ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދިން ވީޑިޔޯގެ މައްސަލަ ބަލަނީ

ފުލުހުންގެ ރަސްމީ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް ވަރުގަދަ އިންޒާރުތަކެއް ދިނުމަށް ފަހު ޔޫޓިއުބަށް ލާފައިވާ ވީޑިޔޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ ޔުނިފޯމުގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ސަރުކާރަށާއި ފުލުހުންގެ ބަޔެއް އިސްބޭފުޅުންނަށް ނިސްބަތްކޮށް އިންޒާރުތަކެއްދޭ ވީޑިޔޯ ޔޫޓިއުބަށް ލާފައިވާއިރު ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ވީޑިޔޯގައި ވާހަކަ ދައްކާފައި ވަނީ ދިވެހި ފުލުހުންގެ ބަޔެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޝިފާން ވިދާޅުވީ މިހާތަނަށް ފުލުހުން ބެލި ބެލުންތަކުން ވީޑިޔޯގައި ފެންނަ މީހުންނަނީ ފުލުހުންކަން ޔަގީން ވެފައި ނެތް ކަމަށާއި، އަދިވެސް އެ މައްސަލަ ބަލަމުންދާ ކަމަށެވެ.  މި ވީޑިޔޯގައި ވާހަކަ ދެއްކި މީހުން ބުނެފައި ވަނީ ފުލުހުންގެ މައްޗަށް މިހާރު އިއްވާ އަމުރު ތަކަކީ ޣައިރުގާނޫނީ އަމުރުތަކެއް ކަމަށާއި، އެފަދަ އަމުރުތަކަށް ފުލުހުން ތަބާނުވާނެ ކަމަށެވެ. އަދި އެކަން ކުރުން ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ. އަދި ފުލުހުންގެ މުއައްސަސާ ޕީޕީއެމްގެ ޖަގަހައަކަށް ބަދަލުވެފައިވާ ކަމަށާއި ފުލުހުންނަކީ ވަކި ކުލައަކަށް ތަބާވާނެ ބަޔެއް ނޫން ކަމަށެވެ. ފުލުހުން ތަބާވާނީ ގާނޫނު އަސާސީއަށް ކަމަށާއި ފުލުހުންގެ މުއައްސަސާގެ ދިފާއުގައި ފެބްރުއަރީ 7 ވަނަ ދުވަހު ނުކުތް ގޮތަށް މިހާރުވެސް ނުކުންނަން ތައްޔާރު ކަމަށް ބުނެފައި ވެއެވެ.

ފުލުހުންގެ ޔުނިފޯމގައި މޫނު ނިވާކޮށްގެން ތިބި މީހުން ބުނެފައި ވަނީ ފުލުހުން ބޭނުންކޮށްގެން ހިންގާ "ޖިނާއީ ކުށްތަކާއި" ޣައިރުގާނޫނީ އަމުރުތަކަށް "ލައްކަ ދުވަހު ކެތްކުރެވިއްޖެ" ކަމަށާއި ގާނޫނު އަސާސީގެ ދިފާއުގައި "ނުކުންނާނަން" ކަމަށެވެ.

ވީޑިޔޯގައި ބުނެފައި ވަނީ ފުލުންގެ ފަރާތުން ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް ފުރަތަމަ އަންގަމުން ދަނީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަޙީމް އާއި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.