ޤާނޫނީ ވަކީލަކަށްވުމަށް ބާ އިމްތިހާނާއި އެއް އަހަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ޤާނޫނީ ވަކީލްކަމުގެ ހުއްދަ ދިނުމާބެހޭ ޤަވާއިދުގައި ކަނޑައަޅައިފިއެވެ. އެ ޤަވާއިދު އިއްޔެ ވަނީ ސަރުކާރު ގެޒެޓްގައި ސާއިޢުކުރައްވައިފައެވެ.
ޤާނޫނީ ވަކީލްކަމުގެ ހުއްދަ ދެވޭނެ ޝަރުތަކުގެ ތެރޭގައި ހިމެނޭ އިތުރު ކަނަތައްތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއެކު ބުއްދި ސަލާމަތުން ހުރި ޢުމުރުން 21 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި ބާކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއަގައި ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ޙާޞިލްކޮށްފައިވާ މީހެއްކަމުގައި ވާންޖެހެއެވެ. ވޭތުވެދިޔަ ފަސް އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށްވެގެނެއް ނުވުވާނެއެވެ. އަދި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައިވާނަމަ، ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންދާ މީހަކަށް ވާނާޖެހޭނެއެވެ.
ޤާނޫނީ ވަކީލްކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން ބާއިމްތިޙާނާއި އެއް އަހަރުދުވަހުގެ ތަމްރީން ފުރިހަމަ ކުރަންޖެހޭނެކަމަށް ޤަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ. ބާއިމްތިޙާނުގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ކަމަށް ޤަވާއީދުގައި ވަނީ ކަނޑައަޅައިފައެވެ. ކޮންމެ އަހަރަކު މަދުވެގެން އެއް ބާ އިމްތިޙާނު ބާއްވަން ޖެހޭނެކަމަށް ޤާނޫނުގައި ބުނެއެވެ. އަދި އިމްތިޙާނު ބާއްވާ ދުވަހުގެ 90 ދުވަސް ކުރިން އެގްޒެކެޓިވް ކޮމެޓީން އާއްމުކޮށް އެކަން އިޢުލާންކުރަންޖެހޭނެކަމަށް ވެސް ޤަވާއިދުގައި ކަނޑައަޅައިފައި ވެއެވެ.
ތަމްރީން ފުރިހަމަ ކުރަންޖެހެނީ ބާކައުންސިލުން ހުއްދަކުރާ ތަންތަނުގައި ޤަވާއިދުގައި ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާ ސްޕަވައިޒަރުންގެ ބެލުމުގެ ދަށުންނެވެ. ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހުށަހަޅަން ޖެހެނީ ކަނޑައެޅިފައިވާ ފޯމަކުން ބާކައުންސިލަށެވެ.
ތަމްރީން ޕްރޮގްރާމް ފުރިހަމަކުރެވޭނެ ތަންތަނުގެ ތެރޭގައި އެޓާނީޖެނެރަލް އޮފީހާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި ޤަވާއިދުގައި ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާ ލީގަލް ޕްރެކްޓިސްތަކާއި ލޯފާރމްތަކާއި އަދި ސްޕަވައިޒަރަކު ފުލްޓައިމްކޮށް ޤާނޫނީ މަސައްކަތްކުރާ ކޮންމެ ތަނެއް ހިމެނެއެވެ. ތަމްރީނުދޭ ތަންތަނާއި ސްޕްވައިޒަރުގެ ހުންނަންޖެހޭ ޝަރުތުތައްވެސް ޤަވާއިދުގައި ވަނީ ކަނޑައޅައިފައެވެ. ސްޕަވައިޒަރަކަށް ވެވޭނި ޤަނޫނީ ވަކީލްކަމުގެ ފަސް އަހަރުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
ސްޕްވައިޒަރުގެ ޒިންމާތައް ވެސް ޤަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ. ޒިންމާތަކުގެ ތެރޭގައި ކެންޑިޑޭޓުންގެ ޙާޟިރީ ބަލައި ކުރާ މަސައްކަތުގެ ރެކޯރޑް ޤަވާޢޤިދުން ބެލެހެއްޓުން ހިމެނެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ މުއްދަތުގައި ތިންމަހުން އެއް ފަހަރު، ބާކައުންސިލުން ކަނޑައަޅައިފައިވާ ނަމޫނާއާ އެއްގޮތަށް، ޕްރޮގްރެސިވް ރިޕޯރޓެއް ހުށަހަޅަންޖެހޭނެއެވެ. އަދި ތަމްރީނު ފުރިހަމަ ކުރިގޮތުގެ ރިޕޯރޓެއްވެސް ހުށަހަޅަން ޖެހޭނެއެވެ.
ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދިހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ އިޖްރާތު ތަކެއްވެސް ޤަޢިދުގައި ވަނީ ކަނޑައަޅައިފައެވެ. އަދި ޤާނޫނީ ވަކީލްކަމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ފަހު 30 ދުވަހުގެ ތެރޭގައި އެފަރާތަކަށް އެކަން އަންގަން ޖެހޭނެކަމަށްވެސް ޤަވާޢިދުގައި ވަނީ ކަނޑައަޅައިފައެވެ. އިސްތިއުނާފް ކުރުމަށް 30 ދުވަހުގެ މުއްދަތެއް ޤަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ. އިސްތިޢުނާފްކުރަން ހުށަހަޅަން ޖެހޭނީ އެޕީލް ކޮމެޓީއަށެވެ.