ފޯކްލިފްޓުގެ މައްސަލައަށް ބޭނުންވަނީ ސުލްހަވެރި ހައްލެއް

ސެންޓަރ އެންޓަރޕްރައިސަސް އިން ސްޓެލްކޯ އަށް ގެނެސްދީފައިވާ ފޯކްލިފްޓުގެ މައްސަލައަށް ބޭނުންވަނީ ސުލްހަވެރި ހައްލެއް ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އެސިސްޓެންޑް ޑިރެކްޓަރ އަބްދުﷲ ނާޒިރު ވިދާޅުވީ ކޯޓުން ބޭރުގައި އެމައްސަލަ ހައްލުކުރަން ސްޓެލްކޯއިން ވަރަށްބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ.

މި މައްސަލަ ދިމާވީ ސެންޓަރ އެންޓަރޕްރައިސަސް އިން ސްޓެލްކޯއަށް ގެނެސްދިން ފޯކްލިފްޓާ އެކުންފުނިން ހަވާލު ނުވިހިސާބުންނެވެ.

ސްޓެލްކޯއިން އެއާ ހަވާލުނުވީ އެކުންފުނިން އޯޑަރުދިން ބާވަތުގެ ފޯކްލިފްޓަށް އެ ނުވުމުންނެވެ. ނާޒިރު ވިދާޅުވީ އަދިވެސް އެ ނުކުތާގައި ސްޓެލްކޯއިން ހިފާނެ ކަމަށެވެ. ސްޓެލްކޯ އިން ސްޓެލްކޯއިން އެއާ ހަވާލުނުވީއޯޑަރުދެއްވީ ހަ ޓަނުގެ ފޯކްލިފްޓަކަށެވެ. އެހެންނަމަވެސް ސެންޓަރ އެންޓަރޕްރައިސަސްއިން ގެނެސްދީފައިވަނީ 4.6 ޓަނުގެ ފޯކްލިފްޓެއް ކަމަށް ނާޒިރު ވިދާޅުވިއެވެ. "އެހެންވީމާ އަދިވެސް އެ ހަޓަނުގެ ޕޮއިންޓުގައި އަޅުގަނޑުމެން ހިފާނަން. އެކަމަކު އަދިވެސް އެމައްސަލަ ކޯޓުން ބޭރުން ހައްލުވެއްޖެއާޔާ އެއީ އެންމެ ރަނގަޅުގޮތް. ކޮންމެ ގޮތެއްވިޔަސް ސުލްހަވެރި އިންސާފުވެރި ހައްލެއް ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.

އެ ފޯކްލިފްޓަކީ ސެޓެލްކޯއިން އޯޑަރުދިން ސައިޒުގެ އެއްޗަކަށްނުވާތީ ސްޓެލްކޯއިން އެ ނެރުމަށް ސިވިލްކޯޓުން ވަނީ 2015 ވަނަ އަހަރު ސެންޓަރ އެންޓަރޕްރައިސަސް އަށް އަމުރުކުރައްވައިފައެވެ. އެ ހުކުމް ހައިކޯޓަށް ހުށަހެޅުމުން އެކޯޓުންވަނީ ހަމަ އެއަހަރު އެ ހުކުމް ބާތިލްކުރައްވައިފައެވެ. އެ މައްސަލަ މިހާރުވަނީ ސްޕްރީމް ކޯޓަށް ވައްދައިފައެވެ. ސްޕްރީމް ކޯޓުގައި މައްސަލަ ލަސްވަމުންދާތީ ސްޓެލްކޯއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ފޯކްލިފްޓް ގެނައުމަށް ސެންޓަރ އެންޓަރޕްރައިސަސްއާ ސްޓެލްކޯއިން ހަވާލުކުރީ 2010 ވަނަ އަހަރު ބީލަން އުސޫލުންނެވެ. އެހެންނަމަވެސް އެ ގެނައިއިރު ސްޓެލްކޯއިން ބޭނުންވި ސައިޒުގެ އެއްޗަށް ނުވުމުން ސްޓެލްކޯއިންވަނީ އެ ގެންދިޔުމަށް ސެންޓަރ އެންޓަރޕްރައިސަސް އަށް އަންގަވައިފައެވެ. އެހެންނަމަވެސް އަދިވެސް އެ ނުގެންގޮސް ސްޓެލްކޯގެ ގޯތިތެރޭގައި އެ ބާއްވައިފައި އެބައޮތެވެ.

ނާޒީރު ވިދާޅުވީ އޭގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމަށްވެސް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށެވެ. އެހެންވީމާ ކޯޓުމަރުހަލާއިން އެކަން ވީހާވެސް އަވަހަކަށް  ނިންމުމަކީ ވަރަށް ބޮޑަށް އެދޭކަމަށް ނާޒިރު ވިދާޅުވިއެވެ. ސްޕްރީމް ކޯޓަށް އެމައްސަލަ ވެއްދިތާ ތިން އަހަރުވެއްޖެއެވެ. އަދި ހުރިހާ އަޑުއެހުމެއްވެސް މިހާރުވަނީ ނިމިފައި ކަމަށް ނާޒިރު ވިދާޅުވިއެވެ. އެކަމަކު ހުކުމެއް ނައިސް ލަސްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ލަސްވަމުންދާތީ ގެއްލުމުގެ ބަދަލު ހޯދަން ސެންޓަރ އެންޓަރޕްރައިސަސް އިންވަނީ މައްސަލަ ހުށަހަޅައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.