ބައެއް ގައިދީން ފިލިޔަސް އެހެން ގައިދީން ހައްގުތަކުން މަހުރޫމްވެގެން ނުވާނެ: ޝިފާގު

ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ބަޔަކު ފިލައިގެން ބޭރުގެ ގައުމަކަށް ގޮސް އުޅުމަކީ އެހެން ގައިދީން އެހައްގުތަކުން މަހުރޫމްވާޖެހޭ ސަބަބެއް ނޫންކަމަށް ސްޓޭޓް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ބޭސްވެރިކަމުގެ ނަމުގައި ރާއްޖެއިން ބޭރަށްގޮސް ފިލައިގެން އުޅުމާއި، މިނިވަންކަން ގެއްލޭގޮތަށް ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން ބަންދު ކުރެވިފައިވާ މީހުންނާ މުޅިން ތަފާތު ކަމަށެވެ.

އޭނާ ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނެއް ރާއްޖޭގައިވެސް އޮންނަ ކަމަށެވެ. އެއީ ދެހާސްތޭރަ ވަނަ އަހަރު ވަރަށް ބުރަމަސައްކަތުން ވުޖޫދުކުރި ގާނޫނެއް ކަމަށާއި، އޭގައި ގައިދީންނަށް ބޭސްފަރުވާ ކުރުމުގައި ވަކި އިޖުރާއަތްތަކެއްވެސް ކަނޑައެޅިފައިވާ ކަމަށެވެ.

"އެ އިޖުރާއަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވައިގެން އުޅުއްވާ ބޭފުޅުންތަކެއް އެގޮތަށް އަމަލު ކުރެއްވުމަކީ އެއީ އެއާ ވިދިގެން ދެންތިއްބެވި ގައިދީން އެހައްގުތަކުން މަހުރޫމްވާންވީ ސަބަބެއްނޫން.،" ޝިފާގު ވިދާޅުވިއެވެ.

އެހެންނަމަވެސް ބޭސްފަރުވާގެ ނަމުގައި ބޭރަށްގޮސް ބައެއް މީހުން ފިލައިގެން އުޅޭތީ ރައްޔިތުންގެ މަޖިލީހުން މިހާރުވަނީ ހަވަނަ ބާބުގެ ނަމުގައި ބާބެއް ގާނޫނަށް ނުވަތަ ގާނޫނު އަސާސީއަށް އިތުރު ކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ބައެއް ހައްގުތައް ހަނިވެގެންދާނެ ކަމަށްވެސް ޝިފާގު ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.