމުގެ ޝަކުވާއެވެ. އެ ޝަކުވާތަކަށް މިނިސްޓަރު ވިދާޅުވީ މެމްބަރުން އެ ކުރެއްވި ސުވާލު ތަކަށް ޖަބާވު ދެއްވަން އެމަނިކުފާނަށް ފުރުޞަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. ފުރުޞަތު ލިބުނު ނަމަ ޖަވާބު ނުދެއްވަންވީ ސަބަބެއްވެސް ނެތް ކަމަށެވެ. ދެންވެސް މިނިސްޓަރު ޖަވާބު ދެއްވަން ފައްޓަވައި، ޖަވާބު ފުރިހައަށް ނުދެއްވެނީސް އަނެއްކާވެސް ނިޒާމީ ނުކުތާތައް ނަންގަވާ މަންޒަރު ފެނިގެން ދިޔައެވެ.

މިނިސްޓަރު ޖަވާބު ދެއްވަނިކޮށްވެސް ނިޒާމީ ނުކުތާތައް މެމްބަރުން ނަންގަވައި، ނިޒާމީ ނުކުތާތަކުގެ ތެރެއިން ސުވާލުތައް ގިނަވާން ފެށުމުން މިނިސްޓަރަށް ޖަވާބު ދެއްވަން އުދަނގޫފުޅުވެގެން ރިޔާސަތަށް ޝަކުވާ ދެންނެވިއެވެ. ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙަންމަދު ނަޝީދުގެ ސުވާލު ތަކެއް މިނިސްޓަރަށް އަމާޒު ކުރެއްވުމުން ތެދުވެވަޑައިގެން މިނިސްޓަރު ވިދާޅުވީ ޖަވާބު ދެއްވަންވީ ކޮން ސުވާލު ތަކަކަށްކަން އޮޅޭ ހިސާބަށް ކަންކަން ހިނގައްޖެ ކަމަށެވެ.

މިނިސްޓަރު އެހެން ވިދާޅުވުމާއެކު ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމަށް ރިޔާސަތުން ފުރުޞަތު ދެއްވުމާއެކު ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ. އަދި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ޒުވާބު ކުރައްވަމުން ގެންދެވިއެވެ. އެހިސާބުން ޖާބިރުވެސް ތެދުވެވަޑައިގެން ނޮޅިވަރަމް ދާއިރާގެ މެމްބަރާ ޒުވާބު ފެއްޓެވިއެވެ. ޖާބިރާއި ނަޝީދު ގޮނޑިން ތެދުވެވަޑައިގެން އަތް އުއްކަވައި ގަދައަށް ޒުވާބު ކުރައްވަމުން ދަނިކޮށް ނިޒާމީ ނުކުތާއެއްގެ ތެރެއިން ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމް (ދޮންބިލެތް) ނޮޅިވަރަމް ދާއިރާގެ މެމްބަރަށް ބަހުގެ ހަމާލާތައް ދެއްވުމުން އިތުރަށް ހޫނުވެ ޒުވާބު ގަދަ ވެގެން ދިޔައެވެ.

މިނިސްޓަރަށް މިއަދު އޮތް ވަގުތު ހަމަވަނިކޮށް އެންމެ ފަހު ފުރުޞަތުގެ ގޮތުގައި ނައިފަރު ދާއިރާގެ މެމްބަރަށް ދެއްވި ފުރުޞަތުގައި ދެތިން ސުވާލު ކުރެއްވުމުން ޖަވާބު ދެއްވަން ތެދުވެވަޑައިގެން މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާނީ މިއަދު ރަސްމީކޮށް ކުރައްވާފައި އޮތް ސުވާލާއި، އެ ސުވާލާއި ގުޅިގެން މެމްބަރުން ކުރައްވާ ސުވާލު ތަކަށް އެކަނި ކަމަށެވެ.

"އެހެން ނަމަވެސް ތިޔަބޭފުޅުން ކުރެއްވި ސުވާލު ތަކަށް އަޅުގަނޑު އިސްތިސްނާއެއް ނެތި ޖަވާބު ދެވޭތޯ މަސައްކަތް ކުރަމުން މިގެންދިޔައީ. މިކަންކަން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިޔަބޭފުޅުންނާ އަޅުގަނޑާ ހަމަ އެއްގޮތަކަށް ޙިއްސާ ކުރާތީ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ކުރެއްވި ރަސްމީ ސުވާލާއި ގުޅުން ނެތް ސުވާލު ތަކެއް މެމްބަރުން ކުރެއްވި ނަމަވެސް ޖަވާބު ދެއްވޭތޯ މަސައްކަތް ކުރެއްވީ ގައުމުގެ ކަންކަން ރަނގަޅު ކުރުމުގައި މެމްބަރުންނާ އެއްވިސްނުމެއް ހުންނެވުމުން ކަމަށެވެ.

"އަޅުގަނޑަށް ބަޔެއް ސުވާލު ތަކަށް ޖަވާބު ނުދެވުނު ކަމަށްވެސް މި ދެންނެވީ އެއްބޭފުޅަކު ހަތަރު ސުވާލު ކުރެއްވީމަ، އަޅުގަނޑަށް އެއް ސުވާލަށް ޖަވާބު ދެވުނުއިރަށް ނިޒާމީ ނުކުތާ ނެގީމަ އޮޅިގެން ބޮޅިގެން ގޮސް، އަނެއްކާ ދެވަނަ ބޭފުޅާ ކުރެއްވި ސުވާލު ކުރެއްވި ހަތަރު ސުވާލަށް އަނެއްކާ ފުރުޞަތު ދެވި، އޭގެފަހުން އައި ބޭފުޅާއަށް ތިން ސުވާލު ކުރުމަށް ފުރުޞަތުދެވި، ހުރިހާ އެއްޗެއް ނޯޓު ކުރެވި، އެންމެ ފަހުން ކުރެވުނު 15 ސުވާލުގެ ތެރެއިން އަޅުގަނޑަށް ޖަވާބު ދެވުނީ އަދި 3 ސުވާލަށް" މަޖިލީހުގައި މިއަދު ލިބިވަޑައިގެންނެވި ވަގުތު ހަމަވަނިކޮށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެހެން ވިދާޅުވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ ވަރަށް ފުރިހަމައަށް ވަޒީރު ޖަވާބު ދެއްވައިފި ކަމަށެވެ. އެކަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

Exit mobile version