ދުލެއް ނުދޭނަން، މުޒާހަރާތައް ކުރިޔަށްދާނެ- ނަޝީދު

މުޒާހަރާއަށްދާ މީހުން ފުލުހުން ހައްޔަރު ކުރަމުން ދިޔަނަމަވެސް "ދޫނިދުމެއް ނެތް" ކަމަށާއި ކުރިޔަށް އޮތްތަނުގައިވެސް މުޒާހަރާތައް ކުރިޔަށްދާނެ ކަމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ މަޖީދީމަގަށް އެއްވެ މުޒާހަރާ ކުރި މީހުންގެ ތެރެއިން ގިނަބަޔަކު ހައްޔަރުކޮށް، ދޫނިދޫއަށް ގެންގޮސްފައި ވަނިކޮށް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ޖޯޝާއި ޝައުގުވެރިކަން ކެނޑުނަނުދީ އެކަން ދަމަހައްޓާނެ ކަމަށެވެ. މުޒާހަރާ ކުރިޔަށް ގެންދާނެ ކަމަށެވެ. ނަޝީދު ވަނީ ރޭގެ މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންނަށް މަރުޙަބާ ދަންނަވާފައެވެ.

ރޭ އޮތް މުޒާހަރާގައި 15 މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންވެސް ހިމެނެއެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ގިނަމީހުން މިހާރު ވަނީ މީހުން ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ހިންގާ ސިލްސިލާ މުޒާހަރާތައް ކުރިޔަށް ގެންދާއިރު އިދިކޮޅުން ބުނަމުން ދަނީ މިމަހުގެ 16 ވަނަ ދުވަހަކީ ވަރަށް ބޮޑު ދުވަހެއް ކަމަށާއި އެދުވަހު މާލޭގައި ބޮޑު އެއްވުމެއް އޮންނާނެ ކަމަށެވެ. އަދި ވީހާވެސް ގިނަބަޔަކު އެދުވަހު މާލެއަށް އައުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އަމާންކަން ނަގާލުމަށް އެއްވެސް ފުރުޞަތެއެއް ނުދޭނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.