އިންޑިއާގެ ހެލިކަޕްޓަރު ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ، އިންޑިއާގެ އަސްކަރީއްޔާއިން ރާއްޖޭގެ ބިމުގައި ފައި ހަރުކުރުން ކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓީޖިކް އިންޓަނޭޝަނަލް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ޢުމަރު ނަސީރު ވިދާޅުވެފައިވަނީ އިންޑިއާގެ ހެލިކަޕްޓަރުތައް ބެލެހެއްޓުމަށް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެން ނުޖެހޭ ކަމުގައެވެ. އެނާ ވިދާޅުވެފައިވަނީ ހެލިކަޕްޓަރު ތަކަކީ އިންޑިއާއިން ދިން ހަދިޔާއެއް ކަމަށް ބުނާ ނަމަ، ހަދިޔާ ބޭނުން ކުރުމުގެ ފުރުސަތު ދިވެހި ސިފައިންނަށް ވެސް އޮންނަން ޖެހޭނެ ކަމަށެވެ. އުމަރު ވަނީ އިންޑިއާގެ ހެލިކަޕްޓަރު ތަކަކީ ދިވެހި ބިމުގައި އިންޑިއާ ސިފައިން ފައި ހަރު ކުރުމަށް ބޭނުންކުރާ "ޓްރޯޖަން ހޯސް" އެއް ގޮތުގައި ސިފަ ކުރައްވާފައެވެ.
ހެލިކަޕްޓަރު މައްސަލައިގައި އިތުރަށް ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އިންޑިއާއިން ވަނީ ހެލިކަޕްޓަރު ޙަވާލުކުރާތާ އެއް އަހަރުތެރޭ އެދުއްވާނެ ދިވެހި ސިފައިން ތަމްރީން ކޮށްދޭނެ ކަމަށް އެއްބަސްވެފައި ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެފަދަ ތަމްރީނެއް ނުހިންގައެވެ.
މުއްދަތު ފަހަނަޅައި އެތައް ދުވަހެއް ފާއިތުވިއިރުވެސް ދިވެހި ސިފައިން ތަމްރީން ނުކުރެވުމުން ރައީސް ޔާމިން ސަރުކާރުން ވަނީ ހެލިކަޕްޓަރު ތަކާއި އެކު އިންޑިއާ ސިފައިން އަނބުރައި އެޤައުމަށް ގެންދިޔުމަށް އިންޑިއާއަށް އަންގަވައިފައެވެ. އެހެންނަމަވެސް އެކަމަށް ވެސް އިންޑިއާއިން ވަނީ ދެކޮޅު ހަދައިފައި ކަމަށް ޢުމަރު ވިދާޅުވެފައިވެއެވެ.
ކުރިއަށްއޮތް ތާނގާއި ޑޯނިއާ ބޯޓުތައް ރާއްޖެއަށް ގެންނައިރު ދިވެހިންނަށް އެންމެ ބޮޑެތި މަތިންދާ ބޯޓު އުދުއްސާލެވޭ އިރު ހެލިކަޕްޓަރު ދުއްވުމާއި އަދި މަރާމާތު ކުރުމުގެ މަސައްކަތް ދިވެހިންނަށް ނުކުރެވެންވީ ސަބަބެއްނެތް ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.
އުމުރު ނަސީރު ވިދާޅުވެފައިވާ ގޮތުގައި، އިންޑިއާއި ރާއްޖޭގެ ގުޅުން އެންމެ ރަނގަޅަށް އޮތީ 2008 އަހަރާ ޖެހެން ދެން ކަމަށެވެ. އަދި އޭރު ރާއްޖެއިން ބޭރުގެ ޤައުމުތަކާއި އެކު ބޭއްވި ވަރަށް ހަމަ ގުޅުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން ދިވެހި ރާއްޖޭ ވަނީ މާ ބޮޑަށް އިންޑިއާ ކޮޅަށް ބުރައިވެފައި ކަމާށާއި، އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ މާބޮޑަށް އިންޑިއާއާ ފޭއަށް ޖެހިވަޑައިގެންފައި ކަމަށް ޢުމަރު ވިދާޅުވެފައިވެއެވެ.