Aafathis

އިތުރު ދެ މަޝްރޫޢަކަށް އިންޑިއާއިން އެހީދީފި

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު

މާލޭ ސިޓީ ކައުންސިލްއަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ގަތުމަށް 8 މިލިއަން ދިވެހި ރުފިޔާ ކަނޑައަޅުއްވައިފި ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއްޖެއެވެ. ޚާރިޖިއްޔާއިން ވިދާޅުވެފައިވަނީ އެފައިސާއަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިއަން ރުފިޔާގެ އެހީގެ ދަށުން ހަމަޖެއްސި ބަޖެޓެއް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލަށް މެޝިނަރީއާއި ވެހިކަލް ގަތުމަށް މި ދިން އެހީގެ ސަބަބުން ކައުންސިލްގެ ޤާބިލްކަން އިތުރުވެ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، މާލެ ސިޓީގެ ތަރައްޤީއަށް މަޝްރޫޢުތައް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށް ޚާރިޖިއްޔާއިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރަށް އެ އެހީގެ ދަށުން ށ.ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް ވަނީ 5 މިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. މި މަޝްރޫޢުގެ ދަށުން ހަދާ ކޮމިއުނިޓީ ސެންޓަރުގައި، ފޯކައިދޫގެ ރައްޔިތުންނާއި އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ތަފާތު އިޖްތިމާޢީ ހަރަކާތްތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފައިވެއެވެ. އެގޮތުން ޒުވާނުންގެ ކުރިއެރުމަށް ހިންގޭ ހަރަކާތްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރީ މަސައްކަތްތައް ވެސް އެތާގައި ކުރެވިގެންދާނެއެވެ. އަދި ކުތުބުޚާނާގެ ޚިދުމަތާއި އަތޮޅު ފެންވަރުގައި ބާއްވާ ވާރްކްޝޮޕްތަކާއި ރީޖަނަލް ސެމިނަރ އަދި އެކި ބައްދަލުވުންތައް ބޭއްވުމަށްވެސް އެ ސެންޓަރު ބޭނުން ކުރެވޭނެއެވެ.

އެކި އުމުރުފުރައިގެ މީހުންނަށް މިފަދަ އިޖްތިމާޢީ ހަރަކާތްތައް ހިންގުމަށް ބޭނުންކުރާނެ ތަނެއް އެ ރަށުގައި ނެތެވެ.

އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވަނީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

 

Exit mobile version