އަނެއްކާވެސް އިދިކޮޅުން އެއްކެންޑިޑޭޓްގެ މަޝްވަރާ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓް ނެރުމަށްޓަކައި އެކަމާބެހޭ މަޝްވަރާތައް އަލުން ފަށަން ނިންމައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފު ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ބަޔެއް މަޝްވަރާތައް ހުއްޓިފައި އޮތުމަށް ފަހު އަނެއްކާވެސް އެފަދަ މަޝްވަރާތައް އަލުން ފަށަން މިހާރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއްކެންޑިޑޭޓް ނެރުމާބެހޭ މަޝްވަރާތައް ފަށާނެ ސީދާ ތާރީޚެއް ހަސަން ވިދާޅުނުވެއެވެ.

ހަސަން ވިދާޅުވީ ގާނޫނުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި އިދިކޮޅުން އެއްކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާއަކީވެސް އޭގެތެރެއިން ކަމެއް ކަމަށެވެ. އެއްކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާގައި އިދިކޮޅު ހުރިހާ ފަރާތަކުންވެސް ވަނީ ކޮމިޓީއަށް މަންދޫބުން ހަމަޖައްސާފައެވެ.

މަޝްވަރާ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފު، އެމްޑީޕީގެ ޕީޖީ ލީޑަރ، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙަންމަދު ސޯލިހު (އިބޫ)، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޑރ. ހުސައިން ރަޝީދު ހަސަން، އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް ޝިދާތާ ޝަރީފް، އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ދަރިކަނބަލުން ޔުމްނާ މައުމޫން އަދި ރައީސް މައުމޫނާއެކު މަސައްކަތް ކުރައްވާ އައިމިނަތު ނާދިރާ އެވެ. މީގެތެރެއިން އިބޫ އާއި ރިޔާޒް މިވަގުތު ތިއްބެވީ ޖަލުގައެވެ.

އިދިކޮޅު ފަރާތްތަކުން މީގެކުރިންވެސް ވަނީ އެއްކެންޑިޑޭޓަކު 2018 ގެ ރިޔާސީ އިންތިޚާބަށް ނެރުމަށް މަޝްވަރާ ކޮށްފައެވެ. ނަމަވެސް އެފަހަރުގެ މަޝްވަރާތަކުގައި ގޮތެއް ނިންމިފައި ނުވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.