އައްޑޫސިޓީ ގިރަމުންދާ ސަރަހައްދުތަކަށް ދާއިމީ ހައްލެއް ގެންނެވުމަށް ސަރުކާރުން ވިސްނަވާ ވަޑައިގަންނަވާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކިސަރަހައްދުތަކަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުމާއި އުދައިގެ ސަބަބުން ލިބުނު ގެއްލުންތައް ބެއްލެވުމަށް މިހާރު އައްޑުއަށް ވަޑައިގެން އުޅުއްވާ ޓީމުގެ ފަރާތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ މުހައްމަދު ޖަމްޝީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ހިމެނޭ ކަމަށެވެ.
އެ ގޮތުން އައްޑޫސިޓީން އެންމެބޮޑަށް ގެއްލުން ލިބުނު އަވަށްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އުދައިގެ އަސަރު ކުރުމުގެ ސަބަބުން ހިތަދޫގެ ފުއްޓަރު ފަރާތުން ވަރަށް ބޮޑުބައެއް މިހާރުވެސް ވަނީ ގިރައިގެން ގޮސްފައިވެއެވެ.
އެ ސަރަހައްދު ގިރަން ފެށުމުން ހައުސިން މިނިސްޓްރީގެ ޕަބްލިކްވޯކްސް ޓީމުންވަނީ ރޭ އެސަރަހައްދަށްގޮސް ވަލިބަސްތާ ޖަހައި، ފަސްއަޅައި ވަގުތީ ހައްލެއް ހޯދައިދީފައެވެ.
ގޮނޑުދޮށާ ކައިރީގައި ތިބި ގެތަކަށް އުދައިގެ އަސަރުކޮށް ބައެއް ގެތަކުގެ އިންފާރު ވެއްޓިފައިވާ ކަމަށްވެސް ޖަމްޝީދު ވިދާޅުވިއެވެ. "ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމަކުން ރައްޔިތުންނާއި އެމީހުންގެ ގެދޮރާއި މުދާ ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް މި ނިސްޓްރީން ކުރެވެންއޮތް ކޮންމެ ކަމެއް އަޅުގަނޑުމެން ކޮށްދޭނަން. އެގޮތުން މިހާރުވެސް މިގެންދަނީ އައްޑޫ ސިޓީގައި ގެއްލުން ލިބިފައިވާ ތަންތަނަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން،" ޖަމްޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ބަލާއިރު އެއީ އެތައް ދިރާސާއަކާއި ބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަމެއް ކަމަށެވެ. އެހެން ކަމުން ސަރުކާރުން ފުރަތަމަ ވިސްނަވާ ވަޑައިގަންނަވާނީ އެފަދަ ބޮޑެތި މަޝްރޫއުތައް ހިންގަން ބޭނުވާނެ ފައިސާއާއި އެކަން ކުރާނެ ގޮތްތައް ހޯދެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. "މިދައްކަނީ އާދައިގެ ކަންކަމުގެ ވާހަކައެއް ނޫން. ބޮޑެތި ޚަރަދު ހިނގާނެ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ. އެހެންވީމާ އެކަންކަން ކުރެވޭނީ އެކަންކަމާމެދު ވިސްނައި ޕްލޭންތަކެއް ހަދައި އޭގެ ތެރެއިން. އެހެންވީމާ ރައްޔިތުންނަށް މިކަންކަން ކޮށްދެއްވުމަކީ ރައީސް ޔާމީންގެ ސަރުކާރުން ވިސްނަވާނެ ކަމެއް،" ޖަމްޝީދު ވިދާޅުވިއެވެ.