Aafathis

އެމްޓީސީސީ އޮފީސް ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގައިފި

އެމްޓީސީސީގެ ޓަވަރުގައި ހުންނަ އެ ކުންފުނީގެ އޮފީސް ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާތައް ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 8:18 އެހައިކަންހާ އިރު ކަމަށެވެ.

އެ އޮފީސް ފަޅާލައި ނަގައިފައިވާ ފައިސާގެ ޖުމްލަ ޢަދަދު އަދި ކަށަވަރު ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެ ފައިސާގެ ޢަދަދު އަށްޑިހަ ހާހަށްވުރެ ގިނަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ތަޙުޤީގު ކުރައްވަމުންނެވެ.

ފުލުހުން ތަޙުޤީގު ކުރައްވަމުން ގެންދަވާ މައްސަލައަކަށްވާތީ އެކަމާބެހޭ އިތު މަޢުލޫމާތު އެމްޓީސީސީއަކުން ވެސް ނުދެއްވައެވެ. އެ އޮފީސް ފަޅާއި ފައިސާ ނެގި ޙާދިސާގައި އޮފީހަށް ލިބިފައިވާ ގެއްލުމާ ބެހޭ މަޢުލޫމާތު ވެސް ފުލުހުން ނުދެއްވައެވެ.

"އެ ހުރިހާ ކަމެއް ތަޙުޤީގުގައި ފުލުހުން ބަލާނެ. މިހާރު އިތުރު މަޢުލޫމާތު ދެވޭކަށް ނެތް،" ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.

މި ފަހަރަކަށް އައިސް ވައްކަމާއި ފޭރުމުގެ ޢަމަލުތައް ދަނީ އިތުރުވަމުންނެވެ. މިކަންކަން ހުއްޓުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގިނަ ޢަދަދެއްގެ ފައިސާ އެއްތަނުން އަނެއް ތަނަށް އުފުލާއިރު ފޭރެމުންދާތީ ފައިސާތައް ގެންދިޔުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

Exit mobile version