ވިއްސާރައިގެ ސަބަބުން ފެތުރިދާނެ ރޯގާއަކަށް ސަމާލުވޭ: އެޗުޕީއޭ

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އަރިދަފުސް ރޯގާއި ގައިންގަޔަށް އަރާ އެހެނިހެން ބަލިތައް އިތުރު ވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމުގައި ރާއްޖޭގައި މިފަދަ ރޯގާތައް ފެތުރެއެވެ. އެހެންވީމާ އެފަދަ ރޯގާ ތަކުން ސަލާމަތްވެ ތިބުމަށް އަމަލުކުރަންވީ ގޮތުގެ އިރުޝާދު އެޗުޕީއޭއިންވަނީ ދެއްވައިފައެވެ.

އެތަނުން ވިދާޅުވެފައިވަނީ އަރިދަފުސް ރޯގާ ޖެހި ކެއްސައި، ކިނބިހި އަޅާކަމަށްވާނަމަ ޓިޝޫއަކުން ނުވަތަ އެމީހަކު ލައިގެން ހުންނަ ހެދުމުގެ އަތުގެ މަތީބައިން އަނގައާއި ނޭފަތް ނިވާކުރުމަށެވެ. އޭގެ އިތުރަށް މީހުންއުޅޭ ތަންތަނަށް ދިޔުން މަދުކުރުމާއި، ޚާއްސަ ކޮށް ކުޑަކުދިން އެފަދަ ތަންނަނަށް ނުގެންދިޔުމަށް ވެސް އެޗުޕީއޭއިންވަނީ އިރުޝާދު ދެއްވައިފައެވެ. ރޯގާޖެހިގެންހުރ ކުޑަކުދިންގެ ގާތަށް ނުދިޔުމާއި އެކުދިން އުރައި ނެހެދުމަށްވެސް ވަނީ އިރުޝާދު ދެއްވައިފައެވެ.
އޭގެ އިތުރަށް އާންމު ސާފުތާހިރު ކަމަށާއި، ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި، ކެއުމުގެ ކުރިންނާއި ފާޚާނާކޮށް ނިމިގެންނާއި، އަދި ނެޕީ ބަދަލުކޮށް ނިންމުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށްވެސް އެޗުޕީއޭއިންވަނީ ވިދާޅުވެފައެވެ.

މިފަދަ ހާލަތްތަކުގައި ކުނިވާ ޒާތުގެ ކާނާއި އެހެނިހެން ތަކެތި ރައްކާތެރި ކަމާއެކު ނައްތާލުމާއި، ކާބޯތަކެތި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ރޯފިލާވަރަށް ކެއްކުމާއި، ކެއްކުމަށްފަހު ބާކީވާ ކާނާ ފަހުން ބޭނުން ކުރާނަމަ ރަނގަޅަށް ހޫނުކޮށްގެން ހޫނުކަންމަތީގައި ބޭނުންކުރުމަށާއި، މޭވާއާއި ތަރުކާރީ ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ދޮވެސާފު ކުރުމަށްވެސް އެޗުޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ހުސްފުޅިއާއި ދަޅު ފަދަ ތަކެތި ގޯތިތެރެއަށާއި މަގުތަކަށް އުކައިނުލުމަށްވެސް އެތަނުން ވަނީ ވިދާޅުވެފައެވެ. އެއީ އެފަދަ އެއްޗެހީގައި ފެން ހަރުލައި ޑެންގީ މަދިރި އާލާ ވުމުގެ ފުރުސަތު ބޮޑުވާތީ ކަމަށް ވިދާޅުވެފައިވެއެވެ. އޭގެ އިތުރަށް ހަށިގަނޑު މަދިރިން ސަލާމަތް ކުރުމަށާއި، ފަތިސް ގަޑީގައާއި، އިރު އޮއްސޭ ގަޑީގައި ގޭގެ ދޮރުތައް ލައްޕައި ބަންދު ކުރުމަށްވެސް ވަނީ އިރުޝާދު ދެއްވައިފައެވެ.

ލޮލުރޯގާ، ފާނަ ބަސަންދު، ހޭންޑު ފުޓު އެންޑް މައުތު ފަދަ ބައްޔެއް ޖެހިފައިވާނަމަ އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދީ މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމާއި، ކުޑަ ކުއްޖެއްނަމަ ބަލި ރަނގަޅުވަންދެން ސްކޫލަށް ނުފޮނުވުމަށްވެސް އެޗުޕީއޭއިންވަނީ އިރުޝާދު ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.