ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް އައްޑޫގައި ގާއިމުކުރުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގެ ފަރާތުން އައްޑޫގައި ގާއިމުކުރާ ސަރަހައްދީ ފެންވަރުގެ މި ފެސިލިޓީގެ ގާއިމް ކުރުމަށް އެއްބަސްވެފައިވަނީ ކޮރެއާގެ ކުންފުންޏެއް ކަމަށްވާ "ލޮޓަސް – ކުންވާ ޖޮއިންޓް ވެންޗަރ" އެކުގައެވެ.
އެކުންފުންޏާއި އެންވަޔަރަމަންޓު މިނިސްޓްރީއާ ދެމެދު މިއެއްބަސްވުމުގައި ސޮއިކުރައްވައިފައިވަނީ އައްޑޫސިޓީ ނޭޗަރ ޕާރކުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ހަސަނެވެ.
މި ފެސިލިޓީ ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގައެވެ. މިއެއްބަސްވުމުގެ ދަށުން ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލްކުރުމުގެ މަސައްކަތް ލޮޓަސް ކުންވާ ޖޮއިންޓް ވެންޗަރ ކުރާނެއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޙުސައިން ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން އައްޑޫސިޓީ އަދި ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ކުނިން މަންފާ ހޯދޭނެކަން ސާބިތުކޮށްދޭނެ ކަމަށާއި އެއީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އައްޑޫސިޓީއާއި ފުވައްމުލަކުސިޓީ ހިމެނޭ ގޮތަށް ދެކުނުގެ ސަރަހައްދުގައި އުފެދޭ ކުނި މެނޭޖްކުރުމަށް ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އަކީ ސަރުކާރުން ނަގާ ގްރީން ޓެކްސް ފަންޑުން ހިންގާ ފުރަތަމަ ޕްރޮޖެކްޓެވެ. މިފެސިލިޓީގައި ވޭސްޓް ޓު އެނަރޖީ ޕްލާންޓެއްވެސް ހިމެނެއެވެ. މިޕްލާންޓަކީ އިންސިނިރޭޓަރަކާއި ވޭސްޓް ހީޓް ބޮއިލަރ ގެ އިތުރުން ސްޓީމް ޓަރބައިން އަކާއި އަދިވެސް އިތުރުބައެއް ބައިތައް ހިމެނޭ ގޮތަށް ތައްޔާރުކުރެވޭ ޕްލާންޓެކެވެ.