Aafathis

ރައީސް ނަޝީދަކީ ދޮގު ހައްދަވާ ބޭފުޅެއްނޫން: ޝައިޚް ޙުސައިން ރަޝީދު

ރައީސް ނަޝީދާއި، ޙުސައިން ރަޝީދު އަޙުމަދު: ފޮޓޯ ފެބީ

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ނޫންކަމަށް އައްޝައިޚް ޙުސައިން ރަޝީދު އަޙުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާ ގާތް ގުޅުމެއް އޮންނަ ޙުސައިން ރަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު އިސްލާމްދީނުގެ ވާހަކަ ވެސް ދައްކަވަނީ އޮޅުވާލައްވައިގެން ނޫންކަމަށެވެ. އެމަނިކުފާނު އިރުޝާދު ދެއްވަނީ އެންމެވެސް ހެޔޮ ނަސޭހަތުގައި ހިފުމަށް ކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.

"ރައީސް ނަޝީދަކީ ދޮގު ހައްދަވާ ބޭފުޅެއްނޫން. އިސްލާމްދީނުގެ ވާހަކަ ދައްކާނީ އޮޅުވާލައްވައިގެނެއްނޫން. ތިޔަ ބޭފުޅުން ހެޔޮނަސޭހަތުގައި ހިއްޕަވަން އިރުޝާދު އެދެއްވަނީ. ހެޔޮ ނަސޭހަތާއި އަލުން އިސްލާމްދީނަށް ވެއްދުމާ ވަރަށް ތަފާތު. އޮޅުވާ ނުލައްވާ،" ޝައިޚް ޙުސައިން ރަޝީދު ވިދާޅުވެފައިވެއެވެ.

މިފަދަ ޓުވީޓެއް އޭނާ މިކުރެއްވީ މިދުވަސްވަރު ޑރ. އިޔާޒު ފަދަ ބޭފުޅުން ކުރައްވަމުން ގެންދަވާ ޓުވީޓުތަކާއި ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ރިޢާޔަތް ކުރައްވައި ކަމަށް ބެލެއެވެ.

ޑރ. އިޔާޒުވަނީ ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ "މުޑުދާރު ޢަމަލު" މާތްﷲ އިތުރަށް ބޭޒާރު ނުކުރައްވަނީސް ތައުބާވުމަށް ގޮވާލައްވައި ޓުވީޓެއް ކުރައްވައިފައެވެ. އަދި އެމަނިކުފާނު ތައުބާވުމަށް ވެސް ވަނީ ގޮވައިލައްވައިފައެވެ.

މިމަހު 23 ވަނަ ދުވަހުގެރޭ ލ. ގަމު ތުނޑީ އަވަށަށް ވަޑައިގެން އެއަވަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދިވެހީން އިސްލާމްދީން މަތީގައި ތިބޭތާ މިހާރު 800 އަހަރަށް ގިނަވެއްޖެ ކަމަށެވެ. އެހެން ކަމުން އެހެން މީހަކު އައިސް އިސްލާމްދީނަށް ދަޢުވަތު ދޭންޖެހޭ ސަބަބެއް ނުވިސްނޭކަމަށެވެ.

"އަޅުގަނޑުމެން އިސްލާމްދީން މަތީގައި މިރާއްޖޭގައި ތިބޭތާ އަށްސަތޭކަ އަހަރަށްވުރެ ގިނަ އަހަރު ވެއްޖެ. ދެން އަޅުގަނޑު މި އިންނަންވީ އެހެން މީހަކު އައިސް އަޅުގަނޑަށް އިސްލާމްދީނަށް ދަޢުވަތު ދެންދެކަށް؟" ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވަންތޯ އަޅުގަނޑަކީ ގަލޮޅު ކެނެރީގޭ މުޙައްމަދު ނަޝީދު ކިޔާމީހެއް. އަޅުގަނޑުގެ ބައްޕައަކީ ކެނެރީ ޢަބްދުއްސައްތާރު. ހެންވޭރު ކަޅުބެ ޢަބްދުއްލަތީފުގެ ދަރިއެއް (ޑރ. މުޙައްމަދު އިޔާޒު)އައިސް އަޅުގަނޑަށް އަނެއްކާ އިސްލާމްދީނަށް ދަޢުވަތުދޭންޖެހޭ ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވުމުން ޑރ. އިޔާޒު ވިދާޅުވެފައިވަނީ ރައީސް ނަޝީދު ކިތަންމެ ކޯފާވެ ވަޑައިގެންނެވިޔަސް ﷲ ދީން މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގައި ފަހުނޭވާއަށް ދާނދެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުންނެވީ އިސްލާމްދީން މަތީގައި ކަމަށެވެ. ރާއްޖެއަކީ ސަތޭކައިންސަތޭކަ އިސްލާމީ ޤައުމެއް ކަމަށާއި އިތުރު މީހަކު އައިސް އިސްލާމްދީނަށް ދަޢުވަތު ދޭންޖެހޭ ތަނެއް ނެތްކަމަށެވެ.

މަޝްހޫރު ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެފައިވަނީ މާﷲ ވަނީ އިސްލާމްދީން ފުރިހަމަ ކުރައްވާފައި ކަމަށެވެ. އެހެންނަމަވެސް ދީނުގައި އައިސްފައިވާ ކަންތައްތައް އެކަކު އަނެކަމަށް ހަނދާންކޮށްދިނުމަކީ މުއުމިނުންނަށް ލާބަޔާއި މަންފާ ކުރާނެ ކަމަކަށްވާތީ ﷲ ވަނީ ހަނދާންކޮށްދިނުމަށް އަމުރު ކުރައްވާފައި ކަމަށެވެ. "ވީމާ ބަޔަކު ކިތަންމެ ނުރުހުނަސް އެކަން ހުއްޓައެއް ނުލެވޭނެ! އިންޝާﷲ،" އިލްޔާސް ވިދާޅުވެފައިވެއެވެ.

Exit mobile version