ސިފައިންގެ މިއަހަރުގެ ބަޑިމުބާރާތް ފަށައިފި

އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވޭ ސިފައިންގެ އަހަރީ ބަޑި މުބާރާތް 2018 މިއަދު ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފައިންގެ ހުނަރާއި ޤާބިލުކަން  އިތުރުކުރުމަށް ތަމްރީންތަކުގެ މުހިންމުކަމާއި ސިފައިންގެ ބަދަހި ލަޝްކަރުން ޤައުމަށް ފޯރުކޮށްދެމުންދާ އިޚްލާސްތެރި ޚިދުމަތް ފާހަގަކުރެއްވިއެވެ.

މިމުބާރާތް ފައްޓަވައި ދެއްވުމުގެ ގޮތުން ބަޑި ޖައްސަވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.

މި މުބާރާތް ކުރިއަށްދާނީ އަންނަ މަހު ފަސްވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ސިފައިންގެ 21 ޔުނިޓަކުން ވަނީ ބައިވެރިވެފައެވެ.

މިމުބާރާތް ނިސްބަތްވާ އަލްމަރްޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، އިޚުލާޞްތެރިކަމާ ވަފާތެރިކަމާއެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.