ސޯނަމް ކަޕޫރް އާއި އާނަންދް އަހޫޖާ މޭ މަހު ކައިވެނި ކުރަނީ

ސޯނަމް ކަޕޫރް އާއި އާނަންދް އަހޫޖާ މޭ މަހު ކަައިވެނި ކުރަން ނިންމާފައިވާ ކަމަށް މުމްބާއީ މިރަރ އިން ރިޕޯޓްކޮށްފިއެވެ.

ސޯނަމް އޭނާގެ ޒާތީ ވާހަކަ އެއްވެސް ވަރަކަށް މީޑިއާ އާއި ހިއްސާ ނުކުރެއެވެ. އޭނާ އާއި ވިޔަފާރިވެރިޔާ އާނަންދް އަހޫޖާ އާއި ބެހޭ ގޮތުން މީޑިއާއިން ކުރާ ސުވާލުތަކަށް އޭނާ އަބަދުވެސް ދެނީ އެއް ޖަވާބެކެވެ. ޒާތީ ވާހަކަ މީޑިއާ އާއި ހިއްސާ ކުރަން ބޭނުން ނުވާ ވާހަކައެވެ. އެހެން ނަމަވެސް އަނާންދް އާއި އޭނާ އެކި ގައުމުތަކުގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯ ތަކާއި ވީޑިއޯ އިންސްޓެގްރާމްގައި ޕޯސްޓް ކުރެއެވެ.

ސޯނަމް އާއި އާނަންދް ގެ ކައިވެނީގެ ވާހަކަ މީޑިއާގައި ދެކެވާތާ ތިން މަސް ދުވަސްވެފައި ވަނިކޮށް އެމީހުންގެ ކައިވެނީގެ ތާރީޚް ކަނޑައަޅައިފި ކަމަށް މުމްބާއީ މިރަރ އިން ރިޕޯޓްކޮށްފިއެވެ. މުމްބާއީ މިރަރ ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސޯނަމް އާއި އާނަންދް ގެ ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ މޭ މަހުގެ 11ވަނަ ދުވަހާއި 12ވަނަ ދުވަހު ޖެނީވާ ގައެވެ. ސޯނަމްގެ ކައިވެނީގެ ހަފްލާއަށް ދައުވަތު ދިނުމަށް އޭނާގެ ބައްޕަ އާއިލާ އާއި ގާތް ރައްޓެހީންނަށް ފޯނުން ދައުވަތު ދެމުންދާ ކަމަށް ވެސް އެ ނޫހުގައި ވެއެވެ.

ފެޝަން އިންޑަސްޓްރީ އާއި ހަވާލާދީ މުމްބާއީ މިރަރ އިން ރިޕޯޓް ކުރާ ގޮތުގައި ސޯނަމްގެ ކައިވެނީގެ ހެދުންތައް ފަރުމާ ކުރާނީ އޭނާގެ އާއިލާގެ ގާތް ޑިޒައިނަރުން ކަމަށްވާ އަބޫ ޖާނީ އާއި ސަންދީޕް ކޯޝްލާ އަދި ސޯނަމް ގާތް ރައްޓެހި ޑިޒައިނަރުން ކަމުގައިވާ ތަމާރާ ރަލްޕް އާއި މައިކަލް ރޫސޯ އެވެ.

ޖެނީވާގައި ކައިވެނި އޮތް ނަމަވެސް ކައިވެނީގެ ހަފްލާ އޮންނާނެ ވަކި ތަނެއް އަދި ސާފުނުވާ ކަމަށް ވެއެވެ. ޖެނީވާގައި އާންނަންދް އަހޫޖާގެ އަމިއްލަ ގެއެއް ހުރެއެވެ. އަދި އޭނާގެ ވިޔަފާރި ވެސް އޮވެއެވެ. ޖެނީވާ އަކީ ސޯނަމް އާއި އާނަންދް އެންމެ ގިނައިން  ޗުއްޓީ ހޭދަ ކުރާ އެއް ގައުމެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.