މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) އިން 2015 ވަނަ އަހަރު، "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެފައިވާ މައްސަލާގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ޓުވިޓަރ އެކަންއުންޓު މެދުވެރިކޮށް ހާމަކުރައްވާފައިވާ ކުރު ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ބަޔާން ކުރައްވާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރަކީ ވެސް އިސްލާމްދީން ކަމުގައި ބަޔާންކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެހެން ކަމުން މާތްވެގެންވާ އިސްލާމްދީނުގެ ތަރަޙައިގެ ތެރޭގައި ވެރިކަން ހިންގައި އެދީން ޙިމާޔަތް ކުރުމަކީ ދިވެހިރާއްޖޭގެ އެންމެ މަތީވެރިޔާގެ ޙައިސިއްޔަތުން އެމަނިކުފާނާ ޤާނޫނު ޢަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. "އެހެން ކަމުގެ އަޅުގަނޑުގެ އެންމެ އިސްވާޖިބަކީ މިމަތިވެރި ޒިންމާ އަދާކުރުންމަތީ ދެމިހުރުމެވެ."
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްމްދީނާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ތައުހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވާ ކަމަށާއި އެއ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. "އެހެން ކަމުން މިމައްސަލަބަލައި ދިވެހި މުޖުތަމަޢުގައި ޤާއިމްވެފައި މިއޮތް ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑު އަޅަމުން ގެންދާނަމެވެ."
ހަމައެއާއެކު ދީނީ ޝިޢާރުފާޅު ކުރުމުގައާއި ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ ޢަސާސީ ޙައްޤުތަކުގެ ބޭނުން ހިފުމުގައި މުޅިމުޖުތަމަޢުގެ މަސްލަޙަތު އިސްކޮށް އިސްލާމްދީނުގެ މަތިވެރިއަސާސްތަކާ ޚިލާފު ނުވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.