ވެރިފަރާތް ނޫޅެ ކުއްޔަށްދިން ފްލެޓެއް ހުސްކުރަން އަންގައިފި

ސަރުކާރުން އެންމެ ފަހުން ހުޅުމާލޭގައި ދޫކުރި ފްލެޓު ތަކުގެ ތެރެއިން ފްލެޓް ލިބުނު ފަރާތްނޫން އެހެން މީހަކަށް އެ ފްލެޓް ކުށްޔަށްދީފައިވާތީ ފްލެޓް ހުސްކޮށް ހަވާލުކުރުމަށް ހައުސިންގ މިނިސްޓްރީން އެފަރާތަށް އަންގައިފިއެވެ.

ހައުސިންގ މިނިސްޓްރީން ފްލެޓް ދިން ފަރާތަށް އަންގާފައި ވަނީ 30 ދުވަހުގެ މުއްދަތުގައި ފްލެޓް ހުސްކޮށް މިނިސްޓްރީއާ ހަވާލު ކުރުމަށެވެ. މިނިސްޓްރީގެ ސާވޭ ޓީމުތަކެއް ދާދިފަހުން ވަނީ އަލަށް ދޫކުރި ފްލެޓް ތަކަށްގޮސް އެތަންތަން ބަލާފައެވެ. ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން އެންމެ ފަހުން ދޫކުރި ފްލެޓް ތަކުން ފްލެޓެއް ހުސްކުރަން މިނިސްޓްރީން ނިންމިއިރު ފްލެޓް ލިބުނު ފަރާތްނޫން އެހެން ފަރާތްތަކަށް ފްލެޓް ކުށްޔަށް ދިނުމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ.

އެ ޝަކުވާ ބޮޑުވުމާއެކު ހައުސިންގ މިނިސްޓަރު ޑރ މުޙަންމަދު މުއިއްޒުވެސް މީގެކުރިން ވިދާޅުވެފައި ވަނީ ފްލެޓް ލިބުނު މީހުންނާއެކު މިނިސްޓްރީން އެއްބަސްވެފައިވާ އެއްބަސްވުމާ ޚިލާފުވާނަމަ އެފަދަ ފަރާތްތަކުގެ އަތުން ފްލެޓް އަތުލާނެ ކަމަށެވެ. އެފަހަރު ދޫކޮށްފައި ވަނީ 660 ފްލެޓެވެ.

ސަރުކާރުން މިހާރު ތައްޔާރު ވަމުން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 7000 ފްލެޓް އަޅައި އެތަންތަން ދޫކުރާށެވެ. އެ 7000 ފްލެޓް ދޭނެ ފަރާތްތައްވެސް މިނިސްޓްރީން މިހާރު ވަނީ ކެޓަގަރީ ކޮށްފައެވެ. އަދި އެ ފްލެޓު ތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ހުޅުވާލައްވާނެ ކަމަށް ހައުސިންގ މިނިސްޓަރު އިއްޔެ ވަނީ ވިދާޅުވެފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.