ބޮޑު މުޒާހަރާ ފަށައިފި، ފުލުހުން ގެންދަނީ މީހުން ބަންދު ކުރަމުން

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ މުޒާހަރާ ފަށައިފިއެވެ. މުޒާހަރާފަށައި ކުރިއަށްދާއިރު ގިނަ އަދަދެއްގެ ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

މުޒާހަރާ ފަށައިގެން މާގިނައިރެއް ނުވަނީސް ފުލުހުން ގެންދަނީ މީހުން ހައްޔަރު ކުރަމުންނެވެ. އެހެންނަމަވެސް މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ކިތައްމީހުން ކަމެއް ކަށަވަރެއް ނުކުރެވެއެވެ. މުޒާހަރާ ކުރަމުންދާ މަޖީދީ މަގު ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިން ބުނީ މުޒާހަރާ ހޫނުވެގެން ނުދިޔަސް ފުލުހުން ގެންދަނީ މަޑުމަޑުން ތިބެފައި މީހުން ހައްޔަރު ކުރަމުން ކަމަށެވެ. މިހާތަނަށް މަދުވެގެން ވިއްސަކަށް މީހުން ބަންދުކޮށްފި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ބަންދުކުރާ މީހުން ފުލުހުން އަރުވަނީ އެމީހުންގެ "އައިސްކްރީ ލޮރީ" އަށެވެ.

އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވަމުންދާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މި މުޒާހަރާ ކުރިއަށް މިދަނީ މުޒާހަރާ ނުބާއްވަން ފުލުހުން އިލްތިމާސް ކުރައްވާފައިވަނިކޮށްނެވެ. މުޒާހަރާގައި ބައިވެރި ނުވުމަށް ފުލުހުން އަންގާފައިވަނިކޮށް އޭގައި ބައިވެރިވެގެން އެއްވެސް މީހަކަށް ލިބޭ ގެއްލުމަކަށް ފުލުހުން ޒިންމާނުވާނެ ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުން މިހާރުވަނީ މަޖީދީ މަގާއި ޗާންދަނީ މަގާ ގުޅުނު ސަރަހައްދުގައި ތިބި މީހުން އެތަނުން ދުރަށް ފޮނުވާލައިފައެވެ. އެހެންނަމަވެސް އެތަން ދޫކޮށްލާފައި އެންމެންދާތަނެއް ނުފެނެއެވެ. ފުލުހުން ގެންދަނީ އެ ސަރަހައްދު ދޫކޮށްލާފައި ދިޔުމަށް އިންޒާރުވެސް ދެމުންނެވެ.

މި މުޒާހަރާގައި ފުލުހެއްގެ ގަޔަށް މިރުސް ފެންޖަހައިފި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި ފުލުހުންވަނީ އާންމުގެ އިތުރަށް ބައެއް ނޫސްވެރިންވެސް ހައްޔަރު ކޮށްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ރާއްޖެ ޓީވިން ބުނީ އެތަނުގެ ތިން ނޫސްވެރިން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން މިހާރުވަނީ ޕެޕަރސްޕްރޭވެސް ޖަހައި ފައެވެ. އެހެންނަމަވެސް ބައިވެރިން މައިދާން ދޫކޮށްފައިދިޔުމަށް ތައްޔާރު ނޫންކަން ދަނީ ދައްކަމުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މުޒާހަރާގެ ބައިވެރިންގެ ހަރަކާތްތައް ހުއްޓާލުމަށްފަހު އެނބުރިދިޔައީ ރޭ ވަރަށްދަންވި ފަހުންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.